އެކުވެރި ދައުލަތްތަކުގެ (އ.ދ) ދިރާސާތަކުން ދައްކާ ގޮތުގައި އެއިޑެސް ބަލީގެ ސަބަބުން، ޒިމްބާބުވޭގައި އެތައް ބަޔަކު މަރުވެ، އަދި މިކަމުގެ ސަބަބުން މިލިޔަނަކާ ގާތްކުރާ ޢަދަދަށް ކުދީން ޔަތީމުވެފައިވެއެވެ.
ޔަތީމު ކުދީންނަށް ތަޢުލީމު ޙާޞިލް ކުރާނެ ފުރުޞަތު ފަހިކޮށްދީ ފާސްނުވެގެން ސުކޫލުން ވަކިވާ ނިސްބަތް ދަށްކުރުމަށްޓަކައި 2001 ވަނަ އަހަރު ޒިމްބާބުވޭގައި ހުޅުވާލި ބިޑެއްގައި، ޒިމްބާބުވޭގެ ސަރުކާރުން، އެޤައުމުގައި ތިބި އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ (ވަލްނަރަބަލް) ކުދީންނަށް އަސާސީ ތަޢުލީމު ހޯދައިދޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ސްކީމެއް ތަޢާރަފުކުރިއެވެ. މި ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދިޔަ އެއް ކުއްޖަކީ، އެއިޑްސް ބަލީގައި މަންމައާއި ބައްޕަ މަރުވެފައިވާ ޔަތީމު ކުއްޖެއްކަމަށްވާ، ފަދްޒާއީ އެވެ. ފަދްޒާއީގެ މައިންބަފައިން އެއިޑްސް ބަލީގައި ނިޔާވުމުން ފަޒްދާއީއަށް ޖެހުނީ އޭނާގެ ބޮޑުދައިތައާއެކީ ކާރޫބާރޫ ބޮޑު ޒިމްބާބުވޭގެ ވެރިކަން ކުރާރަށް ހަރާރޭއަށް ބަދަލުވާށެވެ. ހުވަފަތްވެފައިވާ އަންހެނަކަށް ވެފައި ރަސްމީ ވަޒީފާއަށް ނުދާތީވެ ފަދްޒާއީގެ ބޮޑުދައިތަ ކުރާ މަސައްކަތުން ކިރިޔާ ދެކޮޅު ޖެއްސެނީއެވެ.
ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް، ފަދްޒާއީއަށް ކިޔަވައިދިނުމަކީ އޭނާގެ ބޮޑުދައިތަގެ ހުވަފެނެކެވެ. މިގޮތުން، ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ހޯދި ފައިސާއިން، ފަދްޒާއީއަށް އާ ޔުނީފޯމެއް ގަނެދިނެވެ. އަދި ޔަތީމު ކުދީންނަށް ސަރުކާރުން ފީ ދައްކައިދޭ ސްކީމުން ފަޒްދާއީއަށްވެސް ފީ ދެއްކޭނެކަމަށްވެސް އޭނާގެ ބޮޑު ދައިތަ ޔަޤީންކުރިއެވެ. ނަމަވެސް، ކަންބޮޑުވާން ޖެހުނީ މަދަރުސާ ފީ ދައްކައިދިނުމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ހުށަހެޅުމުން ޤަބޫލު ނުކުރި ހިސާބުންނެވެ! މިކަމާ ގުޅޭގޮތުން، ކަމާ ގުޅުންހުރި އިދާރާއިން ދެއްކި އުޒުރަކީ ފަދްޒާއީ އާ ޔުނީފޯމެއް ލައިގެން ހުރި ހުރުމެވެ. އެ އިދާރާގެ އޮފިޝަލުން ބުނާ ގޮތުގައި ޔަތީމު ކުއްޖަކަށް ވިޔަސް އަދި ކޮންމެހެން ސަރުކާރުގެ ސްކީމް ދަށުން ފީ ދައްކައިދޭކަށް ނުޖެހެއެވެ. އާ ޔުނީފޯމެއް ގަނެވޭ ކޮންމެ ކުއްޖަކީ މަދަރުސާއަށް ފީ ދެއްކޭވަރުގެ ޤާބިލިއްޔަތުކަން ހުރި ކުއްޖެކެވެ. ފަދްޒާއީއަށް ސްކީމުން ފައިސާ ލިބެން ނެތީ މިހެންވެގެންނެވެ.
“އަހަރުމެންނަށް މިގޮތަށް އުޞޫލުން ބޭރުން ކަންކަން ކުރާކަމުގެ ޝަކުވާތައް ލިބޭ” ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ގެ ޒިމްބާބުވޭ ގޮފީގައި މަސައްކަތް ކުރާ ދަނާއީ ބުންޏެވެ. ދަނާއީ ބުނި ގޮތުގައި ސްކީމުން ފަދްޒާއީ އުނިކުރި ސަބަބެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އަދި އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިފަދަ ސްކީމްތައް ހެދިފައިވި ނަމަވެސް އެ ސްކީމްތަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނިކަމެތީންގެ ބަދަލުގައި މަންފާ ލިބެމުންދަނީ ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ ފަރާތްތަކާއި ގުޅިފައިވާ މީހުންގެ ޢާއިލާތަކަށެވެ.
ފީ ނުދެއްކުމުގެ ސަބަބުން ފަދްޒާއީއަކަށް މަދަރުސާއަކަށް ނުދެވުނެވެ. ނަމަވެސް، ބޮޑުދައިތަ ފަދްޒާއީއަށް ރަނގަޅު ތަޢުލީމެއް ދޭން ބޭނުންވާތީ އެކަމަށްޓަކައި އިތުރު މަސައްކަތް ފެށިއެވެ. މިގޮތުން، އޭނާ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ގެ ޒިމްބާބުވޭ ގޮފީގެ ޤާނޫނީ ލަފާދޭ މަރުކަޒާ ގުޅިއެވެ. އަދި އެތަނުގެ އެހީގައި މަދަރުސާއަށް ރަސްމީ ޝަކުވާއެއް ހުށަހެޅިއެވެ. އޭގެ ހަފްތާއެއް ފަހުން މަދަރުސާގެ އިސްވެރީންނާއެކު ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލުން މީޓިންގ އެއް ބޭއްވުމަށް ގުޅައިފިއެވެ.
މަދަރުސާއިން ފަދްޒާއީގެ ބޮޑުދައިތަގެ ގާތުގައި ބުނިގޮތުގައި އޭނާގެ ކޭސް އަލުން މުރާޖަޢާކޮށް ފަދްޒާއީ ވަނީ މިހާރު ސްކީމުގައި އަލުން ބައިވެރިކޮށްފައެވެ. މަދަރުސާއިން އެއްވެސް ވަރަކަށް ޝަކުވާ ހުށަހެޅި ސިޓީގެ ވާހަކަ ނުދެއްކިނަމަވެސް، ފަދްޒާއީގެ ބޮޑުދައިތަ ޤަބޫލުކުރާގޮތުގައި މަދަރުސާގެ ނިންމުން ބަދަލުކުރުމުގެ ފަހަތުގައިވަނީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ޒިމްބާބުވޭއިން އޭނާޔަށް އެއްބާރުލުން ދިނުމެވެ.
ދަނާއީ ބުނާގޮތުގައި މި މައްސަލައަށް ފަހު ޤާނޫނީ ލަފާދޭ މަރުކަޒަށް މިފަދަ ޝަކުވާ ހުށަހަޅާ ބެލެނިވެރީންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.
ޒިމްބާބުވޭގައި މަސައްކަތް ކުރަމުން އަންނަ ޓްރާންސްޕޭރަންސީގެ ޓީމުން ދަނީ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އިސްބޭފުޅުންނާއި މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ ފަރާތްތަކަށް އެޑްވަކަސީ ޙަރަކާތްތައް ހިންގައި ހަމަހަމަކަމާއި ހާމަކަމާއެކީ ރައްޔިތުންނައް ޖަވާބުދާރީ ވެވޭނެހެން ނިޒާމް އެކުލަވާލުމަށް ގޮވާލާފައިވެއެވެ.
“ފަދްޒާއީ އަށް ސްކޫލަށްގޮސް ތަޢުލީމް ޙަސިލް ކުރެވޭތީ އަހަރުމެން މިތިބީ ވަރަށް އުފަލުން ” ދަނާއީ ބުންޏެވެ. “ނަމަވެސް އަދި އަހަރުމެންނަށް މަޑުކޮށްލައިގެން ތިބެވޭކަށެއް ނެތް! އަހަރުމެން ބޭނުންވަނީ ފަދްޒާއީ ކަހަލަ ހުރިހާ ކުދިންނަށް ލިބެންޖެހޭ ޙައްޤު ލިބިގެން ދިޔުން.” ފަދްޒާއީގެ ވާހަކަ ނިންމާލަމުން ބުންޏެވެ.
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ރިސްޓޯރިންގ ހޯޕް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/restoring_hope