ކާމިޔާބީތައް

2018 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކާމިޔާބީތައް

މަޢުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އެވޯޑް އޭސީސީއަށް ލިބުން:
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް 2018 ވަނަ އަހަރު އޭސީސީއަށް ލިބުން. އަދި އޭސީސީއަކީ އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑަށް އެންމެ މަތިން މާކްސް ހޯދި މުއައްސަސާއެވެ.

އެންމެ ރަނގަޅު އެބްސައިޓް އެވޯޑް އޭސީސީއަށް ލިބުން:
2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަޢުލޫމާތު ހާމަކޮށްފައިވާ ވެބްސައިޓުގެ ގޮތުގައި 92.31 އިންސައްތަ މާކްސްއާއެކު 1ވަނަ ދަރަޖައިގެ ވެބްސައިޓުގެ މަޤާމް އޭސީސީގެ ވެބްސައިޓަށް ލިބުން.

އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރގެ އެވޯޑް އޭސީސީގެ އިންފޮމޭޝަން އޮފިސަރަށް ލިބުން:
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މަޢުލޫމާތު ދިނުމުގައި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް އޭސީސީގެ އިންފޮމޭޝަން އޮފިސަރ އަށް ލިބިގެންދިއުން.

2017 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކާމިޔާބީތައް

މަޢުލޫމާތު ހާމަ ކުރުމުގެ “ރަންވަނަ” އެވޯޑް އޭސީސީއަށް ލިބުން:
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް 2017 ވަނަ އަހަރު އޭސީސީއަށް ލިބުން. އަދި އޭސީސީއަކީ އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑަށް އެންމެ މަތިން މާކްސް ހޯދި މުއައްސަސާއެވެ.

އެންމެ ރަނގަޅު އެބްސައިޓް އެވޯޑް އޭސީސީއަށް ލިބުން:
2017 ވަނަ އަހަރު އެންމެ ރަނގަޅަށް މަޢުލޫމާތު ހާމަކޮށްފައިވާ ވެބްސައިޓުގެ ގޮތުގައި 85 އިންސައްތަ މާކްސްއާއެކު 1ވަނަ ދަރަޖައިގެ ވެބްސައިޓުގެ މަޤާމް އޭސީސީގެ ވެބްސައިޓަށް ލިބުން.

އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާއެއް ބޭއްވުން:
ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ދަޢުވާ އުފުލުމާއި ނަޒާހަތްތެރިކަން ކުރިއެރުވުމާ ބެހޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާއެއް ބޭއްވުން. އަދި މި މަހާސިންތާގައި ދައުލަތުގެ 10 މުއައްސަސާއަކުން ކޮރަޕްޝަނާއި ދެކޮޅަށް އެއްބަސްވާ ކަންތައްތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ޑިކްލަރޭޝަން އެއް ފާސްކުރުން

ޙަޤީޤީ ވާހަކަ ފޮތް ޝާއިޢު ކުރުން:
ކޮރަޕްޝަންގެ ޢަމަލުތަކާމެދު މީހުން ހޭލުންތެރި ކުރުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާފައިވާ ޙަޤީޤީ ޙާދިސާތަކުގެ މައްޗަށް އެކުލެވޭ ކުރުވާހަކަ ކޮންމެ ހަފްތާއަކު އެއްފަހަރު ވެބްސައިޓްގައާއި ވީނިއުސްގައި ޝާއިޢުކުރަމުން ގެންދެވިފައިވެއެވެ. އަދި އެވާހަތައް ފޮތެއްގެ ސިފާގައި ފުރަތަމަ ފަހަރަށް ޝާޢިއުކުރެވުނީ 2017 ވަނަ އަހަރުއެވެ.

ހުދު ކަރުދާސް ޝާއިޢު ކުރުން:
ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން “ހުދު ކަރުދާސް” ސީރީސްއެއް މުޅިން އަލަށް ނެރެން ފެށުނެވެ. މިއީ، ކޮމިޝަންގެ ފަރާތުން ޝާއިޢު ކުރާ އިލްމީ ދިރާސާ ތަކެކެވެ.

އަލަށް ތަންފީޒު ކުރަން ފެށުނު ޖިނާއީ އިޖުރާތުގެ ޤާނޫނާ ގުޅިގެން ކޮމިޝަންގެ ޢާއްމު ގަވާއިދު އިސްލާހް ކުރުން:
ކޮމިޝަނުގެ ޢާންމު ގަވާއިދަށް ގެންނަންޖެހޭ ބަދަލުގެނެސް، ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ބުނެފައިވާ މުއްދަތު ތެރޭގައި ނިންމާ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، ޢަމަލު ކުރަން ފެށުނެވެ. އަދި އޭސީސީ ހިމެނިފައިވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެމަސައްކަތް ފުރިހަމަ ކުރި މަދު މުއައްސަސާތަކުގެ ތެރޭގައެވެ.

ކަސްޓަމްސް ދާއިރާއާ ބެހޭ ރިސްކް އެސެސްމަންޓް ޝާއިޢުކުރުން:
ރާއްޖެއަށް އެތެރެކުރާ މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކްލިއާކުރުމާގުޅޭ މަސައްކަތް ހިނގާގޮތް ދިރާސާކޮށް އެކަމުގައި ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ކަންކަން ހިނގާތޯ ބެލުމަށް ރިސްކް އެސެސްމަންޓެއް ހަދާ އެފަރާތަށް ލަފާދީ، އެސެސްމަންޓް ޝާއިޢުކުރީ 2017 ވަނަ އަހަރު އެވެ.

ކޮމިޝަންގައި އެޓޭޗްމަންޓް ޕްރޮގްރާމެއް ހިންގަން ފެށުން:
ކޮމިޝަންގައި އިންޓަރނުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ޔުނިވާސިޓީ/ކޮލެޖްގެ ދަރިވަރުންނަށް އަމާޒުކޮށް އެޓޭޗްމަންޓް ޕްރޮގްރާމެއް އެކުލަވާލާ ތަންފީޒުކުރަން ފެށުނެވެ.

އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން:
2017 ވަނަ އަހަރުގެ ޕީއެސްއެމް ގެ “ފަހި ދޫ” ބަހުސް މުބާރާތުގެ އެންމެ މޮޅު 5 ބަހުސް ކުރުންތެރިންގެ ތެރޭގައި އޭސީސީގެ މުވައްޒަފެއް ހިމެނިފައިވެއެވެ.

ބިތުފަންގި ރޭޑިއޯ ޕްރޮގްރާމްގެ 4 އަދި 05 ކުރިއަށް ގެންދިއުން:
ބިތުފަންގި ރޭޑިއޯ ޕްރޮގްރާމް 04 ރޭޑިއޯ އެޓޯލްއާ ގުޅިގެން ކުރިއަށް ގެންދެވުނެވެ. އަދި ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ބިތުފަންގި ރޭޑިއޯ ޕްރޮގްރާމް 05 ކުރިއަށް ގެންދަން ފެށުނެވެ. އަދި މި ޕްރޮގްރާމްގައި އޭސީސީގެ މަސައްކަތްތަކާ ބެހޭގޮތުން ޢާއްމުން ހޭލުންތެރި ކުރުމަށް ގިނަ ސެގްމަންޓްތަކެއް ހިމަނާފައިވެއެވެ. އަދި މި ޕްރޮގްރާމަކީ ކޮންމެ ހަފްތާއަކު އެއްފަހަރު ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

އޭސީސީގެ މުވައްޒަފުން ޤައުމީ ކަންކަމުގައި ބައިވެރިވުން:
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން، މުޅި މުބާރާތުން 3 ވަނަ އަދި ފޮތުން ކިޔެވުމުގެ ބައިން 20 ފޮތުން 1 ވަނަ އޭސީސީގެ މުވައްޒަފަކަށް ލިބިގެންދިއުން.

އިސްލާމީ ޔުނިވަރސިޓީ އިން ބޭއްވި އިސްލާމީ ހޭލުންތެރިކަމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވުން:
23 ސެޕްޓެންބަރު 2017 އިން 24 ސެޕްޓެންބަރު 2017 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ކުރިއަށް އިސްލާމީ ހޭލުންތެރިކަމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޙައްޖު އިންތިޒާމު ކުރުމުގެ ނިޒާމާގުޅޭގޮތުން އޭސީސީގެ ފަރާތުން ތައްޔާރު ކޮށްފައިވާ ދިރާސާ ކަރުދާހެއް އޭސީސީން ހުށަހެޅިއެވެ.

2016 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކާމިޔާބީތައް

ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމި މައްސަލަތައް:
2016 ވަނަ އަހަރުގެ ތެރޭގައި 829 މައްސަލައެއް ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމާފައިވެއެވެ. އަދި ދަޢުވާ ކޮށްދިނުމަށް އެދި 16 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ކޮމިޝަނުން އިސްނަގައިގެން ބެލި މައްސަލަތަކުގެ އަދަދު އިތުރުވުން:
2016 ވަނަ އަހަރު ކޮމިޝަނުން އިސްނަގައިގެން ބެލި މައްސަލައިގެ ޢަދަދު 2015 ވަނަ އަހަރު އިސްނަގައިގެން ބެލި މައްސަލައަށް ވުރެ 22 އިންސައްތަ އިތުރުވެފައިވުން. 2016 ވަނަ އަހަރު ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން 103 މައްސަލަ ބަލަން ފަށާފައިވެއެވެ.

ކޮމިޝަންގެ ތަޙްޤީޤުތަކަށް ހާޒިރު ކުރެވުނު މީހުންގެ އަދަދު:
އެކި މައްސަލަތަކާ ގުޅިގެން 2016 ވަނަ އަހަރު، މާލޭގައި 1147 ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ތަޙުޤީޤަށް ބޭނުންވާ ބަޔާން ނަގާފައިވެއެވެ.

އަތޮޅުތަކަށް ކުރި ތަޙްޤީޤު ދަތުރުތައް:
2016 ވަނަ އަހަރު އަތޮޅުތަކުން މިކޮމިޝަނަށް ހުށަހެޅިފައިހުރި މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ 7 އަތޮޅަކަށް 8 އިންވެސްޓިގޭޝަން ޓީމު ފޮނުވާ، އެ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ ހެއްކާއި ޤަރީނާ ހޯދުމަށް މި ޓީމުތަކުން 72 އިދާރާއަކަށް ގޮސް އަދި މި ދަތުރުތަކުގައި 151 މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންގޮސް، އެކިފަރާތްތަކުގެ 316 ތަޙްޤީޤު ބަޔާން ނަގާފައިވެއެވެ.

ކޮމިޝަންގެ ތަޙްޤީޤު ކުރުމާބެހޭ މެނުއަލް އެކުލަވާލުން:
ކޮމިޝަންގެ ތަޙުޤީޤުތައް ހަރުދަނާކޮށް ހަލުއިކުރުމުގެ ގޮތުން ކޮމިޝަންގެ ތަޙުޤީޤުކުރުމުގެ އުޞޫލު އަލުން އެކުލަވާލާ 3 އޮކްޓޫބަރު 2016 ގައި ޢަމަލުކުރަންފެށުނެވެ.

އިޖްތިމާޢީ ހަރަކާތްތަކާއި އެހެނިހެން ހަރަކާތްތަކުގައި ކޮމިޝަނުން ބައިވެރިވުން:
2016 ވަނަ އަހަރަކީ އިޖްތިމާޢީ ޙަރަކާތްތަކުގައި ކޮމިޝަނުން ތަފާތު އިވެންޓްތަކުގައި ބައިވެރިވި އަހަރަކަށް ވެފައިވެއެވެ. މިގޮތުން ކްލަބް މޯލްޑިވްސްގެ މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2016 އާއި 18/30، ވިމެންސް ފުޓްސަލް ފިއެސްޓާގެ “ސޯޝަލް ޕާޓްނަރ” އެއްގެ ގޮތުގައި ޙަރަކާތްތެރިވުމާއި ޔޫތު ޗެލެންޖު 2016، “ދަ އޮޕޮޗުނިޓީ ޕޫލް” ގައި ސްޓޯލެއް ތައްޔާރުކޮށް ޒުވާނުންނަށް މަޢުލޫމާތު ދިނުމާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އޭސީސީން ވަނީ ބައިވެރިވެފައެވެ.

ޢާއްމުން ހޭލުންތެރި ކުރުމަށް ހިންގުނު ހަރަކާތްތައް:
2016 ވަނަ އަހަރު ހޭލުންތެރިކުރުމުގެ 62 ޕްރޮގްރާމް މެދުވެރިކޮށް 9,260 ފަރާތަކަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. އަދި 11,175 ފަރާތަކުން ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއިކޮށްފަވެއެވެ.

މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” އެވޯޑު ލިބުން:
އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް ކޮމިޝަނަށް 2016 ވަނަ އަހަރުވެސް ލިބިފައިވެއެވެ.

އެންމެ ރަނގަޅަށް މަޢުލޫމާތު ހާމަކޮށްފައިވާ ވެބްސައިޓަކަށް އޭސީސީގެ ވެބްސައިޓް ހޮވުން:

އޭސީސީގެ ވެބްސައިޓަކީ މަޢުލޫމާތު ހާމަކުރުމުގެ އެންމެ ރަނގަޅު ރަނގަޅު ވެބްސައިޓުގެ ގޮތުގައި 1ވަނަ ދަރަޖައިގައި ރޭންކް ކުރެވިފައިވާ އެންމެ ރަނގަޅު ވެބްސައިޓްކަމަށް ހޮވި، އެކަމުގެ އެވޯޑު 2016 ގައި އޭސީސީއަށް ލިބުނެވެ.

ދައުލަތުގެ މުވައްޒަފުންނަށް ހިންގި ހޭލުންތެރި ކުރުމުގެ ހަރަކާތްތައް:
2016 ވަނަ އަހަރުގެ ތެރޭގައި ހިންގުނު ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކުގެ ތެރެއިން، މާލޭގައި ހުރި ދައުލަތުގެ 4 މުއައްސަސާއާއި، ސަރުކާރު ޙިއްޞާވާ 1 ކުންފުންޏަށް 14 ސެޝަން ނަގައިދެވި 364 ފަރާތަށް ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

އަތޮޅުތަކުގައި ހިންގި ވާކްޝޮޕްތައް:
2016 ވަނަ އަހަރު ރާއްޖޭގެ 3 އަތޮޅެއްގެ 7 ރަށުގައި ހޭލުންތެރިކުރުމުގެ 23 ވޯކްޝޮޕް ބާއްވާ، މި ވޯކްޝޮޕްތަކުގައި ދައުލަތުގެ އެކި އިދާރާތަކުގެ 426 މުވައްޒަފުން ތަމްރީން ކުރެވިފައިވުން.

ސްކޫލް ދަރިވަރުންނަށް ހިންގި ނަޒާހަތްތެރި ކުރުމުގެ ހަރަކާތްތައް:
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމާ ބެހޭ މަޢުލޫމާތާއި، ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމާއެކު ކަންކަން ކުރާނެ ގޮތްތައް އަންގައިދިނުމަށްޓަކައި 2016 ވަނަ އަހަރުތެރޭގައި 04 ސްކޫލެއްގައި 4 ސެޝަން ބާއްވައި 325 ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވުނެވެ.

ޤައުމީ-އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުން:
ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ޏ.ފުވައްމުލަކުގައި ތަފާތު ޙަރަކާތްރަކާ މުބާރާތްތަކާއެކު ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ. ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސްކަމަށްވާ 9 ޑިސެންބަރު، 2016 ވަނަ އަހަރުވެސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށްޓަކައި ކޮމިޝަނުން ޚާއްޞަ ޙަރަކާތްތަކެއް ހިންގާފައިވުން.

އޭސީސީއާބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިންފޮމޭޝަން ވިންޑޯގެ ނަމުގައި ޕްރޮގްރާމެއް ތަޢާރަފް ކުރުން:
ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިގެން ދައުލަތުގެ އިދާރާތައް އިތުރަށް ޒިންމާދާރުވުމަށް ބާރުއަޅާ އެކަމަށް މަގުފަހި ކުރުމާއި ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓުކުރަން ޝައުޤުވެރިވާ މީޑިއާ ތަކަށާއި ދިރާސާކުރުމަށް ބޭނުންވާ ދަރިވަރުންނަށް ކަމާބެހޭ ތެދުމަޢުލޫމާތު ފަސޭހަކަމާއެކު އަވަހަށް ލިބޭނެ މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި 2016 ވަނަ އަހަރު އިންފޮރމޭޝަން ވިންޑޯގެ ނަމުގައި ޕްރޮގްރާމެއް ތަޢާރަފް ކުރެވުނެވެ.

ބިތުފަންގި ޓީވީ ޕްރޮގްރާމް ފޮނުވުން:
ކޮރަޕްޝަންގެ ޢަމަލުތަކާއި، އެކަމުގެ ސަބަބުން މުޖުތަމަޢުއަށާއި ޢާއްމުންނަށް ލިބޭ ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމާއި މިފަދަ ޢަމަލުތަކުގެ ސަބަބުންވާ ގެއްލުން ކުޑަކުރުމަށް ޢާއްމުންގެ އެއްބާރުލުން ހޯދުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން “ބިތުފަންގި” ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޓީވީ ޕްރޮގްރާމެއް އުފައްދާ ބްރޯޑްކާސްޓްކުރެވުން.

ސިވިލް ސަރވިސް ކޮންފަރެންސްގައި ބައިވެރިވުން:
2016 ވަނަ އަހަރު “ފުރިހަމަ ސިވިލް ސަރވިސް އެއް ޤާއިމުކުރުން” މި ޝިއާރުގެ ދަށުން މޭ 11 އިން 12 އަށް ބޭއްވުނު ސިވިލް ސަރވިސް ކޮންފަރެންސްގައި ކޮމިޝަނުން ބައިވެރިވެ “އެތިކްސް އެންޑް އިންޓެގްރިޓީ: ޕްރޮމޯޓިންގ ޕްރޮފެޝަނަލިޒަމް އެންޑް ޕޮލިޓިކަލް ރެސްޕޮންސިވްނެސް” ގެ ދާއިރާއިން ކަރުދާހެއް ތައްޔާރުކޮށް ހުށަހަޅާފައިވެއެވެ.

ނަޒާހަތްތެރިކަމުގެ އިނާމު ތަޢާރަފް ކުރުން:
ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި ނަޒާހްތެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު ޙަރަކާތްތަކަށް ހިތްވަރުދީ ވާގިވެރިވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅު ހެދުމަށް މުއައްސަސާތަކާއި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ ނަޒާހަތްތެރިކަމުގެ އިނާމު 2016 ވަނަ އަހަރު ބަދަލުތަކަކާއެކު ލޯންޗްކުރެވި ކުރިމަތި ލުމަށް ހުޅުވާލެވުނެވެ.

މުވައްޒަފުންނަށް ހިންގުނު ޚާއްޞަ ބައެއް ޕްރޮގްރާމްތައް:
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އޭސީސީގެ 42 މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ލީޑަރޝިޕް ސްކިލްސް އާއި ޓީމްވޯކް ކުރިއަރުވައި ޤައުމީ ރޫޙު އާލާކުރުމަށާއި، ކޮމިޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” އެއް 26-28 މޭ 2016 އަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ހިންގާފައިވުން.

އެންޓި-ކޮރަޕްޝަން އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (އެއިމްސް) އިފްތިތާޙްކޮށް ބޭނުންކުރަން ފެށުން:
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮމްޕިއުޓަރ ސޮފްޓްވެއަރ، އެންޓި-ކޮރަޕްޝަން އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (އެއިމްސް) 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު އިފްތިތާޙްކޮށް، މި ސޮފްޓްވެއަރގައި ހިމެނޭ އެންމެ މުހިއްމު މޮޑިއުލްކަމަށްވާ ކޭސް މެނޭޖްމަންޓް މޮޑިއުލްގެ އެހީގައި އޭސީސީއަށް ހުށަހެޅޭ މައްސަލަތަކާބެހޭ ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުނެވެ. އަދި ސޮފްޓްވެއާގައި ހިމެނޭ މެއިލް މެނޭޖްމަންޓް ސިސްޓަމް ފުރިހަމަކޮށް ބޭނުންކުރަން ފެށުނެވެ.

ރެކޯޑު ސާފުކުރުމާބެހޭ އުސޫލު އެކުލަވާލާ ޢާއްމުކޮށް ޢަމަލުކުރަން ފެށުން:
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރިކޯޑެއް އޮތްތޯ ބެލުމަށް ހުށަހެޅުމުން، ރިކޯޑް ސާފްކޮށްދިނުމާއި ރިކޯޑެއް އޮތްކަމަށް ނުވަތަ ނެތްކަމަށް ކަނޑައެޅުމުގައި އަމަލުކުރާނެގޮތް ބަޔާންކުރާނެ ގޮތުގެ މިންގަނޑެއް އެކުލަވާލުމުގެ ގޮތުން 2016 ވަނައަހަރު އުޞޫލެއް ތައްޔާރުކޮށް ތަންފީޒުކުރަން ފެށުނެވެ.

ކޮމިޝަންގެ މަސައްކަތުގައި އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫ ޤާއިމްކުރުން:
ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެއްބާރުލުން ދިނުމުގެ ގޮތުން މިހާތަނަށް މުޅިއެކު 27 މުއަސަސާއާއެކު އެމް.އޯ.ޔޫ ގައި ސޮއިކުރެވި ޢަމަލު ކުރެވެމުން ދެއެވެ.

ކޮމިޝަންގެ ޤާނޫނަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހްތައް ހުށަހެޅުން:
ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަ ނައިބުގެ އޮފީހާ 23 ޖޫން 2016 ގައި ޙިއްޞާކުރެވުނެވެ. އަދި އެ އިސްލާޙްތައް ގެނެސް ދެއްވުން އަވަސް ކުރުމަށް ދެންނެވުނެވެ.

ކޮމިޝަނުން ހަވާލުކުރާ މަސައްކަތްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދޭންޖެހޭ ހާލަތުގައި އެކަން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުން:
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަކެތި ސަޕްލައިކުރުމަށާއި މަސައްކަތްތައް ކުރުމަށް އެކިފަރާތްތަކާއެކު ވެވޭ އެއްބަސްވުން ތަކާ ގުޅިގެން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ތަކެތި ސަޕްލައި ނުކުރެވޭ ނުވަތަ މަސައްކަތް ނުނިންމޭ ފަދަ ޙާލަތެއް މެދުވެރިވެގެން އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުއްދަތު އިތުރުކޮށްދިނުމުގައި އޭސީސީގެ ފަރާތުން ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ތައްޔާރުކޮށް ޢަމަލުކުރަން ފެށުން.

ކޮރަޕްޝާނާމެދު ފުވައްމުލަކު ރައްޔިތުން ދެކޭގޮތާ ބެހޭ ސަރވޭއެއްކޮށް ނަތީޖާ ޢާއްމުކުރުން:
ކޮރަޕްޝަނާމެދު ދެކޭގޮތް، ޏ.ފުވައްމުލައް –2016ގެ ދިރާސާ ރިޕޯޓެއް އެކުލަވާލައި އާއްމުކުރުން.

ސިވިލްސަރވިސް ކޮންފަރެންސްގައި ބައިވެރިވުން:
“ފުރިހަމަ ސިވިލް ސަރވިސް އެއް ޤާއިމު ކުރުން” މި ޝިއާރުގެ ދަށުން 2016 މޭ 11 އިން 12 ކުރިއަށް ގެންދެވޭ، 2 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެ “ސިވިލް ސަރވިސްގެ އިދާރާތަކުން ފާހަގަކުރެވޭ ބިޑް ޕްރޮސެސިންގެ މައްސަލަތައް ދެނެގަތުން” މި މަޢުޟޫޢަށް ކަރުދަސް ހުށަހެޅުން.

2015 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކާމިޔާބީތައް

ކޮމިޝަނުން އިސްނަގައިގެން މައްސަލަ ބެލުން:
2015 ވަނަ އަހަރު ކޮމިޝަނުން އިސްނަގައިގެން 66 މައްސަލަ ބަލަން ފެށިފައިވެއެވެ.

ކޮމިޝަނުން ނިންމި މައްސަލަތައް:
2015 ވަނަ އަހަރު ކޮމިޝަނުން 855 މައްސަލަ ބަލައި ނިންމާފައިވެއެވެ.

ތަޙްޤީޤުތައް ހިންގުމަށް އެކި އިދާރާތަކަށް ދިއުން:
2015 ވަނަ އަހަރު މާލޭގައި ކޮމިޝަނުން ހިންގި ތަޙްޤީޤުތަކާ ގުޅިގެން ދައުލަތުގެ 253 އިދާރާއަކަށް 346 މައްސަލައަކާ ގުޅިގެން ހެއްކާ ޤަރީނާ ހޯދަން 389 ފަހަރު ޒިޔާރަތްކޮށްފައިވެއެވެ.

އެކި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް ބަޔާންނެގުން:
އެކި މައްސަލަތަކާ ގުޅިގެން 2015 ވަނަ އަހަރު، މާލޭގައި 814 ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ތަޙްޤީޤަށް ބޭނުންވާ ބަޔާން ނެގިފައިވުން.

އަތޮޅުތަކަށް ކުރި ތަޙްޤީޤު ދަތުރުތައް:
2015 ވަނަ އަހަރު އަތޮޅުތަކުން މިކޮމިޝަނަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ 20 އަތޮޅަށް 23 ތަހުޤީޤު ޓީމު ފޮނުވާ އަދި މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ ހެއްކާއި ޤަރީނާ ހޯދުމަށް މި ޓީމުތަކުން 264 އިދާރާއަކަށް ގޮސް، 573 މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސް އަދި އެކިފަރާތްތަކުގެ 1590 ތަޙްޤީޤު ބަޔާން ނަގާފައިވުން.

ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން:
2015 ވަނަ އަހަރުގެ ތެރޭގައި ހިންގުނު ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކުގެ ތެރެއިން، މާލޭގައި ދައުލަތުގެ 7 މުއައްސަސާއަކަށް 19 ސެޝަން ނަގައިދެވި 367 ފަރާތަށް ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވުން.

އަތޮޅުތަކުގައި ހިންގުނު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް:
ކޮމިޝަނުން 2015 ވަނަ އަހަރު ރާއްޖޭގެ 5 އަތޮޅެއްގައި 35 ރަށުގައި ހޭލުންތެރިކުރުމުގެ 35 ވޯކްޝޮޕް ބާއްވާ އަދި މި ވޯކްޝޮޕްތަކުގައި ދައުލަތުގެ އެކި އިދާރާތަކުގެ 790 މުވައްޒަފުން ތަމްރީން ކުރެވިފައިވެއެވެ.

ނަޒާހާތްތެރިކަމުގެ ހަވީރު ބޭއްވުން:
ކޮމިޝަނުން އިންތިޒާމުކޮށްގެން 2015 ވަނަ އަހަރު ޢާއްމުން ހޭލުންތެރިކުރަށް “ނަޒާހަތްތެރި ހަވީރު” ގެ ނަމުގައި 29 ރަށެއްގައި ޢާއިލީ ހަވީރު ބާއްވާ އަދި މި ޢާއިލީ ހަވީރުތަކުގައި 8250 ފަރާތަށް ކޮރަޕްޝަނާ ދެކޮޅަށް މެސެޖުތައް ފޯރުކޮށްދެވިފައިވެއެވެ.

ސްކޫލު ދަރިވަރުންގެ ނަޒާހަތްތެރިކަމުގެ ޕްރޮގްރާމުތައް ހިންގުން:
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމާ ބެހޭ މަޢުލޫމާތާއި، ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމާއެކު ކަންކަން ކުރާނެ ގޮތްތައް އަންގައިދިނުމަށްޓަކައި ކޮމިޝަނުން އިންތިޒާމުކޮށްގެން 2015 ވަނަ އަހަރުތެރޭގައި 06 ސްކޫލެއްގައި 15 ސެޝަން ބާއްވައި 831 ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވުން.

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުން:
ކޮރަޕްޝަންގެ ޢަމަލުތަކާމެދު ޢާއްމުން ހޭލުންތެރިކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމާއެކު އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ދުވަހެއް ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ގޮތުގައިފާހަގަ ކުރަން ފެށުނެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުން:
2015 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް (9 ޑިސެންބަރު) ޤައުމީ ފެންވަރެއްގައި ޚާއްޞަ ޙަރަކާތްތަކަކާއެކު ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަންގެ ސްޓްރެޓިޖިކް ޕްލޭން ލޯންޗްކޮށް ތަންފީޒު ކުރަން ފެށުން:
ކޮމިޝަނުގެ ދެވަނަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2015-2019) އެކުލަވާލާ، 08 އެޕްރީލް 2015 ލޯންޗްކޮށް ތަންފީޒުކުރަން ފެށުނެވެ. ޞިއްޙީ ދާއިރާއަށް އަމާޒްކޮށްގެން 2015 ވަނަ އަހަރު ކޮރަޕްޝަން ރިސްކް އެސެސްމަންޓެއް ހަދާ ޝާއިޢުކޮށްފައިވެއެވެ.

ނޭޝަނަލް އިންޓަގްރިޓީ ޕްލޭން އެކުލަވާލުން:
ދެމެހެއްޓެވިނި ގޮތުގައި ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި ދިގުރާސްތާ ޕޭލޭނެއް އެކުލަވާލާ “ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ)” ނަމުގައި ތަންފީޒުކުރަން ފެށުނެވެ.

އެވެއާނަސް ޕްރޮގްރާމްތަކާބެހޭ ހޭންޑްބުކް އެކުލަވާލާ ޝާއިޢުކުރުން:
މިހާރު ބޭނުންކުރަމުން އަންނަ އެންޓި-ކޮރަޕްޝަން އެޑިޔުކޭޝަން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް ބައްޓަން ކުރުމަށް “ޓްރެއިނަރޒް ހޭންޑް ބުކް” ތައްޔާރުކޮށް ޝާއިޢު ކޮށް ތަންފީޒުކުރަން ފެށުނެވެ.

ކޮރަޕްޝަނާ ދެކޮޅު އާޓިކަލް ޝާއިޢު ކުރުން:
ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން 13 އަރޓިކަލް ރާއްޖެއެމްވީއާއި ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކުރެވުނެވެ.

ޤާނޫނުލްޢުޤޫބާތަށް އޭސީސީގެ މުވައްޒަފުން އަހުލުވެރި ކުރުން:
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ކަމާބެހޭ މުވައްޒަފުން އަހުލުވެރިކުރުވާ ނިންމިފައިވެއެވެ.

ކޮރަޕްޝަނާ ގުޅޭ ކުރުވާހަކަ ޝާއިޢުކުރަން ފެށުން:
ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ކޮރަޕްޝަންގެ ޢަމަލުތަކާމެދު މީހުން ހޭލުންތެރި ކުރުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާފައިވާ ޙަޤީޤީ ޙާދިސާތަކުގެ މައްޗަށް އެކުލެވޭ ކުރުވާހަކަ ކޮންމެ ހަފްތާއަކު އެއްފަހަރު ތަރުޖަމާކޮށް 07 އޮކްޓޫބަރު 2015 އިން ފެށިގެން ޝާއިޢު ކުރަމުން ގެންދެވިފައިވެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުން:
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގި ސިމްޕޯސިއަމް އޮން ޕާލަމެންޓްރީ ބެސްޓް ޕްރެކްޓިސަސް (22 މާޗް 2015) ގައި ކޮމިޝަނުގެ ފަރާތުން އުންކެކްއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދެވުނެވެ.

ޤާނޫނާ ގަވާއިދަށް ކޮމެންޓްކުރުން:
ދައުލަތުގެ މާލިއްޔަތު ގަވާއިދު ރިވިއުކޮށް އިޞްލާޙް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުނެވެ. އަދި މިގޮތުން މާލިއްޔަތާބެހޭ ގަވާއިދުގައި އޭސީސީން ބޭނުންވާ ބަދަލުތައް ހިމެނުމަށް ލަފާދެވުނެވެ.

ކޮމިޝަންގެ ވެބްސައިޓްގައި އިނގިރޭސީބައި ހިމެނުން:
ކޮމިޝަނުގެ ވެބްސައިޓުގެ އިނގިރޭސި ޕޭޖް ތައްޔާރުކޮށް ލޯންޗުކޮށް، މަޢުލޫމާތު ހިމަނަން ފެށުނެވެ.

ކޮމިޝަންގެ ސަރަހައްދީ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމްކުރުން:
ގއ. ގދ. ޏ. އަތޮޅާއި އައްޑޫ ސިޓީގައި ހިންގާ ދައުލަތުގެ އިދާރާތަކާއި ބެހޭގޮތުން ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތައް މިހާރަށްވުރެ ހަލުވިކަމާއެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން ދެކުނު ސަރައްޙައްދީ އޮފީހުގެ ނަމުގައި 01 ޑިސެމްބަރ 2015 ގައި ކޮމިޝަނުގެ އޮފީހެއް ޤާއިމްކުރެވުނެވެ.

ބިތުފަންގީގެ ނަމުގައި ބްލެޓިންގ އެއް ނެރެފެށުން:
ކޮމިޝަންގެ މުހިންމު މަސައްކަތްތައް އާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ޢިލްމީ ލިޔުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި 9 ޑިސެންބަރު 2015 ގައި ކޮމިޝަނުން އަލަށް ‘ބިތުފަންގި’ ނަމުގައި ކޮންމެ ކްއާޓަރ އަކުން އެއްފަހަރު ބުލެޓިން ނެރެން ފެށުނެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ކެޓަގަރައިޒްކުރުން:
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބޮޑެތި މައްސަލަތަކަށް އިސްކަން ދިނުމާއި މައްސަލަތައް ހަލުވިކުރުމުގެ ގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަށް ހަތަރު ކެޓަގަރީއަކަށް ބަހާލައި ކޮންމެ ކެޓަގަރީއެއްގެ މައްސަލަވެސް ނިންމާނެ މުއްދަތެއް ކަނޑައަޅައި ޓީމްތައް ސުޕަވައިޒް ކުރުމުގެ ކަންތައް އަލުން ތަރުތީބު ކުރެވި 18 މާރިޗް 2015 ޢަމަލުކުރަން ފެށުނެވެ.

ކޮމިޝަންގައި ލީގަލް ޔުނިޓެއް ޤާއިމްކުރުން:
ކޮމިޝަންގެ ފަރާތުން ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމާއި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަނުން ދަޢުވާ އުފުލަންޖެހޭ މައްސަލަތަކާއި ކޮމިޝަނަށް ދަޢުވާ ލިބޭ މައްސަލަތަކާބެހޭ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް 01 ޖޫން 2015 ގައި ކޮމިޝަނުގެ އޮނިގަނޑަށް ބަދަލުގެނެވި އޮޕަރޭޝަންސް ސެކްޝަންގެ ދަށުން ލީގަލް ޔުނިޓެއް އުފެއްދުނެވެ.

ކޮމިޝަންގެ މީޑިއާ ޕޮލިސީ އެކުލަވާލާ ޢާއްމުކޮށް ތަންފީޒު ކުރަން ފެށުން:
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމަށްޓަކައި މި ޤާނޫނުގެ ދަށުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާނެ ގޮތް ތަފްޞީލްކޮށް ބަޔާންކުރުމާއި ކޮމިޝަނުން ޢާންމުންނާއި ޙިއްޞާ ކުރާނެ މަޢުލޫމާތާއި ޚަބަރުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ކޮމިޝަންގެ މަޢުލޫމާތާއި ޚަބަރު އާންމު ކުރާނެ ގޮތާއި ކޮމިޝަނަށް މީޑިއާއިން ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލެވުނު ކޮމިޝަނުގެ މީޑިއާ ޕޮލިސީ 24 އޯގަސްޓް 2015 އިފްތިތާހުކޮށް ތަންފީޒުކުރަން ފެށުނެވެ.

ކޮމިޝަނުން އަމުރު އިޝޫކުރަން ފެށުން:
ކޮމިޝަނަށް ލިޔެކިއުމާއި ތަކެތި ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ސިޓީފޮނުވުމުގެ ބަދަލުގައި ކޮމިޝަންގެ ތަޙްޤީޤުތަކަށް ބޭނުންވާ ލިއެކިއުމާއި ތަކެތި ހޯދުމަށް އަދި މީހުން ހާޒިރުކުރުމަށް އަމުރު ނެރޭގޮތަށް 01 ނޮވެމްބަރު 2015 އިން ފެށިގެން ހަމަޖެއްސުނެވެ.

ފަހުމްނާމާގައި ސޮއި ކުރުން:
2015 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނުން 05 ފަހުމުނާމާއެއްގައި އެކި ފަރާތްތަކާއެކު ސޮއިކޮށްފައިވެއެވެ.

ކޮމިޝަންގެ މުވައްޒަފުންގެ އެޕްރައިޒަލް ނިޒާމު އިސްލާޙް ކުރުން:
ކޮމިޝަންގެ މުވައްޒަފުންގެ އެޕްރައިޒަލް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކޮންމެ ކުއާޓާއަކުން އެއްފަހަރު މުވައްޒަފުންގެ ޕަރފޮމަންސް އެސެސްކުރުމާއި، ފޯމަށް ގެންނަށްޖެހޭ އިތުރު ބަދުލަތައް ގެނެސް 01 ޖުލައި 2015 ން ފެށިގެން އިސްލާޙު ކުރެވުނު ފޯމަށް ޢަމަލުކުރަން ފެށުނެވެ.

ކޭސް ޑިސްކަޝަން ފޯރަމް ތަޢާރަފްކުރުން:
ކޮމިޝަންގެ އިންވެސްޓިގޭޓަރުންގެ ޤާބިލްކަން އިތުރުކޮށް، ތަޙްޤީޤު ކުރުމުގެ މަސައްކަތައް އަހުލުވެރިކުރުމުގެ ގޮތުން ކޮމިޝަނުން ނިންމާފައިވާ ބޮޑެތި ބައެއް މައްސަލަތައް ދިރާސާކޮށް ޑިސްކަޝަން ފޯރަމްތައް ބާއްވަން ފެށުނެވެ.

ކޮމިޝަންގެ ތަފާސް ހިސާބު ޢާއްމުކުރަން ފެށުން:
ކޮމިޝަންގެ ތަފާސްހިސާބު އާންމުކުރާ ގޮތަށް ހަމަޖައްސައި ކޮންމެ ކްއަރޓާއެއް ނިމުމުން ތަފާސްހިސާބު އާންމުކުރަން ފެށުނެވެ.

2014 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކާމިޔާބީތައް

އިސްނަގައިގެން ބެލުނު މައްސަލަތައް:
2014ވަނަ އަހަރު ކޮމީޝަނުން އިސްނަގައިގެން 125 މައްސަލައެއް ބަލަން ފެށުނެވެ.

ތަޙްޤީޤު ބަޔާންނެގުން:
2014 ވަނަ އަހަރު މާލޭގައި ކޮމިޝަނުން ހިންގި ތަޙްޤީޤްތަކާއި ގުޅިގެން 92 އިދާރާއަކަށް ގޮސް، ހޯދަންޖެހޭ މަޢުލޫމާތާއި ލިޔުންތައް ހޯދާ، އަދި އެކި މައްސަލަތަކާ ގުޅިގެން 993 ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ތަޙްޤީޤަށް ބޭނުންވާ ބަޔާންނެގިފައިވެއެވެ.

އަތޮޅުތަކަށް ތަޙްޤީޤު ދަތުރުކުރުން:
2014 ވަނަ އަހަރު އަތޮޅުތަކުން ކޮމިޝަނަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގެންދިއުމައްޓަކައި 23 ތަޙްޤީޤްޓީމެއް އެކި އަތޮޅުތަކަށް ފޮނުވާ އަދި މިޓީމުތަކުން 228 އިދާރާއަކަށް ގޮސް އެއިދާރާތަކުން ހޯދަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް ހޯދާ 678 މައްސަލައެއް ތަޙްޤީޤްކޮށް، އެކިފަރާތްތަކުގެ 2298 ތަޙްޤީޤް ބަޔާން ނަގާފައިވެއެވެ.

ކޮމިޝަނުން ބަލާ ނިންމި މައްސަލަތައް:
2013 ވަނަ އަހަރުގެ ނިޔަލަށް ނުނިމިހުރި މައްސަލަތަކާއެކު 2014 ވަނަ އަހަރުގެ ނިޔަލަށް 783 މައްސަލައެއް ކޮމިޝަނުން ބަލާ ނިންމިފައިވެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުން:
2014 ވަނަ އަހަރު ހޭލުންތެރިކުރުމުގެ 124 ސެޝަން ހިންގައި 3070 ފަރާތަކަށް ކޮރަޕްޝަންގެ ޢަމަލުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

ކޮމިޝަންގެ ޓްރޭނިންގތައް ހިންގުމަށް ޓީއޯޓީ އިން އުފެއްދުން:
ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމަށް ހިންގާ ޙަރަކާތްތަކުގައި ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާނެ ޓްރޭނިންގ އޮފް ޓްރޭނާރސް (ޓީއޯޓީ) ޕްރޮގްރާމެއް ހިންގާ ޓްރޭނަރުން ތަމްރީނުކުރެވުނެވެ.

އަހަރީ ރިޕޯޓުގެ ލުއިފޮތް ނެރުން:
ކޮމިޝަންގެ 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިމެނޭ މުހިންމު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލުއި ފޮތެއް ތައްޔާރުކޮށް ޝާއިޢުކުރެވުނެވެ.

ސިވިލް ސަރވިސް ކޮންފަރެންސްގައި ބައިވެރިވުން:
ސިވިލް ސަރވިސް ކޮމިޝަނުން އިސްނަގައިގެން ބޭއްވި ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2014 ގައި ބައިވެރިވެ، ނަޒާހަތްތެރި ސިވިލް ސަރވިސްއެއް ބިނާކުރުމަށް ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ދިރާސާ ރިޕޯޓު ހުށަހަޅާ ޢަމަލީ ގޮތުން ކޮމިޝަން ތަމްސީލު ކުރެވިފައިވުނެވެ.

ޕަރފޮމަންސް އެޕްރައިޒަލް ނިޒާމެއް ތަޢާރަފްކުރުން:
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްޓަކައި ޕަރފޯމަންސް އެޕްރައިސަލް ނިޒާމެއް ތަޢާރަފްކޮށް ބޭނުންކުރަން ފެށުނެވެ.

ސިވިލްސަރވިސް މުވައްޒަފުން ކޮރަޕްޝަނާ މެދު ދެކޭގޮތުގެ ސާވޭއެއް ހެދުން:
ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ސާރވޭ އެއް 2014 ވަނަ އަހަރުގެ ތެރޭގައި ހިންގާ އަދި މި ދިރާސާގެ ރިޕޯޓް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވުނެވެ.

ކޮމިޝަންގެ މަޤާމުތަކުގެ އޮނިގަނޑު މުރާޖަޢާކޮށް ޢަމަލު ކުރަން ފެށުން:
ކޮމިޝަންގެ ވަޒީފާގެ އޮނިގަނޑާއި މަޤާމުގެ ޝަރުޠުތައް އަލުން މުރާޖަޢާކޮށް 01 ސެޕްޓެމްބަރ 2014 އިން ފެށިގެން ޢަމަލުކުރަން ފެށުނެވެ.

މުވައްޒަފުން ތަމްރީނު ކުރުމާބެހޭ އުސޫލެއް އެކުލަވާލާ ޢަމަލު ކުރަން ފެށުން:
ކޮމިޝަންގެ މުވައްޒަފުންނަކީ މަސައްކަތަށް އަހުލުވެރި ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، ހުރިހާ މުވައްޒަފުންނަށް ހަމަހަމަ އުޞޫލަކުން ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، މުވައްޒަފުން ތަމްރީނު ކުރުމުގެ އުޞޫލެއް އެކުލަވާލާ ކޮމިޝަނުން ފާސްކުރުމަށްފަހު، 01 އޮކްޓޯބަރ 2014 ގައި ޢަމަލު ކުރަން ފެށުނެވެ.

އޮފީސް އިމާރާތަށް ޖާގަ އިތުރުކޮށް ރިސްޓްރަކްޗަރ ކުރުން:
ކޮމިޝަންގެ މަސައްކަތު މާހައުލު ރަނގަޅުކޮށް މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމުގެ ގޮތުން، 2014 ވަނަ އަހަރުގެ ތެރޭގައި އޮފީހުގެ މަސައްކަތު މާހައުލަށް ޒަމާނީ ބަދަލުތަކެއް ގެނެވި، ޖާގަ ތަނަވަސްކުރެވުން.

2013 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ކާމިޔާބީތައް

އިސްނަގައިގެން މައްސަލަ ބެލުން:
2013 ވަނަ އަހަރު ކޮމިޝަނުން އިސްނަގައިގެން 231 މައްސަލައެއް ބަލަން ފަށާފައިވެއެވެ.

ޕީޖީއަށް ދަޢުވާ ކުރުމަށް ފޮނުވުނު މައްސަލަ:
2013 ވަނަ އަހަރުގައި ޝަރީޢަތަށް ފޮނުވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 57 މައްސަލައެއް ފޮނުވާ 115 މީހެއްގެ މައްޗަށް ޖުމްލަ 178 ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވާފައިވުނެވެ.

އަތޮޅުތަކަށް ތަޙްޤީޤު ޓީމުތައް ފޮނުވުން:
13 ތަޙުޤީޤު ޓީމެއް 11 އަތޮޅަކަށް ފޮނުވާ، 125 އިދާރާއަށް ގޮސް އެ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުން ހޯދައި 217 މައްސަލައެއް ތަޙުޤީޤުކޮށް 919 ތަޙުޤީޤް ބަޔާން ނަގާފައިވެއެވެ.

މާލޭގައި ހިންގުނު ތަޙްޤީޤުތައް:
މާލޭގައި ކުރެވުނު ތަޙުޤީޤުތަކާ ގުޅިގެން 91 އިދާރާއަކަށް ގޮސް، މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދާ އަދި އެކި މައްސަލަތަކާ ގުޅިގެން 1011 ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ތަޙުޤީޤް ބަޔާން ނެގިފައިވެއެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރުން:
2013 ވަނައަހަރުގެ ނިޔަލަށް ނަޒާހަތްތެރި ކަމުގެ ވަޢުދުގައި 1218 މީހުން ސޮއިކޮށްފައިވެއެވެ.

ހޭލުންތެރި ކުރުމުގެ ސެޝަންތައް ހިންގުން:
ހޭލުންތެރިކުރުމުގެ 44 ސެޝަނުގެތެރެއިން މުޅި ޖުމްލަ 1492 ފަރާތަށް މަޢުލޫމާތުވަނީ ފޯރުކޮށްދެވިފައިވެއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުން:
ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތަކެއްވަނީ މާލޭގައި ހިންގިފައިވުން.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×