ކަށިގަނޑު ފުމެލުން

ކޮރަޕްޝަން ދިވެހިރާއްޖެއިން ނައްތާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ކުރާ މަސައްކަތުގައި ބައިވެރިވެ، ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރެއިން، ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މަސައްކަތަކާ ޙަވާލުވެގެން ހުރި ފަރާތަކުން ކޮރަޕްޝަންގެ ޢަމަލެއް ހިންގަމުންދާކަމުގެ މަޢުލޫމާތެއް ލިބިއްޖެނަމަ އެކަން ހުއްޓުވުމަށް ފަރުދީ ހައިޞިއްޔަތުން ކުރެވިދާނެ އެންމެ މުހިންމުކަމަކީ އެ މައްސަލަ ރިޕޯޓްކުރުމެވެ. ނުވަތަ އެކަމާ ގުޅޭގޮތުން ކަށިގަނޑު ފުމެލުމެވެ. އިނގިރޭސި ބަހުންނަމަ ވިސްލް ބްލޯކުރުމެވެ.

ކަށިގަނޑު ފުމެލުމުގެ މާނައަކީ ކޮރަޕްޝަނުގެ ޢަމަލަކާ ގުޅޭ ގޮތުން އެނގޭ މަޢުލޫމާތެއް ކަމާބެހޭ ފަރާތަކަށް ދިނުމެވެ. އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ވަނީ ކޮމިޝަނަށް ވިސްލްބްލޯ ކުރާ ފަރާތްތައް ޙިމާޔަތްކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ އުސޫލެއް “ވިސްލްބްލޯ ކުރުމާއި ވިސްލްބްލޯކުރާ ފަރާތް ޙިމާޔަތްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު” ގެ ނަމުގައި އެކުލަވާލާ 13 އޮކްތޯބަރު 2016 ގައި ޢަމަލުކުރަން ފަށާފައެވެ.

މި އުޞޫލުގައިވާ ގޮތުން ކަށިގަނޑު ފުމެލުމަކީ ނުވަތަ “ވިސިލްބްލޯ” ކުރުމުގެ މާނައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤު ކުރުމުގެ އިޚުތިޞާޞް ލިބިފައިވާ ކުށެއް ކުރަން އުޅޭކަމުގެ ނުވަތަ ކުރަމުންގެންދާކަމުގެ ނުވަތަ ކޮށްފައިވާކަމުގެ މަޢުލޫމާތު، މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދިއުމުގައި ފަސޭހަވާނެ މިންވަރަށް އަދި ވިސްލްބްލޯ ކުރަނީ ކާކުކަން އެނގޭގޮތަށް ކޮމިޝަނާ ޙިއްޞާ ކުރުމަށެވެ.

މި އުޞޫލުގެދަށުން ވިސިލްބްލޯކުރާ ފަރާތަކީ ކާކުކަން އެނގޭގޮތަށް ކޮމިޝަނާ މަޢުލޫމާތު ޙިއްޞާކުރާ ފަރާތެއްކަމުގައިވާތީ، އެ ފަރާތަށް ކޮމިޝަންގެ ފަރާތުން ހިމާޔަތްތަކެއް ލިބިގެންވެއެވެ. އެގޮތުން؛

  • ޒާތީ މަޢުލޫމާތު ހިމާޔަތްކުރެވިގެންވުން: ވިސްލްބްލޯކުރާ ފަރާތާ ގުޅޭ ޒާތީ އަދި ޝަޚްޞީ މަޢުލޫމާތުތައް، ވިސްލްބްލޯ ކުރެވުނު ވަގުތުން ފެށިގެން އެ މައްސަލައެއް ތަޙުޤީޤުކުރުމުގެ ހުރިހައި މަރުޙަލާތަކެއްގައިވެސް އަދި އޭގެ ފަހުންވެސް މި އުޞޫލުގެ ދަށުން ހިމާޔަތްކުރެވިގެންވެއެވެ.
  • ވަޒީފާގެ ރައްޔާތެރިކަން ދިނުން: ވިސިލްބްލޯކުރުމުގެ ސަބަބުން އެ ފަރާތުގެ ވަޒީފާއަށާއި ވަޒީފާގެ މަސްއޫލިއްޔަތަށް އުނިކަމެއް ލިބޭފަދަ ފިޔަވަޅެއް އަޅާފައިވާނަމަ އެމައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުން ވަކި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރެވޭނެއެވެ.
  • ޖިސްމާނީ ރައްކާތެރިކަން ދިނުން: ވިސްލްބްލޯކުރީތީ، ވިސްލްބްލޯކުރި ފަރާތަށް ނުވަތަ އޭނާގެ ޢާއިލާއަށް ޖިސްމާނީގޮތުން ގެއްލުމެއް ލިބިދާނެކަމުގެ ނުވަތަ އޭނާގެ މުދަލަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮވެގެން އެކަން ކޮމިޝަނަށް އަންގައިފިނަމަ އޭނާ އާއި އޭނާގެ ޢާއިލާއާއި މުދަލަށް ލިބެންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތްތެރިކަން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެ ފަރާތަކަށް ހޯދައިދެވޭނެއެވެ.
  • އިންސާނީ ޙައްޤުތައް ހިމާޔަތްކުރެވިގެންވުން: ވިސްލްބްލޯކުރުމާ ގުޅިގެން އެފަރާތުގެ އިންސާނީ ޙައްޤަކަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮވެގެން އެކަން ކޮމިޝަނަށް އަންގައިފިނަމަ އެ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވައި އެ ފަރާތުގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަސައްކަތްކުރާނެއެވެ.

މި އުސޫލުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް އެ މީހަކު ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު ކޮމިޝަނުން ނިންމިގޮތެއް، ވިސްލްބްލޯ ކުރިތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި އަންގާނެއެވެ. ވިސްލްބްލޯ ކުރުމާއި ވިސްލްބްލޯކުރާ ފަރާތް ޙިމާޔަތްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ގެ ލިންކް ތިރީގައި އެވަނީއެވެ.

ވިސްލްބްލޯ ކުރުމާއި ވިސްލްބްލޯކުރާ ފަރާތް ޙިމާޔަތްކުރުމުގައި ޢަމަލުކުރާނެ އުސޫލު



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×