އައްޑު އަތޮޅު މީޑިއާ ސެންޓަރުގެ ޢިމާރާތް މޯލްޑިވްސް އިލެކްޓްރޯނިކް ސަރވިސަސް ކޮމްޕެނީ (މެސްކޯ) އާ ޙިއްޞާވާގޮތަށް އައިލެންޑް ޓީވީގެ ނަމުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް އެއްވެސް ކުއްޔަކާނުލައި އަދި އެއްބަސްވުމެއް ނެތި އެއިމާރާތް ދޫކޮށްފައިވާ ކަމަށާއި، 2003 ވަނަ އަހަރުން ފެށިގެން އެއިމާރާތުގެ ކަރަންޓް ބިލް ދައްކަމުން އަންނަނީ ދިވެހިރާއްޖޭގެ އަޑުންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛
ކުރީގެ ދިވެހިރާއްޖޭގެ އަޑުގެ އައްޑުއަތޮޅު މީޑިއާ ސެންޓަރުގެ ޢިމާރާތުގެ ބައެއްގައި މޯލްޑިވްސް އިލެކްޓްރޯނިކް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މެސްކޯ) އިން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް އެ އިމާރާތާއި، އެއިމާރާތުގައި ހިމެނޭ ބިމާއި، އައްޑުއަތޮޅު މީޑިއާ ސެންޓަރުގެ އެންޓަނާ، މެސްކޯގެ ބޭނުމަށް ދީފައިވަނީ ކޮން އުސޫލަކުންކަން އެނގޭނެފަދަ އެއްވެސް ލިޔެކިޔުމެއް ނުވަތަ މިކަމާގުޅޭ ގޮތުން މިދެފަރާތުގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ފެނިފައިނުވާތީއާއި، މިމައްސަލާގައި ފެންނަންހުރި ހެކިތަކާއި، ޤަރީނާތަކަށް ނަޒަރުކުރާއިރު، މެސްކޯގެ ބޭނުމަށް މިދެންނެވުނު އިމާރާތާއި، އެއިމާރާތުގައި ހިމެނޭ ބިމާއި، އެންޓަނާ ދީފައިވަނީ ވާދަވެރި ބީލަމަކާ ނުލައި ކަމާއި، އަދި މިދެންނެވުނު އިމާރާތާއި، އެއިމާރާތުގައި ހިމެނޭ ބިމާއި، އެންޓަނާ މެސްކޯގެ ބޭނުމަށް ދީފައިވަނީ މިދެފަރާތުގެ ދެމެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތި، އެއްވެސް ކުއްޔަކާ ނުލައި ކަން އެނގޭތީއާއި،
މިމައްސަލާގައި ފެންނަންހުރި ހެކިތަކާއި، ޤަރީނާތަކަށް ނަޒަރުކުރާއިރު، 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް އައްޑޫ އަތޮޅުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ މީޑިއާ ސެންޓަރުގެ އިމާރާތުގެ 2/1 ބައި ވިޔަފާރި އުސޫލުން މެސްކޯއިން ބޭނުންކޮށްފައިވާކަން އެނގޭތީއާއި، ކުރީގެ މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މި އިމާރާތުގެ ކުލީގެ ގޮތުގައި އެވްރެޖްކޮށް މަހަކު 5,000.00 (ފަސްހާސް ރުފިޔާ) ނެގިނަމަވެސް ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ޖުމްލަ 360,000.00 (ތިންލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ދައުލަތަށް ލިބޭންޖެހޭނެތީއާއި،
މި އިމާރާތުގައި ބޭނުންކުރި ކަރަންޓް ވަކިކުރެވިފައި ނުވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭތީއާއި، އެ އިމާރާތުގައި މެސްކޯއިން ބޭނުންކުރަމުންދިޔަ ކަރަންޓަށްވެސް ޚަރަދުކޮށްފައިވަނީ ދައުލަތުން ކަމާއި، މުޅި އިމާރާތުގެ ކަރަންޓް ބިލްތަކަށް މިނިސްޓްރީންނާއި، ދިވެހިރާއްޖޭގެ އަޑުން 2003 އިން 2009 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް 1,642,153.00 (އެއްމިލިއަން ހަލައްކަ ސާޅީސްދެހާސް އެއްސަތޭކަ ފަންސާސް ތިންރުފިޔަ) ދައްކާފައިވާކަން އެނގޭތީ، މި އިމާރާތުގެ ކަރަންޓް ބިލަށް 2/1 ބައި މެސްކޯއިން ދެއްކިނަމަވެސް 821,076.00 (އަށްލައްކަ އެކާވީސްހާސް ހަތްދިހަ ހަރުފިޔާ) ދައުލަތަށް ލިބެންޖެހޭނެތީއާއި،
އެހެންކަމުން، އައްޑުއަތޮޅު މީޑިއާ ސެންޓަރުގެ އިމާރާތާއި، އެ އިމާރާތުގެ ބިމާއި، އެންޓަނާ ވަކި އުސޫލެއް ނެތި، އަދި އެއްވެސް ކުއްޔަކާ ނުލާ މެސްކޯއިން ބޭނުންކުރުމަށް ދިނުމަށް މެސްކޯއާއެކު މުޢާމަލާތްކޮށްފައިވަނީ އެއިރުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން، އާރޓްސް އެންޑް ކަލްޗަރ އިބްރާހީމް ޙުސައިން މަނިކު ކަން މި މައްސަލާގައި ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީއާއި، އައްޑުއަތޮޅު މީޑިއާ ސެންޓަރުގެ އިމާރާތުގެ ބައެއް މެސްކޯއަށް ހަވާލުކުރުމުގައި ދަޢުލަތަށް ލިބެންއޮތް ފައިދާއެއް ނުލިބޭގޮތަށް ޢަމަލުކޮށްފައިވާކަން ތަހުޤީޤަށް ފާހަގަކުރެވިފައިވާތީ، ކުރީގެ މިނިސްޓަރ އޮފް އިންފޮމޭޝަން، އާރޓްސް އެންޑް ކަލްޗަރ މ.ސަމަރބްލޮސަމް/މާލެ، އިބްރާހީމް ޙުސައިން މަނިކުގެ މައްޗަށް، ޤާނޫނު ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރި ކުށުގެ ދަޢުވާކުރުމަށާއި، ދައުލަތަށް މީގެސަބަބުން ލިބުނު ގެއްލުންކަމަށްވާ އިމާރާތުގެ ޖުމްލަ ކުއްޔަށްވާ 360,000.00 (ތިންލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އާއި، މި އިމާރާތުގެ ކަރަންޓް ބިލްތަކަށް ދިވެހިރާއްޖޭގެ އަޑުން ޚަރަދުކުރި ފައިސާގެ 2/1 (ދެބައިކުޅަ އެއްބައި) ބަޔަށްވާ ޖުމްލަ 821,076.00 (އަށްލައްކަ އެކާވީސްހާސް ހަތްދިހަ ހަރުފިޔާ) އާއެކު ޖުމްލަ 1,181,076.00ރ (އެއްމިލިއަން އެއްލައްކަ އަށްޑިހަ އެއްހާސް ހަތްދިހަ ހަރުފިޔާ) ހޯދުމުގެ ދައުވާކުރުމަށް 02 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.