މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމް.ޕީ.އޭ) އަށް ގަނެފައިވާ 2 ކްރޭންގެ އަގުއަދާ ކުރުމުގައި އެއްބަސްވުމާ އެއްގޮތް ވާގޮތުގެމަތިން “ލިކުއިޑޭޓަޑް ޑެމޭޖަސް” ނަގާފައިނުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛
އެމް.ޕީ.އޭ އަށް ކޮބެލްކޯ މަރުކާގެ 2 ކްރޭން ގަތުމަށް ސްރީލަންކާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި 704,880.00 (ހަތްލައްކަ ހަތަރުހާސް އަށްސަތޭކަ އަށްޑިހަ) އެމެރިކާ ޑޮލަރަށް 180 ދުވަސްތެރޭ 02 ކްރޭން ގެނެސް އެމް.ޕީ.އޭ އާ ޙަވާލުކުރުމަށް ބަޔާންކޮށްފައިވާއިރު، އެ 02 ކްރޭން، އެމް.ޕީ.އޭ އާ ޙަވާލުކޮށްފައިވަނީ އެއްބަސްވެފައިވާ ތާރީޚަށްވުރެން 23 ދުވަސް ފަހުންކަން ފާހަގަކުރެވޭތީއާއި،
އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 54,628.20 އެމެރިކާ ޑޮލަރ (ފަންސާސް ހަތަރުހާސް ހަސަތޭކަ އަށާވީސް ޑޮލަރު ވިހި ސެންޓް) އެއްބަސްވުމުގެ އަގުން އުނިކުރަންޖެހޭކަން ފާހަގަކުރެވޭއިރު، އެގޮތުގެމަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ނަގާފައިނުވާތީއާއި،
މިކަމާ ގުޅޭގޮތުން ބޭންކުގައި ހުޅުވާފައިވާ އެލް.ސީއާ ގުޅިގެން އެމް.ޕީ.އޭ އަށް ބޭންކުން ފޮނުވާފައިވާ ސިޓީއެއްގައި އެލް.ސީ އިން ލިބިފައިވާ މުދަލުގެ ލިޔެކިޔުންތަކާ މެދު އިޢުތިރާޒު ކުރާކަން 5 ދުވަހުގެ ތެރޭގައި އަންގައި ދިނުމަށާއި، 5 ދުވަހުގެ މުއްދަތަށްފަހު މައްސަލައެއް ނެތްކަމަށްބަލައި ސްރީލަންކާގެ ކުންފުންޏަށް އެލް.ސީ ގައިވާ 704,880.00 (ހަތްލައްކަ ހަތަރުހާސް އަށްސަތޭކަ އަށްޑިހަ) އެމެރިކާ ޑޮލަރު ދޫކުރެވޭނެކަމަށް ބަޔާންކޮށްފައިވަނިކޮށް، އެމުއްދަތުގެ ތެރޭގައި، އެލް.ސީ ގެ ބާކީ ފައިސާ ދޫކުރުމުގެ ހުއްދަ އެމް.ޕީ.އޭގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ ޙުސައިން ޙިލްމީ އާއި އެދުވަސްވަރު އެމް.ޕީ.އޭގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝަކޫރު އަޙްމަދު ބޭންކަށް ދީފައިވާތީ،
ކޮންޓްރެކްޓްގެ ޖުމްލަ އަގުކަމުގައިވާ 704,880 (ހަތްލައްކަ ހަތަރުހާސް އަށްސަތޭކަ އަށްޑިހަ) އެމެރިކާ ޑޮލަރު އެމް.ޕީ.އޭ އިން ދައްކާފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ހިނގި 23 ދުވަހަށް ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 54,628.20 (ފަންސާސް ހަތަރުހާސް ހަސަތޭކަ އަށާވީސް ޑޮލަރު ވިހި ސެންޓް) އެމެރިކާ ޑޮލަރު ނުކަނޑާ ކަމަށްވާތީ، އެކަމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެއްކަމަށް ފާހަގަކުރެވޭތީ، އެމް.ޕީ.އޭގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ މއ.ފަހިވިލާ/ކ.މާލެ ޙުސައިން ޙިލްމީ އާއި، އެދުވަސްވަރު އެމް.ޕީ.އޭގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ކ.މާލެ/ގ.އާސާނި ޢަބްދުއްޝަކޫރު އަޙްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރި ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.