ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި

23 Apr 2019

މި އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާ ރޭ ކަސްޓަސް ގެ މީރުބަހުރު މާލަތުގައި ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ، އަލްއުސްތާޛް ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.

މި ޖަލްސާގައި ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ކޮމިޝަނުން ކުރިއަށްގެންދިޔަ ނަޒާހަތްތެރިކަމުގެ ވާހަކަފޮތް އުފެއްދުމުގެ މުބާރާތަށް ހުށަހެޅުނު ވާހަކަފޮތްތައް ނެރެދެއްވައި، މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުރިއަށް ގެންދެވުނެވެ. އަދި، ކޮމިޝަންގެ 2018 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތާއި، ކޮމިޝަނުން ކޮންމެ ކުއާޓަރއަކު އެއްފަހަރު ނެރޭ ބިތުފަންގި ބުލެޓިންގެ 3 ވަނަ ވޮލިއުމްގެ 4 ވަނަ އަދަދު އަދި ‘އަބާންނަ – ރިޕޯޓު ‘ފޮތް ވަނީ ޢާންމުކޮށްފައެވެ. މީގެ އިތުރުން، މެދުކެނޑުމެއް ނެތި ކޮމިޝަނުގައި 10 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ކޮމިޝަންނުންވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
މި ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ދައުލަތުގެ އިސްމަޤާމުތައް ފުރުއްވާ ބައެއް ފަރާތަކުންނާއި އޭސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ކޮންމެ އަހަރެއްގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރަމުން އަންނަނީ ރަސްމީ ހައިސިއްޔަތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް “އެންޓި-ކޮރަޕްޝަނ ބޯޑް”ގެ ނަމުގައި އިދާރާއެއް ހުޅުވުނު ދުވަހާ ގުޅުވައިގެންނެވެ. ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދާރާއެއް އުފައްދާފައިވަނީ 1991 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އެ އިދާރާގެ ނަމަކީ އެންޓި-ކޮރަޕްޝަން ބޯޑެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×