ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ފަރާތުން ކުރިއަށް ގެންދާ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭ.ސީ.ސީގެ ފަރާތުން ސެޝަނެއް ނަގައި ދީފިއެވެ. ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގްރާމަކީ ކުންފުނިތަކުގެ ޑައިރެކްޓަރުން ފެންވަރުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ޒިންމާއާއި މައްޞޫލިއްޔަތު އަންގައިދީ، ސީ.ޖީ ކޯޑާއި ކުންފުނިތަކުގެ ޤާނޫނާއި ޓެކްސްގެ ނިޒާމު އަދި އެންޓި-ކޮރަޕްޝަނުގެ އުސޫލުތަކަށް އަހުލުވެރިކުރުވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ޑައިރެކްޓަރުން ފެންވަރުގައި މަސައްކަތް ކުރައްވާ ފަރާތަކަށް ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. 2020 ސެޕްޓެންބަރު 9 ވީ ބުދަ ދުވަހު އޭސީސީ އިން ވާޗުއަލްކޮށް ނަގައިދިން މި ސެޝަނުގައި، އެމް.ޓީ.ސީ.ސީ ގެ ބޯޑުގެ މެންބަރުންނާއި އިސްވެރިންގެ 20 ބޭފުޅަކު ބައިވެރިވިއެވެ. މި ސެޝަންގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އަލި އަޅުވައިލައި، ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 2 ގަޑިއިރުގެ މި ސެޝަން ނަންގަވައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.