މިނިސްޓްރީ އޮފް ހެލްތުން ޔުނޮޕްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ، ހެލްތް ސެކްޓަރ ޕްރޮކިއުމަންޓާއި، ސަޕްލައި ޗެއިން ކޭޕަބިލިޓީސްގެ ފޭސް-2 އަދި ފޭސް-3 ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި، ތިރީގައި މިދަންނަވާ ކަންކަން ފާހަގަކުރެވިފައިވެއެވެ.
1. “ސްޓްރެންތަނިންގ ހެލްތު ސެކްޓަރ ޕަބްލިކް ޕްރޮކިއުމެންޓް އެންޑް ސަޕްލައި ޗެއިން މެނޭޖްމެންޓް ކެޕޭސިޓީސް”ގެ ނަމުގައި ޕްރޮޖެކްޓް ޕްރޮޕޯސަލެއް ޔުނޮޕްސްގެ ފަރާތުން ތައްޔާރުކޮށް 29 އޯގަސްޓް 2012 ގައި ހުށަހަޅާފައިވާކަމާއި، 3 ފޭސް އަކަށް ބަހާލައިގެން ކުއިރަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މެމޮރެންޑަމް އޮފް އެގްރީމެންޓްގައި މިނިސްޓްރީ އޮފް ހެލްތާއި ޔުނޮޕްސްއާ ދެމެދު ސޮއި ކޮށްފައިވަނީ 31 އޮކްޓޯބަރ 2012 ގައިކަމާއި، މިއެގްރިމެންޓްގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ މިޕްރޮޖެކްޓްގެ ފޭސް 1 ގައި ޢަމަލުކުރާނެ ގޮތްތައްކަމާއި، ޕްރޮޖެކްޓްގެ ފޭސް-1 ގެ ހޯދުންތަކަށް ބަލައި 11 ފެބްރުއަރީ 2013 ގައި “އެފިޝަންސީ އެސެސްމަންޓް ރިޕޯރޓް” އެއް ޔުނޮޕްސް އިން އެކުލަވާލާފައިވާކަމާއި، މިރިޕޯޓްގައި މިމަޝްރޫޢާގުޅިގެން ޢަމަލުކުރުމަށް ފެންނަ ގޮތްތައް (ރިކޮމެންޑޭޝަންތަކެއް) ބަޔާންކޮށްފައިވާކަމާއި، މި ރިޕޯޓްގައިވާ ކަންތައްތަކާ ބެހޭގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފައިވާކަމަށާއި މިރިޕޯޓްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދީފައިވާކަން.
2. މަޝްރޫއުގެ ފޭސް 2 އާއި ފޭސް 3 ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރުކޮށްފައިވާ މެނޭޖްމެންޓް ސަރވިސް އެގްރިމެންޓްގެ ޑްރާފްޓަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޓްރެޜަރީއިންނާއި އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާހޯދާފައިވާކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެޤާނޫގެ ދަށުން ހަދާފައިވާ ގަވާއިދަށް ކޮންސިޑަރ ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެގްރިމެންޓްގެ ދަށުން ދިވެހިސަރުކާރުގެ ފަރާތުން ކުރަންޖެހޭ އަދި ކުރަންޖެހިދާނެ ޚަރަދުތައް ކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން އެމިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެންކަމަށްވާތީ އެކަން އެގޮތަށް ހަމަޖެހިފައިވާކަން ޔަޤީންކުރަންޖެހޭކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ދީފައިވާ ޤާނޫނީ ލަފާގައި ބުނެފައިވާކަން.
2
3. މިނިސްޓްރީ އޮފް ހެލްތާއި ޔުނޮޕްސް އާ ގުޅިގެން ހިންގާ “ހެލްތް ސެކްޓަރ ޕަބްލިކް ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް ކެޕޭސިޓީސް- ފޭސް 2 އެންޑް 3” މަޝްރޫޢުއާ ގުޅޭ މެނޭޖްމެންޓް ސަރވިސް އެގްރިމެންޓްގައި މިނިސްޓްރީ އޮފް ހެލްތް އާއި ޔުނޮޕްސް އާ ދެމެދު 15 އޭޕްރިލް 2013 ގައި ސޮއިކޮށްފައިވާކަމާއި، މިއެގްރިމެންޓްގައި ސޮއިކުރިއިރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށާއި އެޓަރނީ ޖެނެރަލްގެ އޮފީހުން ދީފައިވާ ޤާނޫނީ ލަފާގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް ރިޢާޔަތް ކޮށްފައިނުވާކަމާއި، އެލަފާތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން.
4. އެގްރިމެންޓްގައި ބަޔާންކޮށްފައިވާގޮތުން މިޕްރޮޖެކްޓްގެ ފައިސާ ޓްރާންފަރކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު ކަމުގައިވީއިރު ރައްޔިތުންގެ މަޖްލީހުން އެކަމުގެ ހުއްދައެއް ހޯދާފައިވާކަން އެނގެން ނެތްކަމާއި، އަދި ރައްޔިތުންގެ މަޖިލީހުން 2013 ވަނަ އަހަރަށް މިނިސްޓްރީ އޮފް ހެލްތަށް ފާސްކޮށްދީފައިވާ ބަޖެޓުގައި މިފަދަ މަޝްރޫޢުއަކަށް ހަރަދުކުރުމަށް ބަޖެޓް އެކުލަވާލާފައިވާކަންވެސް އެނގެން ނެތްކަން.
5. މިއެގްރިމެންޓްގައި ބަޔާންކޮށްފައިވާ ޕޭމެންޓް ސެޑިއުލްއާ އެއްގޮތަށް ފައިސާ ޓްރާންފަރ ކުރަންޖެހޭނެކަމަށާއި ފައިސާ ޓްރާންސްފަރ ކުރަންޖެހެނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޖޭޕީ މޯގަން ޗޭސް ބޭންކުގައިވާ ޔުނޮޕްސްގެ އެކައުންޓަށްކަމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާކަމާއި، އޮފީހަށް ބޭނުންވާ އެއްޗެއް ގަތުމަށް ނުވަތަ އޮފީހަށް ހޯދާފައިވާ އެއްޗެއްގެ އަގު ދިނުމަށް ފައިސާ ނަގަންވާނީ އެއެއްޗެއްގެ އަގު ރަނގަޅަށް ބެލުމަށްފަހު ބޭނުންވާ ޢަދަދަށްކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.03 މާއްދާގެ (ރ) ގައި ބުނެފައިވާއިރު މިގޮތަށް ޖުމްލަ ޢަދަދެއް ތަކެތި ގަތުމުގެ ބޭނުމުގައި އެހެން ފަރާތަކާ ޙަވާލުނުކުރެވޭކަމާއި، މީގެއިތުރުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމުގެކުރިން އެޑްވާންސްގެ ގޮތުގައިވެސް މިމަޝްރޫޢަށް ބޭނުންވާ ފައިސާ ދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 8.23 ވަނަ މާއްދާގައި ބުނެފައިވާގޮތަށް އެމަޝްރޫޢުގެ ޖުމްލަ އަގުގެ %15 ކަމާއި، ނަމަވެސް މުޅި މަޝްރޫޢަށް ބޭނުންވާ ފައިސާ ތަކެތި ނުވަތަ ޚިދުމަތް ލިބުމުގެ ކުރިން ޔުނޮޕްސްއިން ބޭނުންވާ އެކައުންޓަކަށް ޓްރާންސްފަރކުރުމަށް މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން.
6. މިމަޝްރޫޢުގެ މައިގަނޑު ޚަރަދުތައް ބަހާލާފައިވާގޮތުން ޕްރޮކިއުކުރަންޖެހޭ މުދަލުގެ އަންދާޒާ އަގުކަމަށް ހިމަނާފައިވަނީ މުޅި މަޝްރޫޢުގެ %80 ކަމާއި، ބާކީ %20 ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މެނޭޖްމެންޓް ފީގެ ގޮތުގައި ޔުނޮޕްސްއަށް ދައްކަންޖެހޭ ފައިސާގެ އިތުރުން މުވައްޒަފުންގެ ޚަރަދާއި ދަތުރު ޚަރަދާއި އައިޓީ އިކްވިޕްމެންޓްގެ ޚަރަދާއި ޓްރޭނިންގ ޚަރަދަށްކަމާއި، ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރަންވާނީ އެކަމަކަށް ބަޖެޓްގައި ކަނޑައެޅިފައިއޮތް ޢަދަދަށްވުރެ އިތުރުނުވާނެގޮތެއްގެ މަތިން އެޚަރަދެއްކުރަން އެންމެ ހަމަޖެހޭ އައިޓަމަކުންކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.06 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރު މެޑިކަލް އިކްވިޕްމެންޓާއި ކޮންސިއުމަބަލްސް އަށް އެލޮކޭޓް ކޮށްފައިވާ ބަޖެޓުން މިމަޝްރޫޢުގައި ހިމެނޭ ހުރިހާ ކަމަކަށް ޚަރަދު ކުރެވޭނެކަމަކަށް ޤަބޫލެއް ނުކުރެވޭކަން.
3
7. މިއެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންސަލްޓިންގް ކުންފުނި އައްޔަނުކުރުމާއި މުދާ ގަތުމުގެ މަސައްކަތް ހިމެނިފައިވާކަމާއި، މިފަދަ މަސައްކަތްތަކަށް ކޮށްދޭނެ ފަރާތްތައް ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ޒިއްމާތައް ވަނީ ޔުނޮޕްސް އާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ބަހާލެވިފައިވާކަމާއި، މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވަނީ ބިޑަށް ހުޅުވާލައިގެންކަން މިއެއްބަސްވުމުން އެނގޭކަމާއި، ޓެންޑަރިން މަސައްކަތް ކުރިއަށް ގެންދާނީ ޔުނޮޕްސްއިންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި، ދައުލަތުގެ އިދާރާތަކުން ޕްރޮކިއުމެންޓްގެ މަސައްކަތްތައް ކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު މިއުޞޫލުތަކާ ޚިލާފަށް ޕްރޮކިއުމެންޓްގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށާއި، މެނޭޖްމެންޓް ސަރވިސް އެގްރިމެންޓާ އެއްގޮތަށް ޢަމަލުކުރުމުގައި 1,500,000 (އެއްމިލިއަން، ފަސްސަތޭކަހާސް) ރުފިޔާ ހަމަނުވާ އަދަދަކަށް މުދާ ގަންނަނަމަ ނުވަތަ ޚިދުމަތް ހޯދާނަމަ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރެވެމުންދޭތޯ ބެލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިވާކަމާއި، އެހެންނަމަވެސް 1,500,000 (އެއްމިލިއަން، ފަސް ސަތޭކަހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދަކަށް މުދާ ގަންނަނަމަ ނުވަތަ ޚިދުމަތް ހޯދާނަމަ އެފަދަ މަސައްކަތެއް ކުރާނެ ފަރާތެއް ކަނޑައަޅާނީ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެންކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާއިރު މެނޭޖްމެންޓް ސަރވިސް އެގްރިމެންޓްގެ ދަށުން ޢަމަލުކުރުމަށް ބުނެފައިވަނީ އެގޮތަށް ނޫންކަން.
8. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އަދި ޕްރޮކިއުމެންޓް މަސައްކަތް ކުރުމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބަލާއިރު 1,500,000 (އެއްމިލިއަން، ފަސް ސަތޭކަހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދަކަށް މުދާ ގަތުމުގައި ނުވަތަ ޚިދުމަތް ހޯދުމުގައި ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ނޫންގޮތަކަށް އެކަން ކުރެވޭނެކަމަކަށް ޤަބޫލެއް ނުކުރެވޭކަން.
އެހެންކަމުން، މަތީގައި ދެންނެވިފައިވާ ކަންކަން އެގޮތަށް ފާހަގަކުރެވިފައިވާތީއާއި، މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ މިކަން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ދައުލަތުގެ ބަންޑާރަ ނާއިބު ދީފައިވާ ލަފާތަކާ އެއްގޮތަށް ނޫންކަމާއި، އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ ޚިލާފަށްކަން ފާހަގަކުރެވިފައިވާތީ، މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިޔަށްގެންދާނަމަ މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ބަންޑާރަ ނާއިބުގެ އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފުނުވާނެގޮތަށް ކުރިޔަށް ގެންދިއުމަށް 23 މެއި 2013ގައި މިނިސްޓްރީ އޮފް ހެލްތަށް މިކޮމިޝަނުން ވާނީ އަންގާފައެވެ.