2007 ވަނަ އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ތައްޔާރީތަކުގެ ތެރެއިން ހއ.ކެލާ މަގުތަކުގައި ޖަހާފައިވާ ހޮޅިދަނޑިތަކަށް ބޭނުންވާ ބައްތި ކޮމްޕްލީޓް ގަތުމަށް، ރކ.ކޮމިޓީން ނިންމައިގެން ރައްޔިތުންގެ އެކައުންޓުން ނެގި 50,000 (ފަންސާސްހާސް) ރުފިޔާގެ ތެރެއިން ބައްތި ކޮމްޕްލީޓް ގަތުމަށް ޚަރަދުކޮށްފައިވާ 43,466.25 (ސާޅީސްތިންހާސް ހަތަރުސަތޭކަ ފަސްދޮޅަސްހަރުފިޔާ ފަންސަވީސްލާރި)، އުނިކުރުމަށްފަހު ބާކީވާ 6,533.75 (ހަހާސް ފަސްސަތޭކަ ތިރީސްތިންރުފިޔާ ހަތްދިހަ ފަސްލާރި) ހުންނަންވާނީ ކެލޭ އޮފީހުގެ އޭރުގެ ކުޑަކަތީބް އިބްރާހީމް ޢަފީފްގެ އަތުގައިކަން ހެކިންގެ ހެކިބަހުން އެނގޭތީއާއި، އެކަމަށް އިބްރާހީމް ޢަފީފްވެސް އެއްބަސްވާތީއާއި، ބާކީހުރި 6,533.75 (ހަހާސް ފަސްސަތޭކަ ތިރީސްތިންރުފިޔާ ހަތްދިހަފަސްލާރި) ގެ ތެރެއިން ފަހުންވެސް އެކި ކަންކަމަށް ފައިސާ ޚަރަދު ކޮށްފައިވާކަމަށް އިބްރާހީމް ޢަފީފް ބުނިނަމަވެސް، އެފައިސާ ޚަރަދު ކޮށްފައިވާ ގޮތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ކެލާ އޮފީހުގައި ނެތުމުންނާއި، އަދި އެފަދަ ފައިސާއެއް އެހެން ފަރާތަކާ ޙަވާލުކުރިކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ތަޙްޤީޤަށް ލިބިފައިނުވާތީ، މިކަމުގައި އިބްރާހީމް ޢަފީފް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ.
އެހެންކަމުން، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަމާއްދާގެ (ހ) ގައި ބުނާފަދައިން ހއ.ކެލާ، ފަރިހިގެ، އިބްރާހީމް ޢަފީފް (އައި.ޑީ. ކާރޑް ނަމްބަރ A083803) މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދާފައިވާތީ، އިބްރާހީމް ޢަފީފްގެ މައްޗަށް ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަޢުވާކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.