މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާތީ، ޤާނޫނު ނަންބަރު 2000/2( ކޮރަޕްޝަން ހުއްޓުވުމައި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުﷲ ސަޢީދު ޏ.ފުވައްމުލަކު/ އިތާ ގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

04 Jun 2013

1 – ޏ.ފުވައްމުލަކު، ގްރީކުގެ ގޯތިތެރޭގައި ހުރެގެން މޭވާގެއަށް އުދަގޫވާތީ ކަނޑާލަންޖެހުނު އަނބުގަހުގެ ބަދަލުދިނުމުގައި، ފުވައްމުލަކު ކައުންސިލަރ އިބްރާހީމް ފިކުރީ ޙުސައިން، ޤަވާއިދާ ޙިލާފަށް ފައިސާ ނަގާފައިވާކަމަށް ކޮށްފައިވާ ތުހުމަތާގުޅިގެން މިކޮމިޝަނުން ކުރި ތަޙްޤީޤުގައި، ގްރީކުގެ ގޯތީގައިހުރެގެން މޭވާގެއަށްދަތިވާ އަނބުގަހާ ބެހޭ މަޢުލޫމާތު ރިޕޯޓުގައި އެ ގަހުގެ ވަށަމިނަކީ 1300 ސެންޓިމީޓަރ ކަމަށް ބަޔާންކޮށްފައި ވަނިކޮށް އެރިޕޯޓްގައި އެގަހުގެ މިން ނެގުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ސޮއިކޮށްފައިވަނީ ބަލަންވާވަރަށް ނުބަލާކަމަށްވާތީއާއި ފުވައްމުލަކު އޮފީހުގެ ރުއްގަހުގެ ބަދަލުދިނުމާގުޅޭ މަސައްކަތް ކުރާ ޑީ ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން އެދުވަސްވަރު މަސައްކަތްކޮށްފައިވަނީ ފުވައްމުލަކު އޮފީހުގެ އޭރުގެ ކަތީބު ފުވައްމުލަކު އިތާ ޢަބްދުﷲ ސަޢީދުކަމަށް ވާތީއާއި އަނބުގަހުގެ ވަށަމިނަކީ ރަނގަޅު މިނެއްތޯ ޗެކްކުރުމަކީ ސެކްޝަންގެ އިސްވެރިއެއްގެ ހައިޞިއްޔަތުން ޢަބްދުﷲ ސަޢީދުގެ ޒިންމާއެއްކަމުގައި ވާތީއާއި، އަނބުގަހުގެ މިންނެގުމުގައި އިޙްމާލުވެވިފައިވާކަމަށް ޢަބްދުﷲ ސަޢީދު އެއްބަސްވެފައިވާތީއާއި އަނބުގަހުގެ މިންނަގައި ބަދަލުގެ ކަންތައް ހަމަޖެއްސުމަށް ތައްޔާރުކުރި ހުރިހާ ލިޔުމެއްގައި އަނބުގަހުގެ ވަށަމިނަކީ 1300 ސެންޓިމީޓަރކަމަށް އޮޅިގެން ޖެހިގެން އަނބުގަހުގެ ބަދަލުފައިސާ އިތުރަށް ދެވިފައިވާކަމަށް ޢަބްދުﷲ ސަޢީދު ބުނިނަމަވެސް ވަށަމިނުގައި 1300 ސެންޓިމީޓަރ ހުރި އަނބުގަހެއް ހުރުމަކީ އާންމުކަމަކަށް ނުވާއިރު ރުއްގަހުގެ ބަދަލުދިނުމުގެ މަސައްކަތް އާންމުކޮށްކުރާ ފަރާތަކަށް އެކަން ފާހަގަކުރެވެންޖެހޭނެކަމަށް ޤަބޫލުކުރެވޭތީއާއި އަދި އެގަސް ފެނިފައިވާ ފަރާތަކަށް އެއީ 1300 ސެންޓިމީޓަރގެ ގަހެއް ނޫންކަން ފާހަގަކުރެވެންޖެހޭނެކަމަށްވެސް ޤަބޫލުކުރެވޭތީއާއި އެގަހުގެ ބަދަލުގޮތުގައި ދޭންޖެހޭ އަގަށްވުރެ 8265.00 (އަށްހާސް ދުއިސައްތަ ފަސްދޮޅަސް ފަހެއް) ރުފިޔާ އިތުރަށް ގަހުގެ ވެރިފަރާތާ ޙަވާލުކޮށްފައިވާއިރު އެއީ އާންމުކޮށް އަނބުގަހެއްގެ ބަދަލުގެގޮތުގައި ފައިސާ ދޭންޖެހިދާނެ ޢަދަދެއް ނޫންކަން ޢަބްދުﷲ ސަޢީދަށް ފާހަގަކުރެވެން ޖެހޭނެކަން ޤަބޫލުކުރެވޭތީ މިކަމަކީ ފުވައްމުލަކު އިތާ ޢަބްދުﷲ ސަޢީދުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށްވާތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ފުވައްމުލަކު އިތާ ޢަބްދުﷲ ސަޢީދު ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އަދި ޢަބްދުﷲ ސަޢީދުގެ މިޢަމަލުގެ ސަބަބުން ދައުލަތުން އިތުރަށް ޚަރަދުކުރެވިފައިވާ 8265.00 (އަށްހާސް ދުއިސައްތަ ފަސްދޮޅަސް ފަހެއް) ރުފިޔާއަކީ ދައުލަތަށް ލިބިފައިވާ ގެއްލުމަކަށްވުމާއެކު ދަޢުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ޢަބްދުﷲ ސަޢީދުގެ އަތުން ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2- ފުވައްމުލަކު އެމް.ޖޭ.އެމް.ގެ އިރުދެކުނުފަރާތުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ ބަދަލުދިނުމުގައި، ފުވައްމުލަކު ކައުންސިލަރަކު ޤަވާއިދާ ޚިލާފަށް ފައިސާ ނަގާފައިވާކަމަށް ކޮށްފައިވާ ތުހުމަތު މިކޮމިޝަނުން ތަހްޤީގު ކުރިކުރުމުގައި، އެމް.ޖޭ.އެމް ގެ ދެކުނު ފަރާތުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ ތަފްޞީލު ނަގައި ރުއްގަހުގެ ބަދަލުގެގޮތުގައި ދޭންޖެހޭ ފައިސާގެ ތަފްޞީލް ޝީޓެއް ތައްޔާރުކުރުމަށްފަހު ރުއްގަހުގެ ބަދަލު ދިނުމަށް ބޭނުންވާ 76،301.79 (ހަތްދިހަ ހަހާސް ތިން ސަތޭކަ އެއްރުފިޔާ ހަތްދިހަ ނުވަ ލާރި) ރުފިޔާ ހޯދުމަށް ފުވައްމުލަކު އޮފީހުގެ ޑީ.ސެކްޝަނުން ބީ.ސެކްޝަނަށް ފޮނުވާފައިވާ ނޯޓުގައާއި ރުއްގަހުގެ ތަފްޞީލް ލިސްޓްގައި ސޮއިކޮށްފައިވަނީ ފުވައްމުލަކު އޮފީހުގެ ކުރީގެ ކަތީބު ޢަބްދުﷲ ސަޢީދު ކަމަށްވާތީއާއި އެރުއްގަހުގައި ފުވައްމުލަކު އޮފީހުގެ ފަރާތުން ނަންބަރުޖަހައި ފަލަމިން ނޯޓްކޮށް ތަފްޞީލް ލިޔުނުއިރު ގިނަގަސްތަކެއްގެ ވަށަމިން ބެލިފައިވަނީ ނުބައިކޮށްކަމަށް ފާހަގަވުމާގުޅިގެން އެގަސްތަކުގެ މިންތައް އަލުން ޗެކްކޮށް ރުއްގަހުގެ ތަފްޞީލު ޝީޓް އިސްލާޙުކުރުމަށްފަހު ފުވައްމުލަކު އަތޮޅުއޮފީހަށް ފޮނުވާފައިވާ ރުއްގަހުގެ ތަފްޞީލް ޝީޓުގައިވެސް ސޮއިކޮށްފައިވަނީ ޢަބްދުﷲ ސަޢީދު ކަމަށްވާތީއާއި އެމް.ޖޭ.އެމް ގެ ދެކުނު ފަރާތުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ މިން ފޮތުގައި ނޯޓުކުރީ ޢަބްދުﷲ ސަޢީދުކަމަށް އޭނާ ބުނެފައިވާތީއާއި އެމް.ޖޭ.އެމް.ގެ ދެކުނުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ ތަފްޞީލް ލިސްޓު އިޞްލާޙުކުރިއިރު އެ މަގުގައި ހުރި ދެ ގެއެއްގެ ރުއްގަހުގެ މިންތައް އިސްލާޙުކޮށް ބަދަލުގެނެސްފައިވީނަމަވެސް އެމަގުގައި ހުރި އެހެންފަރާތްތަކުގެ ރުއްގަހުގެ މިންތައް އިޞްލާޙުކޮށްފައިނުވާކަން ފާހަގަކުރެވޭތީއާއި އެމް.ޖޭ.އެމް.ގެ ދެކުނުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ ތަފްޞީލު ޝީޓު އިޞްލާޙު ކުރިއިރުވެސް ބައެއް ރުއްގަހުގެ މިންތައް ފޮތުގައި ނޯޓުކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ލިޔެފައި ނެތުމުން، ރުއްގަހުގެ ބަދަލުގެގޮތުގައި 9,681.50 (ނުވަހާސް ހަސަތޭކަ އަށްޑިހަ އެއްރުފިޔާ ފަންސާސް ލާރި) ރުފިޔާ އިތުރަށް ޚަރަދުކުރެވިފައި ވާތީއާއި އެމް.ޖޭ.އެމް.ގެ ދެކުނުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ ތަފްޞީލު ޝީޓުގައިވާ ރުއްގަހުގެ މިންތަކާއި ނޯޓުފޮތުގައި ނޯޓްކޮށްފައިވާ މިންތައް އަޅައިކިޔައި ބެލިއިރު ނުބައިކޮށް މިން ޖަހާފައިވާ ގިނަ މިންތަކަކީ އެރުއްގަހުގެ އަސްލުމިނުގެ ކުރިއަށް އެކެއް އިތުރުކޮށްގެން ޖަހާފައިވާ މިންތަކެއްކަން ފާހަގަކުރެވޭތީއާއި މިއީ އޮޅިގެން ޖެހިފައިވާ ގޮތެއްކަމަށް ޤަބޫލުނުކުރެވޭތީއާއި ފުވައްމުލަކު އޮފީހުގެ ރުއްގަހުގެ ބަދަލުދިނުމާގުޅޭ މަސައްކަތް ކުރާ ޑީ ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން އެދުވަސްވަރު މަސައްކަތްކޮށްފައިވަނީ ފުވައްމުލަކު އޮފީހުގެ އޭރުގެ ކަތީބު ފުވައްމުލަކު އިތާ ޢަބްދުﷲ ސަޢީދުކަމަށް ވާތީއާއި އެމް.ޖޭ.އެމް.ގެ ދެކުނުން ފުރަތަމަ މަގުގައި ހުރި ރުއްގަހުގެ ބަދަލުދިނުމާ ގުޅޭގޮތުން ތައްޔާރުކުރި ލިޔުންތައް ތައްޔާރުކޮށްފައިވަނީ ޢަބްދުﷲ ސަޢީދުގެ ބެލުމުގެދަށުންކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވުމުން މިކަމަކީ ޢަބްދުﷲ ސަޢީދުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ފުވައްމުލަކު އިތާ ޢަބްދުﷲ ސަޢީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އަދި ޢަބްދުﷲ ސަޢީދުގެ މިޢަމަލުގެ ސަބަބުން ދައުލަތުން އިތުރަށް ޚަރަދުކުރެވިފައިވާ 9,681.50 (ނުވަހާސް ހަސަތޭކަ އަށްޑިހަ އެއްރުފިޔާ ފަންސާސް ލާރި) ރުފިޔާއަކީ ދަޢުލަތަށް ލިބިފައިވާ ގެއްލުމަކަށް ވުމާއެކު ދަޢުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ޢަބްދުﷲ ސަޢީދުގެ އަތުން ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×