ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، އަދި އެޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ގއ. ދާންދޫ ކައުންސިލްގެ ކުރީގެ ނާއިބުރައީސް އަދި މިހާރު ގއ.ދާންދޫ ކައުންސިލްގެ ރައީސް ޝުޢައިބު ޢަބްދުﷲ (ކަކާގެ/ގއ.ދާންދޫ )ގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

12 Jun 2013

ގއ.ދާންދޫ މީހަކު އިމަޖެންސީކޮށް ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ގއ.ދާންދޫ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރ ލަފާދިނުމާ ގުޅިގެން، އެކަމުގައި ބަލިމީހާގެ ގާތްތިމާގެ މީހުންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން، ގއ.ދާންދޫ ކައުންސިލުން ނިންމައިގެން ކައުންސިލްގެ ޒިންމާގެ ދަށުން އެމީހާ ގޮވައިގެން އޭރުގެ ކައުންސިލްގެ ނާއިބުރައީސް ޝުޢައިބު ޢަބްދުﷲ ގދ.ތިނަދުއަށް ދިއުމަށް ކައުންސިލުން ނިންމުމާ ގުޅިގެން، 24 ނޮވެމްބަރ 2011 ވަނަ ދުވަހުގެ ރޭ ޝުޢައިބު ޢަބްދުﷲ ގދ.ތިނަދުއަށް ދިއުމަށްފަހު އެނބުރި އައިސް ދަތުރުގެ ޚަރަދުގެ ބިލުތަކުގެ ގޮތުގައި ގއ.ދާންދޫ ކައުންސިލަށް ހުށަހެޅި ބިލުތަކުގެ ތެރޭގައި، ގދ.ތިނަދޫ ގެއެއްގެ ނަމުގައި ޝުޢައިބު ޢަބްދުﷲގެ 6 ދުވަހުގެ ހުރުމަށް ދުވާލަކަށް 300.00ރ. (ތިންސަތޭކަ) ރުފިޔާގެ ރޭޓުން ޖުމްލަ 1800.00ރ. (އަށާރަ ސަތޭކަ) ރުފިޔާގެ ބިލެއް ހުށަހަޅާފައިވާއިރު، އެ ބިލުގައި އެގޭގެފަރާތުން ސޮއިކޮށްފައިވާ ފަރާތަކީ އެބިލުގައިވާ ފައިސާވެސް ހަވާލުކުރިކަމަށް ސޮއިކޮށްފައިވާ ފަރާތުންކަމަށް ޝުޢައިބު ޢަބްދުﷲ ތަޙްޤީޤްގައި ބުނެފައިވީނަމަވެސް، ޝުޢައިބު ޢަބްދުﷲ އަށް އެއްވެސް ބިލެއް ހަދައިދިންކަމަށް އެ ބިލްގައި ސޮއިކޮށްފައިވާކަމަށް ބުނާ ފަރާތުން އިންކާރު ކުރާތީއާއި؛ އެދަތުރުގައި އެގޭގައި ޝުޢައިބު ޢަބްދުﷲ ނުހުންނަކަން އެގޭގައި ދިރިއުޅޭ ފަރާތްތަކުން ބުނެފައިވާތީއާއި، އެދަތުރުގައި ޝުޢައިބު ޢަބްދުﷲ އަށް ގދ.އަތޮޅުގެއިން އެކަމަޑޭޝަން ހަމަޖައްސައިދީފައިވާކަން ހެކީންގެ ހެކިބަހުންނާއި މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ލިޔުންތަކުން އެނގޭތީ، ގދ.ތިނަދޫ ގެއެއްގެ ނަމުގައި ޝުޢައިބު ޢަބްދުﷲ ހުށަހަޅާފައިވާ 1800.00ރ. (އަށާރަ ސަތޭކަ) ރުފިޔާގެ ބިލަކީ ޞައްޙަ ބިލެއް ނޫންކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި؛ޝުޢައިބު ޢަބދުﷲ ގދ.ތިނަދުއަށް ފުރުމުގެ ކުރިންގދ.ތިނަދޫގައި ހުންނަ ގދ.އަތޮޅު ގޭގައި ހުރެވޭނެކަން ގއ.ދާންދޫ ކައުންސިލްގެ ފަރާތުން ޝުޢައިބު ޢަބްދުﷲއަށް އަންގާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، އާއި، މި މައްސަލާގައި ޝުޢައިބު ޢަބްދުﷲ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މައްސައްކަތް ކޮށްފައިވާތީ މިމައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ މަޢްދާއަށް ރިޔާޢަތްކޮށް އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ޝުޢައިބު ޢަބްދުﷲ (ކަކާގެ، ގއ.ދާންދޫގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މީގެ އިތުރުން މި މައްސަލާގައި ޝުޢައިބު ޢަބްދުﷲ ގަސްތުގައި ތަޙްޤީޤަށް ދޮގު މަޢުލޫމާތުދީ ކަމުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގެދަށުން، ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ޝުޢައިބު ޢަބްދުﷲ (ކަކާގެ،ގއ.ދާންދޫ)ގެ މައްޗަށް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×