އޮޑިޓަރޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ 03ވަނަ ނަންބަރުގައިވާ “ޖުޑީޝަރީގެ މުޢައްސަސާތަކުން، 2010ވަނަ އަހަރު އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދީފައިވާ 14,964,996.00ރުފިޔާ ގެ ތެރެއިން5,237,748.60 ރުފިޔާއަކީ، ދައުލަތުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލާ ޚިލާފަށް ޖުޑީޝަރީން ޢަމަލުކުރުމުގެ ސަބަބުން ދެވިފައިވާ ފައިސާކަމަށް ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޖުޑީޝަރީގެ މުއައްސަސާތަކުން 2010 ވަނަ އަހަރު އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދީފައިވާ 14,964,996.00(ސާދަމިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ހާސް ނުވަސަތޭކަނުވަދިހަ ހަޔެއް) ރުފިޔާ ގެ ތެރެއިން 5,237,748.00(ފަސްމިލިޔަން ދުއިސައްތަ ތިރީސްހަތްހާސް ހަތްސަތޭކަ ސާޅީސް އަށެއް) ރުފިޔާއަކީ، ދައުލަތުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލާ ޚިލާފަށް ޖުޑީޝަރީން ޢަމަލުކުރުމުގެ ސަބަބުން ދެވިފައިވާ ފައިސާކަމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވީނަމަވެސް، އިތުރުގަޑި ހިސާބުކުރުމުގައި މުސާރައިން ގަޑިއަކަށްޖެހޭ މިންވަރު ބަލާނީ ކިހިނަކުންކަން ޤާނޫން ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައި ނުވާތީއާއި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެކޯޓެއްގެ އެންމެ އިސް ފަނޑިޔާރެއްގެ މަޝްވަރާގެ މަތީން ހިންގައި ބަލަހައްޓާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށް ޤާނޫން ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫން) ގެ 21 ވަނަ މާއްދާގެ (ބ) ގެ (1) ގައި ބަޔާންކޮށްފައިވާތީއާއި، ޝަރުޢީދާއިރާގެ މުވައްޒަފަކު ލައްވައި ހަފްތާއަކު 35 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށް ޖެހޭމިންވަރުގެ ¼ 1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއްގައި ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½ 1 ބަޔަށްވާ ފައިސާ އިތުރުގަޑީގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް، އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފަކަށް ދޭންވާނެކަމަށާއި، ރަމަޟާން މަސް ފިޔަވައި އެހެން މަސްމަހު އިތުރު ގަޑީ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 22 އިން ގެއްލީމަ ލިބޭ ޢަދަދު 7 އިން ގެއްލީމަ ލިބޭ ޢަދަދު އެއީ ގަޑިއަކަށްޖެހޭ ވަރުކަމުގައި ބަލައިގެންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC/09/CIR/06 (15 ފެބްރުއަރީ 2009) ސަރކިއުލާގައި ބަޔާންކޮށްފައިވާތީއާއި، ދައުލަތުގެ އެހެން މުއައްސަސާތަކުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލާ ތަފާތުކޮށް ޖުޑިޝަރީގެ މުއައްސަސާތަކުން ޢަމަލުކުރާ އުޞޫލަކީ އެއްވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އޮތް އުޞޫލަކަށް ނުވާތީއާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި ތަޢާރުޒުނުވާގޮތުގެ މަތިން އެފަދަ އުޞޫލެއް ކަނޑައެޅުމުގެ އިޚްތިޔާރު ޖުޑީޝަރީއަށް ލިބިގެންވާތީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތަށް ޖުޑިޝަރީގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަކީ ޤާނޫން ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ކުށަކަށް ނުވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލަ ނިންމީއެވެ.