ގދ.ގައްދޫ އަލަނާސިގެ، ޙަސަން ޢަމީޤު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް 173,111.67 (އެއްލައްކަ ހަތްދިހަތިންހާސް ސަތޭކަ އެގާރަ ރުފިޔާ ފަސްދޮޅަސްހަތްލާރި) ބޭނުންކޮށްފައިވާކަމަށް ބެލެވޭތީ، މިފައިސާ އަނބުރާ ހޯދުމަށާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި

10 Aug 2014

މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފައިސާ ބަލައިގަތުމުގެ މަސައްކަތް 23 ފެބްރުއަރީ 2009 އިން 30 އޯގަސްޓް 2009 ގެ ނިޔަލަށް ބެލެހެއްޓުމާ ޙަވާލުވެހުރި އެސެކްޝަންގެ މުވައްޒަފެއްކަމަށްވާ ޙަސަން ޢަމީޤް ފައިސާ ބަލައިގެންފައި ހެދި ރަސީދުތަކަށް އެކި ބަދަލު ގެނެސް ސަރުކާރަށް ޖަމާކުރަންޖެހޭ ފައިސާ އުނިކޮށް ފައިސާ ޖަމާކޮށްފައިވާކަމަށް ބެލެވޭކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ތަހްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފައިސާ ބަލައިގަތުމުގެ މަސައްކަތް 23 ފެބްރުއަރީ 2009 އިން 24 އޯގަސްޓް 2009 އާ ހިސާބަށް އެސެކްޝަންގެ އޭރުގެ ޕްރޮޖެކްޓް އޮފިސަރ (ޓްރޭނީ) ޙަސަން ޢަމީޤު ކޮށްފައިވާކަން އެސެކްޝަންގެ ލިޔެކިޔުންތަކުން އެނގޭއިރު، އޭނާވެސް އެކަމަށް އެއްބަސްވާތީއާއި، އަދި އެދުވަސްވަރު އެސެކްޝަންގައި މަސައްކަތްކުރި ބައެއް އެހެން މުވައްޒަފުންވެސް އެކަން ކަށަވަރުކޮށްދޭތީއާއި، އެމުއްދަތުގައި އެސެކްޝަނަށް ބަލައިގެންފައިވާ ފައިސާ ބަލައިގަތުމަށްފަހު ދޫކޮށްފައިވާ ރަސީދުތަކުގެ ތެރެއިން މިކޮޝަންގެ ތަޙްޤީޤުގައި އޭނައަށް ދެއްކި، ބަދަލު ގެނެސްފައިވާ ރަސީދުތަކަށް ބަދަލު ގެނެސްފައިވަނީ އޭނާކަމަށާއި، އަދި އެރަސީދުތަކުން ބަލައިގަނެފައިވާ ފައިސާގެ ތަފްޞީލްތައް ލިބޭފައިސާ ދުވަހު ފޮތަށް އަރުވާފައިވަނީ ވެސް އޭނާ ކަމަށާއި، އަދި އެސެކްޝަނަށް ބަލައިގަންނަ ފައިސާ އެމްއެމްއޭއަށް ޖަމާކުރުމަށް ތައްޔާރުކުރާ ސްލިޕްތަކުގެ ތެރެއިން މިކޮޝަންގެ ތަޙްޤީޤުގައި އޭނައަށް ދެއްކި ހުރިހާ ސްލިޕެއްގައިވާ އަތުލިޔުން ލިޔެފައިވަނީވެސް އޭނާ ކަމަށް ޙަސަން ޢަމީޤު މިކޮމިޝަންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އެއްބަސްވެފައިވާތީއާއި، އަދި ރަސީދުތައް ކަނޑާ ބަދަލުކޮށް އުނިކޮށްފައިވާ ފައިސާ އޭނާއަށް ވަނީ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުން ކުރެވިފައި ކަމަށާއި، އެގޮތުން އެހެން މުވައްޒަފުން ފައިސާ ބަލައިގަނެފައިވާ ބައެއް ރަސީދުތައްވެސް އޭނާ ބަދަލުކޮށް ފައިސާ އުނިކުރުމަށްފަހު، އެއުނިކުރިފައިސާވެސް އޭނާ ބޭނުންކޮށްފައިވާނެ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އެމުއްދަތުގައި ބަލައިގަނެފައިވާ ފައިސާގެ ތަފްޞީލްތައް ލިބޭ ފައިސާ ދުވަހު ފޮތަށް އެރުވުމުގައި ރަސީދުން ބަލައިގަނެފައިވާ ވަރަށް ވުރެ މަދުން، ލިބޭ ފައިސާ ދުވަހު ފޮތަށް އަރުވާފައި، އެއުނިކުރާ ފައިސާވެސް އޭނާއަށް ވަނީ އަމިއްލަ ބޭނުމަށް ބޭނުން ކުރެވިފައި ކަމަށާއި، މީގެ އިތުރުން ލިބޭ ފައިސާ ދުވަހު ފޮތުގައިވާ ޢަދަދުތަކާއި އެމްއެމްއޭއަށް ޖަމާކުރާ ސްލިޕްތައް އަޅާ ކިޔުމުން މަދުވާ ފައިސާއަކީވެސް އޭނައަށް އަމިއްލަ ބޭނުމަށް ބޭނުން ކުރެވިފައިވާ ފައިސާ ކަމަށްވެސް ޙަސަން ޢަމީޤު ތަޙްޤީޤުގައި އެއްބަސްވެފައިވާތީއާއި، އެމުއްދަތުގައި ފައިސާ ބަލައިގަނެ ދޫކޮށްފައިވާ ބައެއް ރަސީދުތަކަށް ބަދަލު ގެނެސްފައިވަނީ ޙަސަން ޢަމީޤު ކަމަށް އެދުވަސްވަރު ވޭސްޓް މެނޭޖްމަންޓް ސެކްޝަންގައި މަސައްކަތްކުރި އެސެކްޝަންގެ ބައެއް މުވައްޒަފުން ބުނާތީއާއި، އިސްވެ ބަޔާންކުރެވުނު މުއްދަތުގައި ފައިސާ ބަލައިގަނެ ދޫކޮށްފައިވާ ރަސީދުތަކާއި، ލިބޭފައިސާ ދުވަހު ފޮތާއި، އެމްއެމްއޭއަށް ޖަމާކުރާ ސްލިޕްތަކުގެ ހިސާބުތައް ހެދުމުން ޖުމްލަ 173,111.67 (އެއްލައްކަ ހަތްދިހަތިންހާސް ސަތޭކަ އެގާރަ ރުފިޔާ ފަސްދޮޅަސްހަތްލާރި) އެމްއެމްއޭއަށް ޖަމާކޮށްފައިނުވާކަން އެނގޭއިރު، އެރަސީދުތަކާއި، ލިބޭފައިސާ ދުވަހުފޮތުގައިވާ އަތުލިޔުމާއި ސޮޔާއި، އެމްއެމްއޭއަށް ޖަމާކުރާ ސްލިޕްތަކުގައިވާ އަތުލިޔުމާއި، ސޮޔަކީ ޙަސަން ޢަމީޤުގެ އަތުލިޔުމާއި، ސޮއިކަމަށް ތުހުމަތު ކުރެވޭތީ، އެތަކެތީގައިވާ އަތުލިޔުމާއި ސޮއި، ޙަސަން ޢަމީޤުގެ އަތުލިޔުމާއި، ސޮއިގެ ސާމްޕަލާ އަޅާކިޔުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފޮރެންސިކް ސާރވިސަސް ޑައިރެކްޓަރޭޓަށް ފޮނުވުމުން، އެފަރާތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓުގައި، އެރަސީދުތަކާއި، ލިބޭފައިސާ ދުވަހު ފޮތާއި، އެމްއެމްއޭއަށް ޖަމާކުރާ ސްލިޕްތަކުގެ ތެރެއިން އަޅާކިޔައި އޮޕީނިއަން ދެވޭވަރުގެ ހުރިހާ އަތުލިޔުމަކާއި ސޮޔަކީ ޙަސަން ޢަމީޤުގެ އަތުލިޔުމާއި، ސޮއިކަމަށް ފެންނަ ކަމަށް ބަޔާންކޮށްފައިވާތީއާއި، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބަލައިގެންފައިވާ ފައިސާގެ ތެރެއިން އެމްއެމްއޭއަށް ޖަމާކޮށްފައިނުވާ 173,111.67 (އެއްލައްކަ ހަތްދިހަތިންހާސް ސަތޭކަ އެގާރަ ރުފިޔާ ފަސްދޮޅަސްހަތްލާރި) އަކީ ޙަސަން ޢަމީޤު އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ފައިސާ ކަމަށް ތަޙްޤީޤަށް ޤަބޫލު ކުރެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ގދ.ގައްދޫ، އަލަނާސިގެ، ޙަސަން ޢަމީޤު ގެ މައްޗަށް، ޤާނޫނު ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

އަދި ހަމައެއާއެކު، ޙަސަން ޢަމީޤު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ 173,111.67 (އެއްލައްކަ ހަތްދިހަތިންހާސް ސަތޭކަ އެގާރަ ރުފިޔާ ފަސްދޮޅަސްހަތްލާރި) ޝަރީޢަތް މެދުވެރިކޮށް ޙަސަން ޢަމީޤުގެ އަތުން ދަޢުލަތަށް ހޯދުމަށް ދަޢުވާކުރުމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ ދެންނެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×