މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އިދާރީ ސެކްޝަނުން ގިނަ ދުވަސްތަކެއް ވަންދެން ބިޑް ކޮމެޓީ ބެލެހެއްޓިއިރު، ކޮމެޓީގެ ކޮންމެ ބައްދަލުވުމަކަށް ކޮންމެ މެންބަރަކަށް ދީފައިވާ އެލަވެންސްއަކީ ގަވާއިދާ ޚިލާފަށް ދީފައިވާ އެލަވަންސެއް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤު ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 11 އޮކްޓޯބަރ 2011 ގައި މިނިސްޓްރީ އޮފް ފިނޭންސުން ނެރެފައިވާ ނަމްބަރު 31-B/EXCIR/2011/43 ސަރކިއުލަރގައި ދައުލަތުގެ އެކިއެކި މުޢައްސަސާތަކުގެ އިންޓަރނަލް ކަންތައްތައް ނިންމުމަށް އުފައްދާ ތަފާތު ކޮމެޓީތަކަށް އެލަވަންސް ދިނުން ހުއްޓާލުމަށާއި މީގެ އިތުރުން ވަޒީފާގެ ޒިންމާގެ ސަބަބުން ކޮމެޓީއެއްގައި ބައިވެރިވާންޖެހޭ މުވައްޒަފުން ފިޔަވާ އެހެން ފަރާތްތަކެއް މިފަދަ ކޮމެޓީތަކުގައި ހިމެނޭނަމަ، އެފަދަ ފަރާތްތަކަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު އެލަވަންސެއް ނުވަތަ އުޖޫރައެއް ދެވިދާނެކަމަށާއި އަދި މިހާރު މިފަދަ ކޮމެޓީތަކަށް އެލަވަންސް ދެމުން ގެންދާ މުއައްސަސާތަކުން އެއެލަވަންސް ދިނުން ހުއްޓާލުމަށް އަންގާފައިވާތީއާއި، މިގޮތަށް އެންގުމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 26 ނޮވެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޜަރީއަށް ފޮނުވާފައިވާ ނަމްބަރު 22-C/13/2012/270 ސިޓީގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ޕްރޮކިއުމެންޓް ކޮމެޓީގެ މެންބަރުންނަށް އެކޮމެޓީގެ ކޮންމެ ބައްދަލުވުމަކަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ރޭޓުން އެލަވަންސްއެއް ދިނުމުގެ ހުއްދައަށް އެދިފައިވީނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސުން ފޮނުވާފައިވާ ނަމްބަރު 13-B/22/2012/118 ސިޓީގައި ބުނެފައިވަނީ ޕްރޮކިއުމެންޓް ކޮމެޓީގައި ހިމެނޭ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ މެދު ފިނޭންސް މިނިސްޓްރީގެ ނަމްބަރު 31-B/EXCIR/2011/43 ސަރކިއުލަރގައިވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދިއުމަށާއި، އަދި ކޮމެޓީގައި ހިމެނޭ ޕޭރެންޓުންނަށް ގިނަވެގެން ހަފްތާއަކު އެއް ޖަލްސާގެ ރޭޓުން ކޮންމެ ބައްދަލުވުމަކަށް 300.00 (ތިންސަތޭކަ) ރުފިޔާ ގެ އެލަވަންސްއެއް ދިނުމަށް ކަމަށްވާތީއާއި، ޕްރޮކިއުމެންޓް ކޮމެޓީގައި ހިމެނެނީ ހަތް ފަރާތް ކަމާއި، އޭއީ ޕީ.ޓީ.އީ އިން 02 މެމްބަރުންނާއި، ބެލެނިވެރިންގެ ތެރެއިން 02 މެމްބަރުންނާއި، އެޑިޔުކޭޝަން ދާއިރާއިން 03 މެމްބަރުންކަން، 17 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިއުމެންޓް ސެކްޝަނުން އެމިނިސްޓްރީގެ ފައިނޭންސް ސެކްޝަނަށް ފޮނުވާފައިވާ ނޯޓުން އެނގެން އޮތްނަމަވެސް، އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުންގެ ގޮތުގައި ޕްރޮކިއުމެންޓް ކޮމެޓީގައި ބައިވެރިވެފައިވާ ތިން ފަރާތަށްވެސް ޕްރޮކިއުމެންޓް ކޮމެޓީގައި ބައިވެރިވެފައިވާތީ ދީފައިވާ އެލަވަންސް ދެމުން ގެންގޮސްފައިވާތީއާއި،
އިންޓަރނަލް ކޮމެޓީތަކަށް ދޭ އެލަވެންސްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިނޭންސުން 2012 ވަނަ އަހަރު ނެރުނު ސަރކިއުލަރއާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމެންޓް ކޮމެޓީ މެންބަރުންނަށް ދެމުންދިޔަ އެލަވެންސް ދިނުން ހުއްޓާލުމަށްފަހު އަލުން އެލަވެންސް ދޭންފަށާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވި ނަންބަރު 13-B/22/2013/09 ސިޓީގައި، “ޕްރޮކިއުމެންޓް ކޮމެޓީގެ މެންބަރުންގެ ތެރެއިން ބެލެނިވެރިންގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ދިނުމުގެ ހުއްދަ ދީފައިވާ އެލަވެންސް އެދިވަޑައިގެންފައިވާ ގޮތަށް 01 ޖެނުއަރީ 2012 އިން ފެށިގެން އެ މެންބަރުންނަށް ދެއްވުން އެންމެ ރަނގަޅު” ކަމުގައި އަންގާފައިވަނިކޮށްކަން ފާހަގަކުރެވިފައިވާއިރު، މިނިސްޓްރީ އޮފް ފިނޭންސްއިން އެފައިސާ އެގޮތަށް ދޫނުކުރުމަށް އަންގާފައިވާކަން އެނގިހުރެ ފައިސާ ދޫކުރުމަށް ހުއްދަދީފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނޫ) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަން ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އެގޮތަށް އެފައިސާ ދޫކުރުމަށް ހުއްދަދިން ފަރާތްތައް ކަމަށްވާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ، ކ.މާލެ /ދަފްތަރު ނަމްބަރު: 4095، މުޙައްމަދު ވަޙީދު ޢަލީއާއި އެސިސްޓެންޓް ޑިރެކްޓަރ ބ.އޭދަފުށީ /ލަންސިމޫގެ، ޢަބްދުﷲ ރަޝީދުއާއި ގއ.ވިލިނގިލީ /ހިޔަލީގެ، ޠާލޫތު ރަޝީދު، އާއި ފައިނޭންސް އެގްޒެކެޓިވް ކ.މާލެ /މ.މަހްމާވިލާ، އިބްރާހީމް އިސްމާޢީލް ޢަލީ އާއި ޑިރެކްޓަރ ޖެނެރަލް ކ.މާލެ /މއ.އިސްޕަންޖްގެ، ޢަބްދުއްސަމީޢު ޙަސަންގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާފައިވާ ގޮތާއިޚިލާފަށް ޕްރޮކިއުމެންޓް ކޮމެޓީގެ އެލަވެންސްގެ ގޮތުގައި އެކޮމިޓީގެ ބައެއް މެމްބަރުންނަށް ދީފައިވާ އެކުޖުމުލަ 61,200.00 (ފަސްދޮޅަސްއެއްހާސް ދުއިސައްތަ) ރުފިޔާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ދަފްތަރު ނަމްބަރު: 4095، ކ.މާލެ، މުޙައްމަދު ވަޙީދު ޢަލީއާއި އެސިސްޓެންޓް ޑިރެކްޓަރ ބ.އޭދަފުށީ /ލަންސިމޫގެ، ޢަބްދުﷲ ރަޝީދުއާއި ގއ.ވިލިނގިލީ /ހިޔަލީގެ، ޠާލޫތު ރަޝީދު، އާއި ފައިނޭންސް އެގްޒެކެޓިވް ކ.މާލެ /މ.މަހްމާވިލާ، އިބްރާހީމް އިސްމާޢީލް ޢަލީ އާއި ޑިރެކްޓަރ ޖެނެރަލް، ކ.މާލެ /މއ.އިސްޕަންޖުގެ، ޢަބްދުއްސަމީޢު ޙަސަން ގެ އަތުން ދައުލަތަށް ހޯދުމުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީއެވެ.