ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރު ނިސްބަތްވާ ދާއިރާއަށް އޭނާ އަމިއްލަ ހައިސިއްޔަތުން ހޯދައިދިން ޖަނަރޭޓަރަކަށް، ދަޢުލަތުގެ ބަޖެޓުން ފައިސާ ދައްކާފައިވާތީ، އޭރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގުމާ ޙަވާލުވެހުރި ކުރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝާހިދު އާއި އޭރު އެސެންޓަރުގެ ޑިރެކްޓަރޖެނެރަލް މުޙައްމަދު ޝާހިދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި

10 Aug 2014

2010 ވަނަ އަހަރު އިޢުލާނު ނުކޮށް، އިތުރު ފަރާތަކުން އަގު ނުހޯދާ، އަމިއްލަ ކުންފުންޏަކުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެން.ޑީ.އެމް.ސީ) އަށް ޖަނަރޭޓަރެއް ގަނެފައިވާ ކަމަށް ހަދައި 250,000.00ރ.(ދެލައްކަ ފަންސާސްހާސް( ރުފިޔާ ގެ ބިލެއް ހުށަހަޅައި އެބިލަށް ފައިސާ ނަގާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ހދ.ކުމުންދޫގައި ހުރި ޖަނަރޭޓަރު ހަލާކުވެގެން އެރަށުގެ ގިނަ ރައްޔިތުން ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެންބަރަށް އެކަން އެންގުމުން، އެފަރާތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އާ އެވާހަކަ ޙިއްސާކުރުމުން، އެމަނިކުފާނު އެ ރަށަށް ސެކަންޑްހޭންޑް ޖަނަރޭޓަރެއް ފޮނުވުމަށް ހަމަޖެއްސުމަށް އެންގިކަމަށް ތަޙްޤީޤަށް މަޢުލޫމާތު ލިބިފައިވާއިރު، މިމައްސަލައިގައި ބުނާ ޖަނަރޭޓަރަކީ ޕްރައިވެޓް ކުންފުންޏެއްގެ ޙިއްސާދާރެއްގެ އަމިއްލަ މުދަލެއް ކަމާއި، ޖަނަރޭޓަރެއް ހޯދައި ހދ.ކުމުންދޫ އަށް ފޮނުވުމަށް ކޮށްފައިވާ މުޢާމަލާތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެން.ޑީ.އެމް.ސީ) އިން އިޢުލާނެއް ކޮށްފައިނުވާ ކަމާއި އެނޫންގޮތަކުންވެސް ބައިވެރިވެފައިނުވާކަން މިކޮމިޝަނަށް ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުންނާއި ލިޔެކިޔުމުން އެނގެން އޮތްކަމާއި، ނަމަވެސް އެން.ޑީ.އެމް.ސީ އިން ޖަނަރޭޓަރުގެ އަގަށްވާ 250,000.00ރ. (ދެލައްކާ ފަންސާސްހާސް) ރުފިޔާ ކުރިން ދެންނެވުނު ކުންފުންޏަށް ދައްކާފައިވާކަމާއި، އެ ފައިސާ ޖަމާކޮށްފައިވަނީ އެކުންފުނީގެ ކުރިން ދެންނެވުނު ޙިއްސާދާރުގެ އަމިއްލަ ބޭންކް އެކައުންޓަކަށްކަން އެނގެން އޮތަތީ އާއި؛

2. އެކުންފުނީގެ އިންވޮއިސްގައިވާ ޖަނަރޭޓަރަށް އެން.ޑީ.އެމް.ސީ އިން ފައިސާ ދައްކާފައިވަނީ އެކަމަށް ފައިސާ ޚަރަދުކުރުމަށް އެން.ޑީ.އެމް.ސީ ގެ 2010 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމަށް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް އެންގުމާ ގުޅިގެން، އެ މިނިސްޓްރީގެ ފަރާތުން އެން.ޑީ.އެމް.ސީ ގެ ބަޖެޓަށް އެ ޖަނެރޭޓަރުގެ އަގަށްވާ ފައިސާ އިތުރުކޮށްދިނުމުންކަމާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި އެ ފައިސާ ޚަރަދުކުރަންވީ އުޞޫލެއް ބަޔާންކޮށްފައިނުވާކަމާއި، ބަޖެޓަށް އިތުރުކޮށްދީފައިވާ ފައިސާ ޚަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެން.ޑީ.އެމް.ސީ އަށް ފޮނުވާފައިވާ “ދައުލަތުގެ ބަޖެޓަށް ގެނެވޭ ބަދަލު” ގައި ލިޔެފައިވާކަމާއި، ނަމަވެސް އެން.ޑީ.އެމް.ސީ އިން ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 4.06 ގެ (ށ) އާއި 8.01 ގެ (ޅ) އާއި 8.15 ގެ (ހ) އާއި 8.32 އާ ޚިލާފަށްކަން ތަޙުޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތަތީ އާއި؛

3. އެމަރޖަންސީ ޙާލަތެއް ދިމާވެއްޖެކަމަށް ނިންމަނީ، އެދުވަސްވަރު އެން.ޑީ.އެމް.ސީ ހިންގުމާ ޙަވާލުވެހުރި ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝާހިދުކަން އެނގޭކަމާއި، ހދ.ކުމުންދޫ އިން މުޅިން ކަރަންޓް ކަނޑައިގެން ނުދާތީ އެމަރޖެންސީ ޙާލަތަކަށް ދިޔަކަމަށް ނުނިންމާކަމަށް ޢަބްދުﷲ ޝާހިދު ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި، ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާންތަކަށް ބަލާއިރު، ހދ.ކުމުންދޫ ގެ ކަރަންޓުގެ މައްސަލަ އެމަރޖެންސީ ޙާލަތަކަށް ގޮސްފައިވާކަމަށް ޤަބޫލުކުރެވެން ނެތްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅިގެން އެން.ޑީ.އެމް.ސީ އާ އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގެން އޮތްކަމާއި، ކުރިން ދެންނެވުނު ޕްރައިވެޓް ކުންފުންޏާއި އެން.ޑީ.އެމް.ސީ އާ ދެމެދު ޖަނަރޭޓަރު ހޯދުމަށް އެއްވެސް މުޢާމަލާތެއް ކޮށްފައިވާކަންއެނގެން ނެތްކަމާއި، މި މުޢާމަލާތުގައި އެން.ޑީ.އެމް.ސީ އިން ހަމައެކަނި ކޮށްފައިވާ ކަމަކީ ޖަނަރޭޓަރުގެ އަގު އަދާކުރުންކަން ލިޔެކިޔުމުންނާއި ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތްކަމާއި، ޖަނަރޭޓަރުގެ އަގު އަދާކުރުމަށް ތައްޔާރުކޮށްފައިވާ އެން.ޑީ.އެމް.ސީ ގެ ޕޭމަންޓް ވައުޗަރުގައި ހުއްދަދީފައިވަނީ މުޙައްމަދު ޝާހިދު އާއި ޢަބްދުﷲ ޝާހިދު ކަން އެނގެން އޮތަތީ؛

4. މި މުޢާމަލާތް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށްކަން ސާބިތުވާތީ އާއި، މިއީ ދަޢުލަތުގެ ފަރާތުން ހޯދި މުދަލެއް ނޫންކަމާއި، މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރު ނިސްބަތްވާ ދާއިރާއަށް އޭނާ އަމިއްލަ ހައިސިއްޔަތުން ހޯދައިދިން މުދަލަކަށް ދަޢުލަތުގެ އިދާރާއަކުން ފައިސާ ދެއްކުން ކަމަށްވެފައި، މިމުދަލަށް ދަޢުލަތުގެ ފަރާތުން ފައިސާ ދެއްކުމަކީ ވަކިފަރާތަކަށް ނާޖާއިޒު ގޮތުން ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލައިގައި ބުނާ ޖަނަރޭޓަރަށް ފައިސާ ދެއްކުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވާ އޭރު އެއިދާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާހިދު އާއި އެދުވަސްވަރު އެން.ޑީ.އެމް.ސީ ހިންގުމާ ޙަވާލުވެހުރި ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝާހިދު ގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×