އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިންފްލައިޓް ޑިއުޓީ-ޕްރީ ޚިދުމަތް ދިނުމުގެ މަސައްކަތް އެކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޙަވާލުކޮށްފައިވާތީ، އެކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު އިމްތިޔާޒުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

28 Aug 2014

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިންފްލައިޓް ޑިއުޓީ-ފްރީ އިންޑިއާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ގެ ޑިރެކްޓަރުންގެ ބޯޑަށް އެންގުމަކާ ނުލައި އަދި އެކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް ކަމަށްބެލެވޭ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީ އެވެ.

1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ގެ އިންފްލައިޓް ޑިއުޓީ-ފްރީ ޚިދުމަތް ހޯދައިދޭނެ ފަރާތެއް ހޯދުމަށް 09 ޑިސެމްބަރ 2012 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމާއި، ޕްރޮޕޯސަލް ހުށަހެޅީ ހަމައެކަނި މިދެންނެވުނު ކުންފުނިންކަމަށްވާތީ ބިޑް އިވެލުއޭޝަން ކޮމިޓީއިން އެ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރުމަށް ނިންމާފައިވާކަން އެ ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮތްކަމާއި، ޕްރޮޕޯސަލް އިވެލުއޭޓްނުކުރަން ބިޑްއިވެލުއޭޝަން ކޮމިޓީއިން ނިންމުމުން ދެން ކުރިއަށް ގެންދަންވާނީ އަލުން އިޢުލާނުކޮށް ބިޑަށް ހުޅުވާލައިގެންކަން އެނގެން އޮތްކަމާއި، މަސައްކަތާ ގުޅިގެން ތައްޔާރުކޮށްފައިވާ އާރް.އެފް.ޕީ ގައި، ދެފަރާތަށްވުރެ މަދުން ޕްރޮޕޯސަލް ހުށަހަޅާފައިވާނަމަ ޕްރޮޕޯސަލް އިވެލުއޭޓްކުރުމަށް ނުވަތަ އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް އައިލެންޑް އޭވިއޭޝަން އަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ޕްރޮޕޯސަލް ހުށަހެޅި ހަމައެކަނި ފަރާތުން، އާރް.އެފް.ޕީ ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ފައިނޭންޝަލް ޕްލޭން ހުށަހަޅާފައިނުވާކަމާއި، އެޕްރޮޕޯސަލް އިވެލުއޭޓްކޮށްފައިނުވާކަމާއި، ނަމަވެސް އެފަރާތާ މަސައްކަތް ޙަވާލުކޮށް އެ ކުންފުންޏާއެކު އައިލެންޑް އޭވިއޭޝަން އިން އެގްރީމަންޓްކޮށްފައިވާކަމާއި،

2. ޕްރޮކިއޯމަންޓް ޕޮލިސީގައި ދިގު މުއްދަތަކަށް ތަކެތި ހޯދުމަށް ކުރެވޭ އެގްރީމަންޓްތައް ކުރަންވާނީ ގިނަވެގެން 02 އަހަރު ދުވަހުގެ މުއްދަތަކަށްވުރެ އިތުރުނުވާ ގޮތަށް ކަމަށާއި، އެއަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ޙަވާލުކުރުމުން ކުންފުންޏަށް ފައިދާވާނެކަމަށް ޤަބޫލުކުރެވޭނަމަ އެއަށްވުރެ ދިގު މުއްދަތަކަށް އެގްރީމަންޓް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އާރް.އެފް.ޕީ ގައި، މި މަސައްކަތް ޙަވާލުކުރާ ފަރާތާއެކު އެގްރީމަންޓްކުރެވޭނީ 03 އަހަރުގެ މުއްދަތަށް ކަމަށާއި އެ މުއްދަތު ހަމަވުމަށްފަހު އިތުރު 02 އަހަރަށް އެގްރީމަންޓް ކުރިއަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ނަމަވެސް ޕްރޮޕޯސަލް ހުށަހެޅި ހަމައެކަނި ފަރާތް އަދި މިމަސައްކަތް ޙަވާލުކުރެވުނު ފަރާތާއެކު އެގްރީމަންޓްކޮށްފައިވަނީ 05 އަހަރުދުވަހުގެ މުއްދަތަކަށްކަމާއި، އެ މުއްދަތު ހަމަވުމަށްފަހުވެސް އެގްރީމަންޓްގެ މުއްދަތު އިތުރުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއްދަތު އިތުރުކުރެވޭނީ ކިހާ ދުވަހަކަށްކަން އެގްރީމަންޓްގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާތީ، މިއީ، ވާދަވެރި ބީލަމަކާނުލައި ޕްރޮކިއޯމަންޓް ޕޮލިސީ އާއި އާރް.އެފް.ޕީ ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ އެގްރީމެންޓެއްކަން ތަޙުޤީޤަށް ފާހަގަކުރެވޭތީ،

3. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ގެ ޕްރޮކިއޯމަންޓް ޕޮލިސީ އާއި އެމަސައްކަތާ ގުޅިގެން ތައްޔާރުކޮށްފައިވާ އާރް.އެފް.ޕީ ގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް، އިންފްލައިޓް ޑިއުޓީ-ފްރީ ސޭލްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތާއެކު އެގްރީމަންޓްކޮށް ޙަވާލުކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭންކަމަށް ބެލެވެން އޮތަތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމަސައްކަތް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް އަދި ބިޑާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތަކާ ޙަވާލުކުރި ފަރާތްކަމަށްވާ، އައިލެންޑް އޭވިއޭޝަންގެ އިންފްލައިޓް ސަރވިސަސް ގެ އެސިސްޓަންޓް ޑިރެކްޓަރ، މުޙައްމަދު އިމްތިޔާޒް ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×