ދިވެހިއްޖެއަކީ ތަޢުލީމަށް ބޮޑު ސަމާލުކަމަކާއި އިސްކަމެއްދޭ ޤައުމެކޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ! ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސްކޫލް ނުވަތަ ދެ ސްކޫލް ހުރެއެވެ. ރާއްޖޭގައި ސަރުކާރުގެ 207 ސްކޫލެއް ހުންނައިރު، ދިވެހި ދައުލަތުގެ ބަޖެޓުގެ ވަރަށް ބޮޑު ބައެއް އަމާޒުކުރެވެނީވެސް ތަޢުލީމީ ދާއިރާއަށެވެ. 2,450,198,297 ރުފިޔާ ހިސާބުކުރެވި ތަޢުލީމީ ދާއިރާގައި ޓީޗަރުންނާއި، ލެބޯޓްރީތަކާއި، ލައިބްރަރީތަކާއި، ސްކޫލް ޢިމާރާތްތަކަށް ޚާއްޞަކުރެވޭއިރު، ދައުލަތުގެ ބަޖެޓުން މި ޚާއްޞަކުރެވޭ އެތައް މިލިޔަން ރުފިޔާއަކީ، ހަރުދަނާ، ޚުލްޤުހެޔޮ އަދި ތަޢުލީމީ ޖީލުތަކެއް ބިނާކުރުމުގެ މަތިވެރި ނިޔަތުގައި ކުރެވޭ ހޭދައެއްކަމާމެދުގައި ޝައްކެއްނެތެވެ. ދިވެހި ހަމަކޮންމެ ބެލެނިވެރިއެއްގެ އެދުމަކީވެސް އެމީހެއްގެ ދަރީންނަށް ރަނގަޅު ތަޢުލީމަކާއި ހެޔޮ ތަރުބިއްޔަތެއް ލިބުމެވެ.
ރާއްޖޭގެ ސްކޫލްތަކަށް އަބަދުވެސް ތިބެނީ ޓީޗަރުން ބޭނުންވެފައެވެ. ބޭރު ޤައުމަކުން، ނުވަތަ އަވައްޓެރި ގައުމަކުން ޓީޗަރުން ގެނައުން އެޖެންސީތަކާއި ހަވާލުކުރެވިގެން ކުރިއަށްގެންދާއިރުވެސް، އެޖެންސީއަށް ނުވަތަ މިނިސްޓްރީގެ ފަރާތުން ނުވަތަ ސްކޫލްގެ ފަރާތުން އެކަމުގައި އިސްކޮށް އުޅޭ ފަރާތަކަށް ނާޖާއިޒު މަންފާއެއް ލިބޭގޮތަށް އިޖުރާތު އޮތުމުގެ ނަތީޖާއަކީ ފެންވަރު ދަށް ޓީޗަރުން ސްކޫލްތަކަށް ގެނެވޭ ކަމުގެ ތުހުމަތު ކުރެވުމެވެ. ބައެއް ފަހަރަށް “އެއްވެސް ފެންވަރެއް ނެތް” ނަމަވެސް “ޓީޗަރު”ގެ ޓެގް އަޅުވައިގެން ސްކޫލްތަކުގައި “ކިޔަވައިދޭން” ތިބޭތަން ފެނެއެވެ. އެއްކަލަ ބިދޭސީ ޓީޗަރުގެ ފެންވަރު ދަށްވެގެން ޝަކުވާކުރަން ފެށުމުން އެ ބިދޭސީ ޓީޗަރު އަނެއްކާވެސް އެހެން ރަށަކަށް ފޮނުވާލާތަން އާދެއެވެ. ބިދޭސީ ޓީޗަރުން ގެނައުމުގައި ފަރުވާކުޑަކުރެވި، ހުރިހާ ދެރައެއް އާޚިރުގައި ލިބެނީ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، ތަޢުލީމީ ދާއިރާއާ ގުޅޭ 153 މައްސަލަ ހުށަހަޅާފައިވެއެވެ. ނިސްބަތުން ބަލާއިރު ތިން ވަނައަށް އެންމެ ގިނައިން ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވަނީ ތަޢުލީމީ ދާއިރާގެ ކަންތައްތަކާމެދުގައެވެ. މިކަމުން އަންގައިދެނީ ރައްޔިތުންގެ ކަންބޮޑުވުން މިދާއިރާއާމެދު ހުރި މިންވަރެވެ. ރައްޔިތުންގެ ފާރަވެރިވުން ހުރި ނިސްބަތެވެ.
ދަރިވަރުންތަކަކަށް ނުވަތަ އެހެން ބަޔަކަށްވެސް އުނގަންނައިމިދެނީ މާތް އަޚްލާޤާއި ސުލޫކު އަށަގެންނެވުމަށެވެ. ތަޢުލީމީ ނިޒާމުގެތެރެއިން ކޮރަޕްޝަންގެ ހުތުރު ސިފަ ފެންނަކަމީ ލަދުވެތިވާންޖެހޭ ކަމެކެވެ. ކުދިން ކިޔަވަން ސްކޫލަށް ގެންދާ ފޮތް ފަންސުރާއި ގަލަމުގައިވެސް ހުރީ ކޮރަޕްޝަނެވެ. މާޒީއަށް ޖެހިލާއިރު 2012 ވަނަ އަހަރުގެ ދިރާސީ އައު އަހަރުވެސް ފެށުނީ އެކަހަލަ މައްސަލަ އަކުންނެވެ. ކިޔަވާ ކުދިންނަށް ބޭނުންވާ ފޮތްތައް ޗާޕްކުރުމަށްފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އެފޮތްތައް އެކި ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން ކުރުވުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިއުމެންޓް ސެކްޝަނާއި ހަވާލުވެހުރި އިސް ފަރާތުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނެވެ.
ކޮރަޕްޝަނުން ދުރުވެތިބެ، ނަޒާހާތްތެރިކަމާއެކު ފޮތްތައް ޗާޕްކުރުމުގެ ކަންކަންވެސް ކުރިއަށްގެންދިޔަނަމަ ދައުލަތުން ފޮތް ޗާޕްކުރުމަށް ކުރަން ޖެހުނު ހޭދަ ކުޑަވެ، ދައުލަތުން ދަރިވަރުންގެ ފޮތް ގަންނަން ކުރާ ޚަރަދު ކުޑަ ކުރެވުނީހެވެ. ކޮރަޕްޝަންގެ ގެއްލުން ރައްޔިތުންނަށާއި ދައުލަތަށް ބޮޑުވަނީ މި ފަދަ ސަބަބުތަކާއި ހުރެއެވެ.
ވަޒީފާ ދިނުމުގައިވެސް، ދަރިވަރުންނަށް ޖާގަ ދިނުމުގައިވެސް ކޮރަޕްޝަން!
ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަކީ ފެންވަރު ރަނގަޅު، ހުނަރު ވެރި ޓީޗަރުންކަމުގައި ވާން ޖެހެއެވެ. ސްކޫލްތައް ހިންގަނީ އަދި ސްކޫލްތަކުގެ ޓީޗަރުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް އިންނެވެ. އަލަށް ސްކޫލްތަކަށް ގެނެވޭ ޓީޗަރުންގެ ފެންވަރު މިނެކިރާނެ މޮނިޓަރިން މެކޭނިޒަމްއެއް ފެންނާކަށް ނެތެވެ. ސްކޫލްގެ އިސް ފަރާތެއް، ސިޔާސީ ބޭފުޅެއް، ނުވަތަ ނުފޫޒުގަދަ ފަރާތެއްގެ ޢާއިލީ ނުވަތަ ގާތް ރަހްމަތްތެރިއެއް ޓީޗަރެއްގެ ވަޒީފާއަށް ސިޓީލުމުން، ފެންވަރެއް ނުވަތަ ޝަރުތު ހަމަނުވިނަމަވެސް ވަޒީފާ ދިނުމުން އެ ނެގުނީ ނާޖާއިޒު ފައިދާ އެކެވެ. މަސައްކަތަށް ޤާބިލު ނޫން ފަރާތްތައް އިސްކުރެވޭކަމަށް ކުރެވޭ ތުހުމަތުތަކަކީ ތަކުރާރުކޮށް ކުރެވޭ ތުހުމަތުތަކެކެވެ. މަޤާމަށް ޝަރުޡު ފުރިހަމަވާ މީހުން ތިއްބާ، ފެންވަރު ދަށް، މަޤާމަށް ޤާބިލް ނޫން ފަރާތެއް އިސްކުރެވުމުން އެ ހިންގުނީ ކޮރަޕްޝަންގެ ޢަމަލެއް އެކަންޏެއް ނޫނެވެ. އުނގެނެން ސްކޫލަށްދާ ދަރިވަރުންނަށް އެކުރެވުނީ ވަރަށް ބޮޑު ބޭއިންސާފެކެވެ. ރައްޔިތުންގެ ފައިސާއަށް އެވެވުނީ ޚިޔާނާތެވެ.
ތަޢުލީމީ ނިޒާމުގައި، ބިދޭސީ ޓީޗަރުން ގެނައުމާއި، ޝަރުޡު ހަމަނުވާ ނުވަތަ އެންމެ ޤާބިލް ނޫން ފަރާތަށް ވަޒީފާ ދިނުމުގެ ނަތީޖާއަކީ ކޮރަޕްޝަންގެ ތެރެއިން ތަޢުލީމީ ނިޒާމް ހަލާކުވެ، ރައްޔިތުން އަތުން ތަޢުލީމަށް ދެ ހޭދައެއް ކުރަން ޖެހުމެވެ. ސްކޫލްތައް ހިންގުމަށް ދައުލަތަށް ފައިސާ ދީ، އަނެއްކާ ޓިއުޝަން ޓީޗަރުންނަށްވެސް ބޮޑު ހޭދައެއް ކުރުމެވެ. މިއީ ދޮގެއްތޯއެވެ؟
ކޮންމެ ބެލެނިވެރިއެއްވެސް ބޭނުންވަނީ އެމީހުންގެ ދަރީން އޯލެވެލް ނިންމާ، މަތީ ތަޢުލީމް ހާޞިލްކުރުމަށް ފުރުޞަތު ހޯދައިދީ ކުރިއެރުވުމަށެވެ. މިކަމުގައިވެސް ކޮރަޕްޝަން ފެންނަން އޮތްކަމީ ހިތާމަވެރި ހަޤީޤަތެކެވެ. 2013 ވަނަ އަހަރު ޖޫން މަހު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ކުރި އިއުލާންގައި އެތަނުގެ ޖާގަ ދެވެން އޮތީ 500 ކުދިންނަށްކަމަށް ހާމަކުރިނަމަވެސް ޝަރުތު ހަމަވާ 700 އަށްވުރެ ގިނަ ކުދިން އެ ސްކޫލަށް ވަނުމަށް އެދުމުން ސްކޫލުން ނިންމީ އެންމެ މަތީ މާކްސް ހޯދި ތަރުތީބުން ސްކޫލަށް ދަރިވަރުން ނެގުމަށެވެ. ނަމަވެސް މިއުޞޫލާ ޚިލާފަށް ބައެއްކުދިންނަށް ސިޔާސީ ނުފޫޒުން ފުރުޞަތު ދިފައިވާކަން އޭސީސީގެ ތަޙްޤީޤުތަކުންވަނީ ސާބިތުވެފައެވެ.
ބައެއް ބެލެނިވެރިން ދަރީންގެ މަތީ ތަޢުލީމް ހާޞިލްކުރުމަށް ރާއްޖެއިން ފުރުޞަތު ހޯދައިދޭއިރު، އަނެއްބައި ބެލެނިވެރިން ބޭނުންވަނީ ދަރީންނަށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހޯދައިދޭށެވެ. ރާއްޖެއިން ވިޔަސް ރާއްޖެއިން ބޭރުންވިޔަސް ތަޢުލީމަށް ހަރަދުކުރަން ޖެހެއެވެ. ގައުމު ބިނާކުރުމަށްޓަކައި، ތަޢުލީމީ ޖީލެއް އުފެއްދުމަށް ދައުލަތުން އެތައް ހޭދައެއް ކުރެއެވެ. ހިލޭ އެހީއާއި ލޯން އެހީވެސް ފޯރުކޮށްދެއެވެ. ގިނަ ޢަދަދެއްގެ ކުދިން ލޯނަށް އެދުމުގެ ނަތީޖާއަކީ، ލޯނަށް އެދޭ ހުރިހާ ކުދިންނަށް، ނުވަތަ މަތީ ތަޢުލީމަށް އެދޭ ހުރިހާ ކުދިންނަށް އެފުރުޞަތު ނުލިބުމެވެ. ދެން މިފެންނަނީ އެކަމުގެ ތެރެއަށްވެސް ކޮރަޕްޝަންގެ ހުތުރު އަތް ވަންނަ ތަނެވެ. ކޮރަޕްޝަންގެ ހުތުރު އަތުގެ ސަބަބުން ޙައްގު ނޫން ބަޔަކަށް ސްކޯލަރޝިޕް އަދި ލޯންގެ އެހީ ލިބި، އެކަމަށް އެންމެ ބޮޑަށް ޝަރުޡު ފުރިހަމަވާ ފަރާތްތައް އެކަހެރި ވުމެވެ.
2013 ވަނަ އަހަރު އޯގަސްޓް މަހުގައި އިއުލާނު ކުރި ޓާޝަރީ ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ލޯނަށް ހުށަހެޅި ފަރާތްތަކަށް އަލުން ޕޮއިންޓް ދޭން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން ޖެހުނީ އެސަބަބާއިހުރެއެވެ. ޙައްގު ނޫން ބަޔަކަށް ލޯނު ލިބި، އެކަމަށް އެންމެ ބޭނުންވެފައިތިބި ޝަރުޡު ހަމަވި ފަރާތްތައް ބާކީ ކުރެވުމުންނެވެ. އޭސީސީން 2014 ޖެނުއަރީމަހު ޢާންމުކުރި ރިޕޯޓެއްގައި ބުނަނީ ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ދިނުމުގެ ކުރިން ރާއްޖޭގައި ހެދެން ހުރި ކޯސްތަކާއި ހެދެން ނެތް ކޯސްތައް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ޔަގީން ކޮށްފައި ނުވާކަމާއި ރާއްޖޭގައި ހެދެން ހުރި ކޯސްތަކަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީ، އަނެއްބައި ފަރާތްތަކަށް ޕޮއިންޓް ނުދީ ހުރި އިރު ރާއްޖޭގައި ކިޔެވެން ހުރި ކޯސްތަކުގެ ނަންތައް ތަފާތު ގޮތްގޮތަށް ބަދަލުކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުން އެއީ ރާއްޖޭގައި ހެދެން ނެތް ކޯސްތައް ކަމަށް ބަލައި ޕޮއިންޓް ދީފައިވާކަން ފާހަގަ ކޮށްފައިވާކަމަށެވެ. އެކަންކަން އިސްލާހު ކުރުމަށްފަހު ޓާޝަރީ ލޯން ސްކީމްގެ ދަށުން ލޯނަށް އެދިފައިވާ ފަރާތްތަކަށް އަލުން ޕޮއިންޓް ދިނުމަށް ޑިސެމްބަރު 23، 2013 ގައި ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެންގުމުން އަލުން ޕޮއިންޓް ދެވި، ލޯނުގެ ޙައްގުވެރީންނަށް ލޯނު ދެވުނެވެ. އެއީ ދަރިވަރުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
ފެސިލިޓީތަކުގެ ފެންވަރު ދަށްވުން:
ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި އުނގެނުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނު އަސާސީންވަނީ އަސާސީ މުހިއްމު ޙައްޤެއްގެގޮތުގައި ކަށަވަރުކޮށްދީފައެވެ. މިޙައްޤު ލިބިގަތުމުގައި ޖިންސީ، ނަސްލީ ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމަކުން ތަފާތުކުރުމެއްނެތެވެ. އެންމެން ހަމަހަމައެވެ. ނަމަވެސް މި ހަމަހަމަކަން އޮތީ ކިހާ ވަރަކަށްތޯއެވެ؟ ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ އެއްވެސް ސުކޫލެއް ތަފާތުކުރެވިގެން ނުވާނެއެވެ. ތަޢުލީމު އުނގެނުމުގެ ޙައްޤުން އެއްވެސް ކުއްޖަކު މަހްރޫމު ކުރެވިގެން ނުވާނެއެވެ. އާބާދީ ބޮޑެތި ސަރަހައްދުތަކަށް ތަޢުލީމީ ފަހި ފުރުސަތުތަކެއް ހުންނާނެކަން އެންމެންވެސް ގަބޫލުކުރެއެވެ. ނަމަވެސް ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްވެސް އަބަދުވެސް އެދެނީ، ރަށު ސްކޫލްގެ ފެންވަރު މަތިވެ، ވަޞީލަތްތައް މުއްސަނދިވާނެ ދުވަހަކަށެވެ. ތަޢުލީމީ ނިޒާމް ދިގު ރާސްތާއަކަށް ވަށާ ޖެހެން ވާނީ އެމަގަށެވެ.
މިނޭވާގައި ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ރަށްރަށުގެ ސްކޫލްތަކުގެ ރިސޯސް އިތުރުކުރުމަށް ދައުލަތުން ކިތަންމެ ހޭދައެއްކުރިނަމަވެސް، ރަށުގެ ތަރައްޤީއަށް ނުވަތަ ސްކޫލްގެ ކުރިއެރުމަށް އެ ހޭދަ ނުކުރެވޭނަމަ އެރަށެއް ނުވަތަ އެސްކޫލެއް ކުރިއެއް ނާރާނެއެވެ. މިސާލަކަށް ރަށުގެ ސްކޫލަށް އިތުރު ފަސް ކްލާސް ރޫމް އެޅުމަށް ބިޑްކުރުމުން، ފަސް ކްލާސް ރޫމަށް އެއް މިލިއަން ރުފިޔާއަށް ނުޤަވާއިދުން ބަޔަކާއި ކޮންޓްރެކްޓް ހަވާލުކޮށް ނިންމާލާއިރު، އެހެން ފަރާތަކުން ފަސް ކްލާސް ރޫމަށް ފަސް ލައްކަ ރުފިޔާ ހަރަދުކޮށް ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަން އެއްބަސްވެދާނެއެވެ. އަގުހެޔޮކޮށް މަސައްކަތް ނިންމަން ހުށަހެޅި ފަރާތާއި އެމަސައްކަތް ހަވާލުނުކޮށްފިނަމަ ދައުލަތަށް، ރަށަށް، ސްކޫލަށް އެލިބުނީ ވަރަށް ބޮޑު ގެއްލުމެކެވެ. އިތުރު ފަސް ކްލާސް ރޫމް އެޅޭހާ ފައިސާ ބަޔަކާއި ހަވާލުކުރެވުނީއެވެ. އެފައިސާއިން ސްކޫލުގައި ލައިބްރަރީއެއް ނުވަތަ ނަމާދުކުރާ ޖާގައަކާއި ލެބޯޓަރީއެއްވެސް އިމާރާތް ކުރެވުނީހެވެ.
އޭގެ ބައެއް މިސާލުތައްވެސް ފެންނާން އެބަހުއްޓެވެ. މަތި ދެކުނު ސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެޔުނިޓުން ކުރި އިޢުލާނާއި ގުޅިގެން އެކަމަށް އެދި ހުށަހެޅި 14 ފަރާތުން ހުށަހަޅާފައިވާ ލިޔުންތައް އިވެލުއޭޓްކުރުމުގައި ގަވާއިދާއި ޚިލާފަށް ޢަމަލުކޮށްފައިވާތީއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ފަސް މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުނެވެ. ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އެތައް ތުހުމަތެއް ތަޢުލީމީ ދާއިރާއަށް ނިސްބަތްވާ ބައެއް އިދާރާތަކުގެ މައްޗަށް ކުރެވި، މިފަދަ ބައެއް މައްސަލަތައް ތަހްޤީޤު ކުރެވި ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ ކަން ފާހަގަ ކުރެވެއެވެ. އިތުރުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާތައްވެސް ތަޢުލީމީ ދާއިރާތެރެއިން އޭސީސީ އިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
ދެން ހަދާނީ ކިހިނެއް؟
ތަޢުލީމު ޙާޞިލުކުރުމަށް ޢުމުރުގެ ޅަފުރާ ސުކޫލުތަކުގެ ހޭދަ ކުރުމަށްފަހު، ޒުވާނުންގެ ގޮތުގައި މުޖްމަތަޢަށް ނުކުންނަ އިރު ރަނގަޅު ތަޢުލީމެއް ތަރުބިއްޔަތެއް ނުލިބުމުގެ ނަތީޖާއަކީ ކަންކަންމަތީގައި ޒުވާނުން އިތުރުވުމެވެ. އެތައް ޖީލެއް ހަލާކުވެގެންދާއިރު، އެހަލާކުކޮށްލެވެނީ ރާއްޖޭގެ މުސްތަޤްބަލެވެ. މިރާއްޖެއާއި ނުބައްދަލު މިންވަރަށް ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އެތެރެވުމުގެ އަސްލަކީވެސް ތައުލީމީ ދަރީން ނުއުފެއްދުމެވެ. މުޖްތަމަޢަށް ބޭނުންވާ ތަފާތު ފަންނުވެރިން ނުއުފެއްދުމާއި ތަޢުލީމީ ނިޒާމާއި މަސައްކަތުގެ ފެށި ގުޅުވައި ނުލެވުމެވެ.ހުރިހާ ކަމެއް ގޮސް ހުއްޓެނީ ތަޢުލީމީ ނިޒާމަށެވެ.
ތަޢުލީމީ ނިޒާމަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ނިޒާމަކަށް ވާންޖެހެއެވެ. ރައްޔިތުންގެ ފައިސާއިން ކުރެވޭ ހޭދަ ރައްޔިތުންގެ އުންމީދުތަކާ ގުޅި ލާމެހެން ޖެހެއެވެ. މުޖްތަމަޢަށް ބޭނުންވާ މަސައްކަތްތެރިން ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެދެންޖެހެއެވެ. ބެލެނިވެރިންނަކީ ތަޢުލީމީނިޒާމުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގައި ބަސްބުނާ ކޮންމެގޮތެއް ވަރިހަމަ ނޫން ބަޔަކަށް ވާންޖެހެއެވެ. ކޮރަޕްޝަންގެ ކޮންމެ ޢަމަލަކަށް ނޫނެކޭ ބުނެވެންޖެހެއެވެ.