އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2015-2019 އިފްތިތާޙްކޮށްފި

08 Apr 2015

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް އިސްތިރާތީޖީ ވައްޓަފާޅިއެއްގައި ކުރިއަށްގެންދިއުމަށްޓަކައި އެކުލަވާލާފައިވާ އެ ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2015-2019 މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދުއެވެ. މި ޕްލޭން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ، ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ، ހޯލްގައި މިއަދު 09:30 ގައެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވުމަށް ފަހު، ޝަރަފްވެރިމެހެމާނު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދު ބައިވެރިންނާ މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގިނަ ދަތިތަކާއެކުވެސް ވޭތުވެ ދިޔަ އަހަރުތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތަކުގައި ކާމިޔާބު ހޯދާފައިވާކަން ފާހަގަކުރައްވާ އޭސީސީގެ މެމްބަރުންނަށާއި މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، މި ޕްލޭން ތަންފީޛްކުރުމަށް، އޭސީސީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ. އަދި އެމަނިކުފާނުވަނީ އޭސީސީގެ މުވައްޒަފުންގެ ފަރާތުން މި ޕްލޭން ތަންފީޛްކުރުމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގާ ޢިމާރާތުގެ ގޯތިތެރޭގައި ހުރިހާ މިނިވަން މުއައްސަސާތަކެއް ހިންގުމަށް ޢިމާރާތެއް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ދެއްކެވި ވާހަކަފުޅުގައި މި ޕްލޭނަކީ އޭސީސީގެ މުވައްޒަފުންގެ ފަންނީ ފުރިހަމަ މަސައްކަތެއްކަމަށާއި، ޕްލޭން ތަންފީޛްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ދެނެގަނެވިފައިވާ ޕްލޭނެއްކަމަށާއި، އަދި އެމަސައްކަތްތަކުގައި އޭސީސީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާ ޤާނޫނުލް އުޤޫބާތަށް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، އެކަމަށްޓަކައި ކޮމިޝަނަށް ބޭނުންވާ ކަންކަން ފުރިހަމައަށް ކުރަމުން ގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މަރްޙަވާ ދެންނެވުމުގެ ގޮތުން ވާހަކަ ފުޅުދެއްކެވީ ކޮމިޝަން ނާއިބް ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ. އަދި ޕްލޭންގައި ހިމެނިފައިވާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ރަޝީދު ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ.

މިރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލްއާއި ސިވިލްސަރވިސް ކޮމިޝަންގެ ރައީސްއާއި ބައެއް މުއައްސަސާތަކުގެ ޕރމަނަންޓް ސެކްރެޓަރީންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭން ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×