ކޮރަޕްޝަން ހުއްޓުވުމުގައި މަދަނީ އަދި ފަރުދީ ޒިންމާ

13 May 2015

ކޮރަޕްޝަނާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތައް ދައްކާގޮތުން، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑެވެ. ކޮރަޕްޝަނަށް މަގުފަހިކުރާ މައިގަނޑު އަސާސެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ރާއްޖޭގެ ޤާނޫނީ އަދި ސިޔާސީ ނިޒާމުގައި ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒު ފައިދާނެގުމާއި ދައުލަތުގެ ވަޞީލަތްތައް އަމިއްލަ ބޭނުމަށް ބޭނުންކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގޮތްތަކެއް ނެތުމެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ގްލޯބަލް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2011 ފާހަގަކުރާގޮތުގައި، ރާއްޖެއަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ކޮރަޕްޝަން އެންމެ މަތީ ދަރަޖައަކަށް ހުރި އެއްޤައުމެވެ. މިގޮތުން، ކޮރަޕްޝަން އެންމެ މަތީ ދަރަޖައަކަށް ހުރި ކަމުގައި ޤަބޫލުކުރާ މުއައްސަސާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް (74 ޕަސެންޓް)، ސިޔާސީ ޕާޓީތައް (71 ޕަސެންޓް) އަދި ޢަދުލުއިންސާފުގެ ބާރު (64 ޕަސެންޓް) ހިމެނެއެވެ.
ކޮރަޕްޝަންގެ އަމަލުތައް ފާހަގަކުރެވުން ބިނާވަނީ ދައުލަތުގެ މުއައްސަސާތަކުގައި ޖަވާބުދާރީކުރުމާއި ދެފުށްފެންނަ މިންވަރުގެ މައްޗަށާއި ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓުކުރުމުގެ ނިޒާމުތަކާއި ޤައުމުގެ ސިޔާސީ ނިޒާމުގެ މައްޗަށެވެ.
ކޮރަޕްޝަން ހުއްޓުވުމާމެދު އާންމުންގެ އިތުބާރު ގެއްލުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާކުރުމުގައި ހުރި ދަތިތަކާއި މުއައްސަސާތަކުގެ ބަލިކަށިކަމެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ދައުލަތުގެ ތަފާތު މުއައްސަސާތަކެއް ހިމެނެއެވެ. އެއިގެ ތެރޭގައި، ޤާނޫނު އަސާސީއިންނާއި ޤާނޫނުން ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ޒިންމާއެއް ޙަވާލުކުރެވިފައިވާ ފަރާތަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންއެވެ. ހަމަ މިއާއެކު އެ ކޮމިޝަނުގެ މަސައްކަތާ ގުޅުންހުރި އަދި އެ ކޮމިޝަނުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ތަފާތު އިދާރާތަކެއް ހިމެނެއެވެ. އެއިގެ ތެރޭގައި އޮޑިޓަރޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އަދި ފަނޑިޔާރުގެ ހިމެނެއެވެ. ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތް ކާމިޔާބުވުން ބިނާވަނީ މި ހުރިހާ މުއައްސަސާއެއް އަދި އިދާރާއެއް ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތާއި އެކަމަށް އެކުލަވާލެވިފައިވާ ނިޒާމުތަކުގެ މައްޗަށެވެ.
ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތް ކާމިޔާބުކުރުމުގައި މުޖުތަމައުގެ ޒިންމާ އަދި ފަރުދީ ޒިންމާ މުހިންމު ދައުރެއް އަދާކުރެއެވެ. މިގޮތުން މުޖުތަމަޢުގެ ޒިންމާގެ ތެރޭގައި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި މީޑިއާގެ މުހިންމު ދައުރެއް ވެއެވެ.
މަދަނީ ޖަމިއްޔާތައް
ސިވިލް ސޮސައިޓީ ނުވަތަ މަދަނީ ޖަމިއްޔާތަކަކީ، ދައުލަތް ޒިންމާދާރުކުރުމުގައާއި ދައުލަތުގެ މުއައްސަސާތައް ހަމަމަގަށް އެޅުވުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ފަރާތްތަކެކެވެ. މިގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އެސެސްމަންޓް 2014 ފާހަގަކުރާގޮތުގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ސަރުކާރު ޒިންމާދާރުކުރުމުގެ ޒިންމާކުޑަކަން ފާހަގަކުރެވިފައިވެއެވެ. އަދި އެފަދަ ޖަމިއްޔާތައް ޙަރަކާތްތެރިވުމުގައި، އިދާރީ، މާލީ އަދި ފަންނީ އެތައް ގޮންޖެހުމެއް ހުރިކަން އެސެސްމަންޓްގައި ފާހަގަކޮއްފައިވެއެވެ. މިގޮތުން، ރާއްޖޭގައި ޙަރަކާތްތެރިވާ ޖަމިއްޔާތަކުގެ ތެރެއިން ހިންގުން އިސްލާޙުކުރުމާއި ކޮރަޕްޝަން ނައްތާލުމާއި، ޑިމޮކްރަސީ އަދި ޤާނޫނީ ވެރިކަން ކުރިއެރުވުމުގެ ޙަރަކާތްތެރިވަނީ 5.8 ޕަސެންޓް ޖަމިއްޔާކަން ފާހަގަކުރެވިފައިވާއިރު، އެ ޖަމިއްޔާތަކުގެ މަސައްކަތުގައި އެކަށީގެންވާ ކާމިޔާބެއް ހޯދިފައިނުވާކަން އެސެސްމަންޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮރަޕްޝަން ހުއްޓުވުމުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކުގެ ޤާބިލްކަން އިތުރުކުރުމަކީ، ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް ކާމިޔާބުކުރުމުގައި ކޮންމެހެން ބޭނުންތެރިކަމެކެވެ.
ވިޔަފާރިތަކުގެ ދައުރު
ކޮރަޕްޝަން ހުއްޓުވުމުގައި ވިޔަފާރިތަކުގެ އެންމެ މުހިންމު ދައުރަކީ، އެ ވިޔަފާރިތަކަކީ ވެސް، ކޮރަޕްޝަނާ ދުރު، އަދި ކޮރަޕްޝަނުގެ އަމަލުތަކަށް ޖާގަ ނުދޭ، ދެފުށްފެންނަ ފަރާތްތަކަކަށް ވުމެވެ. ރާއްޖޭގައި ހިނގާ ކޮރަޕްޝަނުގެ ގިނަ ޖަރީމާތަކެއްގައި ވިޔަފާރިތަކުގެ ބައިވެރިވުން ފާހަގަކުރެވޭއިރު، ވިޔަފާރިތަކުގެ ޖަވާބުދާރީކުރުމުގެ ނިޒާމާއި އިންޓެގްރިޓީގެ ނިޒާމު ވަރަށް ބަލިކަށިކަމުގައި އެސެސްމަންޓްގައި ފާހަގަކޮށްފައިވެއެވެ.
ވިޔަފާރިތަކަކީ ކޮރަޕްޝަން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ފަރާތެއްކަމުގައިވާއިރު، މިހާތަނަށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހުއްޓުވުމުގައި ވިޔަފާރިތަކުގެ ދައުރު އެއްގޮތަކަށް ނެތްކަމުގައިވެސް އެސެސްމަންޓްގައި ފާހަގަކޮށްފައިވެއެވެ. އަދި، ކޮރަޕްޝަން ހުއްޓުވުމަކީ ވިޔަފާރިތަކުގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ފާހަކަ ކުރެވިފައި ނުވާއިރު، ކޮރަޕްޝަން ހުއްޓުވުމުގައި މަދަނީ ޖަމިއްޔާތަކަށް އެހީތެރިވުމުގައި ވިޔަފާރިތަކުން އެއްވެސް ދައުރެއް އަދާނުކުރާކަން އެސެސްމަންޓްގައި ފާހަގަކޮށްފައިވެއެވެ. މިއީ ކޮރަޕްޝަން ހުއްޓުވުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައިވާއިރު، ވިޔަފާރިތަކުގެ ޒިންމާ އިތުރުކުރުމަށް ޤާނޫނީގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެވެއެވެ.
މީޑިއާގެ ދައުރު
މީޑިއާއަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަމުގައި ބުނެވޭއިރު، އަދި ދައުލަތުގެ ‘ފާރަވެރި ކުއްތާ’ގެ ގޮތުގައި ފާހަގަކުރެވޭއިރު، ކޮރަޕްޝަން ރިޕޯޓުކުރުމާއި، ކޮރަޕްޝަންގެ މައްސަލަތައް ޢާންމުންގެ ސަމާލުކަމަށް ގެނެސް، ކޮރަޕްޝަނާމެދު ޢާންމު ހޭލުންތެރިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ފަރާތަކީ މީޑިއާއެވެ. ރާއްޖޭގައި މިނިވަން މީޑިއާއަކަށް ފުރުސަތު އޮތްކަމުގައިވިޔަސް، މީޑިއާގެ މިނިވަންކަމާއި، ޤާބިލްކަމާމެދު ސުވާލުތަކެއް ހުރިކަމުގައި އެސެސްމަންޓްގައި ފާހަގަކޮއްފައިވާއިރު، މީޑިއާތަކުގައި އޮތް ސިޔާސީ ނުފޫޒާއި ވަސީލަތްތަކުގެ ގޮންޖެހުންތަކުގެ ސަބަބުން ކޮރަޕްޝަނުގެ މައްސަތައް ފެންމަތިކުރުމާއި، ކޮރަޕްޝަނާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި އަދާކުރާ ދައުރު ވަރަށް ކުޑަކަމުގައި ބަޔާންކޮއްފައިވެއެވެ.
ފަރުދީ ޒިންމާ
ކޮރަޕްޝަން ރިޕޯޓުކުރުމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގައި ފަރުދީ ޒިންމާއަކީ މުހިންމު އަދި ބޮޑު ޒިންމާއެކެވެ. މިގޮތުން، ކޮރަޕްޝަން ހުއްޓުވުމުގައި ފަރުދުންގެ އެންމެ ބޮޑު ޒިންމާއަކީ ކޮރަޕްޝަންގެ އަމަލުތަކުގައި ތިމާއާއި ތިމާއާއި ގުޅުންހުރި ފަރާތްތައް ބައިވެރި ނުވުމާއި ކޮރަޕްޝަންގެ އަމަލުތަކަށް ތަރުޙީބު ދިނުން ހުއްޓާލުމެވެ. ސަރުކާރުގެ އެކި ޚިދުމަތްތައް ހޯދުމާއި ޢިނާޔަތްހޯދުމުގައިވެސް ކޮރަޕްޝަން އިންތިހާ ދަރަޖައަކަށް އޮތްއިރު، އެފަދަ ޢަމަލުތައް ހިންގުމަށް ފުރުސަތު ލިބެނީ ޢާންމު ފަރުދުންގެ ބައެއްގެ އެއްބާރުލުމާ ތަރުޙީބާއެކުގައެވެ. ހަމަ މިއާއެކު، ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމުގައި ދެވޭ ރިޝްވަތު ޢާންމުން ގަބޫލުކުރާ ހިނދަކު، އަދި އެފަދަ ޙަރަކާތްތަކާ ދެކޮޅުހެދުމުގެ ބަދަލުގައި އެފަދަ ޙަރަކާތްތަކަށް ތަރުޙީބުދޭނަމަ ކޮރަޕްޝަން ހުއްޓުވުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތަކަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ތެދުވަންޖެހެއެވެ.
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގައި މުޖުތަމަޢުގެ ދައުރު ފުޅާވެފައި ބޮޑެވެ. މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިތައް، އަދި މީޑިއާއާއި ފަރުދުން އެފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކޮއްގެން މެނުވީ ކޮރަޕްޝަން ހުއްޓިގެން ނުދާނެއެވެ. މި ފަރާތްތަކުން ޒިންމާ އަދާ ނުކުރުމުގެ ނަތީޖާއަކަށް ވަނީ، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ބިރެއް ޖެހިލުމެއްނެތި އެފަދަ ޙަރަކާތްތައް ހިންގުމަށް މަގުފަހިވުމެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ވެސް، އެފަދަ މައްސަލަތަކަށް ދެވޭ އަހައްމިއްޔަތު ކުޑަވެގެން ދިއުމެވެ. ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރެވުމެވެ. ރައްޔިތުންގެ ވެރިންގެ ގޮތުގައި ހޮވާ ފަރާތްތައް ރައްޔިތުންގެ ފައިދާއަށްވުރެ، އެ ފަރާތްތަކުގެ އަމިއްލަ މަސްލަޙަތަށް އިސްކަން ދިނުމެވެ. ރައްޔިތުންގެ ޖީބުން ޚަރަދުކުރާ ޓެކްސްގެ ފައިސާ ބޭކާރުވެގެން ދިއުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×