މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ކުރީގެ ސްޓޭޓް މިނިސްޓަރ، ޢަލީ ޞާލިޙް (އާޒާދީގެ /ސ.ހިތަދޫ) ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

15 Jun 2015

ށ.މާކަނޑޫދޫއާއި، ށ.އެކަސްދޫ ކުއްޔަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރި އިޢުލާނާ ގުޅިގެން އެރަށްތައް ދޫކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ބުނާ ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ

1. މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ސަރުކާރުން އިތުރު އާމްދަނީ ހޯދުމަށްޓަކައި އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، ފަތުރުވެރިކަމާއި ދަނޑުވެރިކަން ކުރުންފަދަ އިޤްތިދާސީ މަސައްކަތް ކުރުމަށްޓަކައި ފަޅުރަށްރަށް ދިގުމުއްދަތަކަށް ކުއްޔަށް ދިނުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ދެއްވާފައިވާ ލަފަޔާގުޅިގެން ށ.އެކަސްދޫ ކުށްޔަށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރި އިޢުލާނާގުޅިގެން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ށ.އެކަސްދޫ ކުއްޔަށް ހިފިފަރާތް، އެކަސްދޫ ކުއްޔަށް ހިފުމަށް ޕްރޮޕޯޒަލް ހުށަހެޅިއިރު ހުންނެވީ ދަޢުލަތުގެ ވަޒީރެއްގެ މަޤާމުގައި ކަމާއި، ށ.އެކަސްދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ، މިނިސްޓްރީން ޤާނޫނު އަސާސީ އާ ޚިލާފު ޢަމަލެއް ހިންގުމަށް މަގުފަހިކުރިކަމަށް މާނަކުރެވިދާނެކަމަށް ފެންނަކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ލީގަލް ޔުނިޓުން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ށ.އެކަސްދޫ ކުއްޔަށްހިފި ފަރާތާ ދެމެދު އެއްބަސްވުމުގައި ސޮއިކުރިފަހުން ކަމާއި، އެ މެމޯ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އޭރުގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް (އާޒާދީގެ /ސ.ހިތަދޫ) ނުދެކޭކަމަށް ބުނެފައިވީނަމަވެސް، ޢަލީ ޞާލިޙް އަށް ކޮޕީކޮށްފައިވާކަމާއި، އަދި އެމެމޯގައި ބަޔާންކޮށްފައިވާ ކަންތަކުގެ މަޢުލޫމާތު ޢަލީ ޞާލިޙް އަށް އެނގޭކަމަށް އޭނާ އިޢުތިރާފްވެފައިވުމާއި، ށ.އެކަސްދޫ ކުއްޔަށް ހިފިފަރާތަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްކަން އެނގުނު ހިނދުންވެސް، އެގްރިމެންޓް ބާޠިލް ނުކޮށް ފަޅުރަށްރަށާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މެނޭޖްމަންޓް، އެހެން އަމިއްލަ ކުންފުންޏަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅެފައިވާކަމާއި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަކީ ށ.އެކަސްދޫ ކުއްޔަށްހިފި ފަރާތުގެ ވެސް ޙިއްޞާދާރެއްކަމާއި، މިގޮތަށް މެނޭޖްމަންޓް ބަދަލުކުރާނަމަ ބަދަލުކުރެވޭނީ، ށ.އެކަސްދޫ ކުއްޔަށްހިފި ފަރާތަށް ފައިދާއެއް ލިބޭގޮތަށްކަމާއި، އެކުންފުންޏާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާ ދެމެދު އެގްރިމެންޓް ކުރެވިފައިވަނީ ޤާނޫނޫ އަސާސީގެ 136 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްވާތީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ށ.އެކަސްދޫ ކުއްޔަށްހިފި ފަރާތާ ދެމެދު ވެފައިވާ އެގްރިމަންޓަކީ ވުޖޫދަށް އައިއިރުވެސް ބާޠިލް (Void Ab Initio) އެގްރިމެންޓެއްކަމާއި، އުފެދުނުއިރު ބާޠިލް އެގްރިމެންޓެއް، ފަޅުރަށްރަށާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މެނޭޖްމަންޓް އެގްރިމެންޓް އެހެން ބަޔަކަށް ބަދަލުނުކުރެވޭނެތީއާއި، ށ.އެކަސްދޫގެ އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ލީގަލް ޑިޕާރޓްމަންޓްގެ އެފްރޫވަލް ނުހޯދައިކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާތީއާއި، އަދި ޢަލީ ޞާލިޙްވެސް އެކަމަށް އެއްބަސްވެފައިވާތީއާއި، ފަޅުރަށްތައް ކުއްޔަށް ދިނުމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ހަމަޖައްސަވާފައިވާ އެންމެ އިސްފަރާތަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އޭރުގެ ސްޓޭޓް މިނިސްޓަރ އަދި ށ.އެކަސްދޫ ކުއްޔަށްދިނުމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތްކަމަށްވާ، ޢަލީ ޞާލިޙް ކަމަށްވެފައި، ޢަލީ ޞާލިޙް މިކަމުގައި ޢަމަލުކޮށްފައިވާގޮތުން ވަކިފަރާތަކަށް ނާޖާއިޒު މަންފާ ލިބިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 02ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ކުރީގެ ސްޓޭޓް މިނިސްޓަރ، ޢަލީ ޞާލިޙް (އާޒާދީގެ /ސ.ހިތަދޫ) ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×