ޏ.ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ އާއި ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ފަރުޒާދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި

16 Jun 2015

ޏ.އަތޮޅު ހޮސްޕިޓަލަށް ގަންނަ ހުރިހާ ތަކެއްޗެއް ޏ.އަތޮޅުގެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ގެ އަމިއްލަ ފިހާރައިން ގަންނަކަމަށާއި، 2009 ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ކެމިކަލްއާއި ފިލްމް އަދި މެޑިކަލް ކޮންސިއުމަބްލްސް ގަނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށާއި، 2009 ވަނަ އަހަރުގެ ނޮވެމްބަރމަހު، ޖެހިޖެހިގެން އެއް މަހަކު ތިން ފަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް ނިރިލް ފާމަސީއިން ޑިސްޕޯސަބަލް ގްލަވްސް ގަނެފައިވާކަމަށާއި، 2009ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ފިލްމް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. ޏ.އަތޮޅު ހޮސްޕިޓަލަށް ގަންނަ ހުރިހާ ތަކެއްޗެއް ޏ.އަތޮޅުގެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ގެ އަމިއްލަ ފިހާރައިން ގަންނަކަމަށް ބުނާ މައްސަލަ
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޏ.އަތޮޅު ހޮސްޕިޓަލަށް 2008، 2009 އަދި 2010 ގައި ގަނެފައިވާ ތަކެއްޗާއި ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްޞީލް ބެލިއިރު، އަމިއްލަ ފަރާތެއްގެ ވިޔަފާރިތަކުން ގިނަ ޢަދަދަކަށް ތަކެތި ގަނެ ޚިދުމަތް ހޯދާފައިވާކަން އެނގެން އޮތްކަމާއި، އެގޮތުން، 2008 ވަނަ އަހަރު އެފަރާތުގެ ވިޔަފާރިތަކުން ޖުމުލަ 272,979.50ރ. (ދެލައްކަ ހަތްދިހަދެހާސް ނުވަސަތޭކަ ހަތްދިހަނުވާ ރުފިޔާ ފަންސާސް ލާރި) ގެ ތަކެތި ގަނެފައިވާކަމާއި، 2009 ވަނަ އަހަރު އެފަރާތުގެ ވިޔަފާރިތަކުން ތަކެތި ގަނެ ޚިދުމަތް ހޯދުމަށް ޖުމުލަ 133,680.74ރ. (އެއްލައްކަ ތެއްތިރީސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ ހަތްދިހަހަތަރު ލާރި) ޚަރަދުކޮށްފައިވާކަމާއި، އަދި 2010 ވަނަ އަހަރު އެފަރާތުގެ ވިޔަފާރިތަކުން 144,745.50ރ. (އެއްލައްކަ ސާޅީސްހަތަރުހާސް ހަތްސަތޭކަސާޅީސްފަސް ރުފިޔާ ފަންސާސް ލާރި) ގެ ތަކެތި ގަނެ ޚިދުމަތް ހޯދާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތްކަމާއި، އެފަރާތުގެ ވިޔަފާރިތަކުން ތަކެތި ގަނެ ޚިދުމަތް ހޯދުމަށް ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ހުއްދަދީފައިވާއިރު، އޭނާއަކީ އެ ވިޔަފާރިތަކުގައި ހިއްސާ އޮންނަ ފަރާތެއްކަން ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކުންނާއި އޭނާގެ އިޢުތިރާފުން އަދި ތަޙުޤީޤުގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތްކަމާއި، 2008 ގައި ޏ.އަތޮޅު ހޮސްޕިޓަލަށް މަތީގައި ދެންނެވުނު ވިޔަފާރިތަކުން ގަނެފައިވާ ތަކެއްޗާއި ހޯދާފައިވާ ޚިދުމަތަށް ޚަރަދުކުރުމަށް ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ހުއްދަދީފައިވާއިރު، އޭނާއާ އެ ވިޔަފާރިތަކާ ގުޅުން އޮތްނަމަވެސް، ތަކެތި ގަނެ ޚިދުމަތް ހޯދުމުގެ ކުރިން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 6.18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެންޓި-ކޮރަޕްޝަން ބޯޑުގެ ހުއްދައެއް ލިޔުމުން ހޯދާފައިނުވާކަމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 2009 ވަނަ އަހަރު ޢަމަލުކުރަން ފެށުމުން، އެ ގަވާއިދުގެ 6.08 ގައި ބަޔާންކޮށްފައިވާ ފަދައިން މިކޮމިޝަންގެ ހުއްދަ ލިޔުމުން ހޯދާފައިނުވާ ކަމާއި، ތިން ފަރާތުން އަގު ހޯދައިގެން ގަންނަންޖެހޭ ތަކެތި އަގު ނުބަލާ ގަނެފައިވާކަން ފާހަގަކުރެވިފައިވާތީއާއި، އަގު ބެލުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.09 ވަނަ މާއްދާއާ ޚިލާފަށް ތިން ފަރާތުން ލިޔުމުން އަގު ހޯދާފައިނުވާކަން ފާހަގަކުރެވިފައިވާތީއާއި، އެއްފަހަރާ ގަނެވެންހުރި ތަކެތި ވަކިވަކިން ބަހާލައިގެން ކައިރިކައިރީގައި ގަނެފައިވާކަން ފާހަގަކުރެވިފައިވާތީ،
ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާއި އޭގެ ފަހުން ޢަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް، މުޙައްމަދު އިސްމާޢީލްދީދީ އޭނާގެ އަމިއްލަ ހިއްސާ އޮންނަ ވިޔަފާރިތަކަކުން ތަކެތި ގަނެ ޚިދުމަތް ހޯދާފައިވަނީ ނާޖާއިޒު ފައިދާ ހޯދައި، އަދި ވަކިފަރާތަކަށް ނާޖާއިޒު ހޯދައިދިނުމަށްކަމަށް ބެލެވެން އޮތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ (ދޫރިއަން / ޏ.ފުވައްމުލައް) ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. 2009 ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ކެމިކަލްއާއި ފިލްމް އަދި މެޑިކަލް ކޮންސިއުމަބްލްސް ގަނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނާ މައްސަލަ
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޏ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އެކްސް-ރޭ ކެމިކަލް އާއި ފިލްމް އަދި ބައެއް މެޑިކަލް ކޮންސިއުމަބްލްސް ގަތުމަށް 2009 ވަނަ އަހަރު ފުރަތަމަ ކުރި ދެ އިޢުލާނު ބާޠިލުކޮށްފައިވަނީ އެކަށީގެންވާވަރަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ ކަމާއި، ޏ.އަތޮޅު ހޮސްޕިޓަލްގެ ނަންބަރު Gn.AH/2009/12 (10 ސެޕްޓެމްބަރ 2009) އިޢުލާނާ ގުޅިގެން ބޭއްވި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވީ ތިން ފަރާތަކުން ކަމާއި، އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ޏ.އަތޮޅު ހޮސްޕިޓަލުން ފެންނަން ނެތްކަމާއި، އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޏ.ފުވައްމުލަކު އަމިއްލަ ފާމަސީއަކުން ހުށަހަޅާފައިވާ އެސްޓިމޭޓްގައި ސޮއިކޮށްފައިވާ ފަރާތަކީ މަތީގައި ދެންނެވުނު އިޢުލާނާގުޅޭ ބިޑް ކޮމިޓީގެ މެމްބަރަކަށްހުރި އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ފަރުޒާދު ގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމާއި، ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ އަކީ އެ ދެ ފަރާތުގެ ބޮޑުބޭބެ ކަމާއި،
އެސްޓިމޭޓްތަކަށް މާކްސް ދިނުމުގައި އެސްޓިމޭޓް ހުށަހެޅި ފަރާތުގެ ތަޖުރިބާއަށާއި ތަކެތީގެ ފެންވަރަށް މާކްސް ދީފައިވާއިރު، އަންދާސީ ހިސާބު ފޯމު ފިޔަވައި އެހެން އެއްވެސް ލިޔެކިޔުމެއް އެސްޓިމޭޓްތަކާއެކު ހުށަހަޅާފައިނުވާކަމާއި، އެ މަޢުލޫމާތުތައް ހުށަހަޅާފައިނުވާއިރުވެސް އެބައިތަކުން މާކްސް ދީފައިވާކަމާއި، އިވެލުއޭޝަނުން އެންމެ ގިނަ މާކްސް ލިބިފައިވަނީ އެންމެ ކުޑަ އަގު ހުށަހެޅި މަތީގައި ބަޔާންކުރެވުނު ފާމަސީއަށް ކަމާއި، އެފަރާތާ މަސައްކަތް ޙަވާލުކޮށް ވެފައިވާ އެއްބަސްވުމުގައި ހޮސްޕިޓަލްގެ ފަރާތުން ސޮއިކޮށްފައިވަނީ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ކަމާއި، މަސައްކަތް ޙަވާލުވި ފަރާތުން ސޮއިކޮށްފައިވަނީ އެސްޓިމޭޓްގައި ވެސް ސޮއިކޮށްފައިވާ މުޙައްމަދު އިސްމާޢީލްދީދީ އަށް ބޮޑުބޭބެ ކިޔާ ފަރާތެއްކަމާއި، ތަކެތި ސަޕްލައިކޮށްދިނުމަށްފަހު މަސައްކަތްކުރިފަރާތުން އިންވޮއިސް ހުށަހެޅުމުން އެފައިސާ ޚަރަދުކުރުމަށް ތައްޔާރުކުރި ޕޭމަންޓް ވައުޗަރުގައި ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ ވެސް ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ކަމާއި، ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް ޗެކްކުރި މުވައްޒަފުން އެމަސައްކަތް ކޮށްފައިވަނީ އެއްވެސް ލިޔުމެއް ޗެކްކޮށްފައި ނޫންކަމަށާއި އެމަސައްކަތް ކޮށްފައިވަނީ މުޙައްމަދު އިސްމާޢީލްދީދީ އަންގައިގެންކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާކަމަށާއި،
އެސްޓިމޭޓް ހުށަހެޅި ފަރާތަކީ އަކީ ބިޑް ކޮމިޓީގައި ބައިވެރިވި އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ފަރުޒާދުގެ ކޮއްކޮ ކަމަށްވީނަމަވެސް، މުޙައްމަދު ފަރުޒާދު ބިޑް އިވެލުއޭޓްކުރުމުގައި ބައިވެރިވެފައިވާކަމާއި، އެކަން އެއްވެސް ފަރާތަކާ ހިއްސާކޮށްފައިވާކަން އެނގެން ނެތްކަމާއި، މުޙައްމަދު އިސްމާޢީލްދީދީ ވެސް އެކަން އެއްވެސް ފަރާތަކާ ހިއްސާކޮށްފައިވާކަން އެނގެން ނެތްކަމާއި، އިޢުލާނާ ގުޅިގެން ހުށަހެޅި އެސްޓިމޭޓްތައް އިވެލުއޭޓްކުރިކަމަށް ބިޑް އިވެލުއޭޝަން ފޯމުތަކުގައި ސޮއިކޮށްފައިވާ 3 ފަރާތަކުން އިވެލުއޭޝަންގައި ބައިވެރިނުވާކަން މިކޮމިޝަންގެ ތަޙުޤީޤަށް ލިބިފައިވާ ބަޔާންތަކުން އެނގޭކަމާއި،
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 ވަނަ މާއްދާގެ (ކ) ގައި، ބީލަމާބެހޭ ލިޔުންތައް ހުށަހަޅާއިރު ތަކެތި ހޯދާ ފަރާތާ ތިމާގެކަމުގެ އެއްވެސް ގުޅުމެއް އެތަނުގެ ވެރިޔަކާ އޮތްކަމުގައިވާނަމަ އެކަން ލިޔުމުން ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މަސައްކަތް ޙަވާލުކުރެވުނު ފަރާތާ މުޙައްމަދު އިސްމާޢީލްދީދީ އާ ޢާއިލީ ގުޅުން އޮންނަކަން އެއްވެސް ފަރާތަކުން ލިޔުމުން ހިއްސާކޮށްފައިނުވާކަމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.08 ވަނަ މާއްދާގައި، އެތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން އެތަނަކަށް އެއްޗެއް ގަންނަންވާނީ މިކޮމިޝަންގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ކަމަށް ބަޔާންކޮށްފައިވާއިރު، މި މަސައްކަތް ޙަވާލުކޮށް ތަކެތި ގަތުމުގައި މިކޮމިޝަންގެ ހުއްދަ ލިޔުމުން ހޯދާފައިނުވާތީ،

މިމުޢާމަލާތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވަނީ ނާޖާއިޒު ފައިދާ ހޯދައި، އަދި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަމަށް ބެލެވެން އޮތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތުގެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވާ ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު އިސްމާޢީލްދީދީ އާއި އެސްޓިމޭޓްތައް އިވެލުއޭޓްކުރުމުގައި ބައިވެރިވި އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ފަރުޒާދު ގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
3. 2009 ވަނަ އަހަރުގެ ނޮވެމްބަރމަހު، ޖެހިޖެހިގެން އެއް މަހަކު ތިން ފަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެރަށު ފާމަސީއަކުން ޑިސްޕޯސަބަލް ގްލަވްސް ގަނެފައިވާކަމަށް ބުނާ މައްސަލަ
2009 ވަނަ އަހަރުގެ ފަހުކޮޅު ޏ.އަތޮޅު ހޮސްޕިޓަލަށް ޑިސްޕޯސަބަލް ގްލަވްސް ވިއްކުމަށްފަހު ޖުމުލަ 04 އިންވޮއިސްއެއް ފުވައްމުލަކު އަމިއްލަ ފަރާތެއްގެ ފާމަސީއަކުން އެ ހޮސްޕިޓަލަށް ހުށަހަޅާފައިވާކަމާއި، އެއީ 2009 ގެ އޮކްޓޯބަރ މަހުގެ އިންވޮއިސްއަކާއި 2009 ގެ ނޮވެމްބަރ މަހު ހުށަހަޅާފައިވާ ތިން އިންވޮއިސްކަމާއި، ކޮންމެ އިންވޮއިސްއަކުން ބިލްކޮށްފައިވަނީ 100 ފޮށި ޑިސްޕޯސަބަލް ގްލަވްސް އަށްކަމާއި، އެއިން ކޮންމެ އިންވޮއިސްއެއްގައިވާ އަގަކީ 13,000.00ރ. (ތޭރަހާސް ރުފިޔާ) ކަމާއި، 2009 ގެ ނޮވެމްބަރ މަހު ދެ ފަހަރު ޑިސްޕޯސަބަލް ގްލަވްސް ގަނެފައިވަނީ އެއްވެސް ފަރާތަކުން އަގުބެލުމަށްފަހު ނޫންކަމާއި، އެއް އިންވޮއިސް ފިޔަވައި ދެން ހުށަހެޅި އިންވޮއިސްތަކަށް ފައިސާ ޚަރަދުކޮށްފައިވަނީ އެއް ޕޭމަންޓް ވައުޗަރަކުންކަމާއި، އަގުބަލާފައިވާ ފަހަރުތަކުގައި އަގުބަލާފައިވަނީ ފޯނު މެދުވެރިކޮށް ހަމައެކަނި އެ ފާމަސީއިން ކަން އެނގެން އޮތުމުންނާއި،

ނޮވެމްބަރު މަހު ވަކިވަކިން ބަހާލައިގެން އެ ފާމަސީއިން ޑިސްޕޯސަބަލް ގްލަވްސް ގަނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޢާއްމުކޮށް އިޢުލާނުކޮށްގެން ބީލަމަށް ހުޅުވާލައިގެން ކުރަންޖެހޭތީކަމަށް ބެލެވޭތީއާއި، ޑިސްޕޯސަބަލް ގްލަވްސް އަކީ އަބަދުވެސް ހޮސްޕިޓަލަކަށް ބޭނުންވާނެ އެއްޗެއް ކަމަށްވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ގެ (ހ) އާ އެއްގޮތަށް ޢާއްމުކޮށް އިޢުލާނުކޮށްގެން، އެއްފަހަރާ ގަނޑުކޮށް އެތަކެތި ގަނެވޭނެކަމަށް ތަޙުޤީޤަށް ޤަބޫލުކުރެވޭތީއާއި، މަތީފައި ދެންނެވިފައިވާ ފާމަސީއަކީ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ގެ ހިއްސާ އޮންނަ ވިޔަފާރިއެއްކަން އެނގެން އޮތުމުންނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.08 ވަނަ މާއްދާއާ އެއްގޮތަށް އެ ފާމަސީއިން ތަކެތި ގަތުމުގެ ކުރިން މިކޮމިޝަންގެ ހުއްދައެއް ހޯދާފައިނުވާތީ،

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކައިރިކައިރީގައި ވަކިވަކިން ޏ.އަތޮޅު ހޮސްޕިޓަލަށް، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ އާގުޅުންހުރި ފާމަސީއިން ޑިސްޕޯސަބަލް ގްލަވްސް ގަނެފައިވަނީ ނާޖާއިޒު ފައިދާއެއް ހޯދައި، އަދި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަމަށް ބެލެވެން އޮތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލައިގައި ތަކެތި ގަނެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވާ، ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ (ދޫރިއަން / ޏ.ފުވައްމުލައް) ގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
4. 2009ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ފިލްމް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ
2009 ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ޑިވެލޮޕަރ އާއި އެކްސް-ރޭ ފިލްމް އަދި ޑިޖިޓަލް ތަރމޯމީޓަރ ގަނެފައިވަނީ ތިން ފަރާތަކުން ލިޔުމުން ކޯޓޭޝަން ހޯދައިގެންކަން ލިޔެކިޔުމުން އެނގޭކަމާއި، ކޯޓޭޝަން ހޯދާފައިވަނީ، ޏ.ފުވައްމުލަކު އަމިއްލަ ފަރާތެއްގެ ފާމަސީއަކާއި، އައްޑޫ އަތޮޅުގެ ދެ ފާމަސީއަކުން ކަމާއި، އޭގެތެރެއިން ފުވައްމުލަ އަމިއްލަ ފަރާތުގެ ފާމަސީއިން ހުށަހަޅާފައިވާ އަގަކީ 24,000.00ރ. (ސައްވީސްހާސް ރުފިޔާ) ކަމާއި، އަނެއް ދެ ފަރާތުން ހުށަހަޅާފައިވާ އަގު 25,000.00ރ. (ފަންސަވީސްހާސް ރުފިޔާ) އަށްވުރެ ބޮޑުކަމާއި، އެ ކޯޓޭޝަންތަކަކީ އެ ބޭސް ފިހާރަތަކުން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއް ނޫންކަމަށް ފުވައްމުލަކު ފާމަސީގެ އިތުރުން ކޯޓޭޝަން ހުށަހަޅާފައިވާ ދެ ފާމަސީގެ އިސްފަރާތްތަކުން މިކޮމިޝަންގެ ތަޙުޤީޤުގައި ބުނެފައިވާކަމާއި، އެހެންކަމުން 25,000.00ރ. (ފަންސަވީސްހާސް ރުފިޔާ) އަށްވުރެ ބޮޑު ދެ އަގު ލިޔެ ދެ ފާމަސީއެއްގެ ނަމުގައި ކޯޓޭޝަން ތައްޔާރުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިޢުލާނުނުކޮށް މިމައްސަލައިގައިބުނާ ފުވައްމުލަކު ފާމަސީއިން ތަކެތި ގަތުމުގެ މަޤްޞަދުގައިކަމަށް ތަޙުޤީޤަށް ޤަބޫލުކުރެވޭތީއާއި،
މި ތަކެތި ގަތުމަށް ތައްޔާރުކޮށްފައިވާ ޕަރޗޭސް އޯޑަރު ތައްޔާރުކޮށްފައިވަނީ ތަކެތި ވިއްކި ފަރާތުން ތަކެތި ވިއްކައި އިންވޮއިސް ހުށަހެޅިފަހުން ކަމާއި، ޕަރޗޭސް އޯޑަރު ތައްޔާރުކޮށްފައިވަނީ އެތަކެއްޗަށް ފައިސާ ޚަރަދުކުރުމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރި ތާރީޚްގެވެސް ފަހުގެ ތާރީޚެއްގައިކަމާއި، މި ތަކެތި ގަނެފައިވާ ފާމަސީއަކީ ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ގެ ހިއްސާ އޮންނަ ވިޔަފާރިއެއްކަމަށްވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.08 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން، އެ ވިޔަފާރިން ތަކެތި ގަތުމުގެ ކުރިން މިކޮމިޝަންގެ ހުއްދަ ލިޔުމުން ހޯދާފައިނުވާތީ،
ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ފިލްމް ޑިވެލޮޕަރ އާއި އެކްސް-ރޭ ފިލްމް އާއި ޑިޖިޓަލް ތަރމޯމީޓަރ، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ އާގުޅުންހުރި ފާމަސީއަކުން ގަނެފައިވަނީ ނާޖާއިޒު ފައިދާއެއް ހޯދައި، އަދި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަމަށް ބެލެވެން އޮތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ (ދޫރިއަން / ޏ.ފުވައްމުލައް) ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×