އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިދާރީ އޮނިގަނޑު

އިދާރީ އޮނިގަނޑު

ކޮމިޝަންގެ އެންމެ އިސްވެރިޔެއްގެ ގޮތުން ކޮމިޝަން ހިންގާނީ ކޮމިޝަނުގެ ރައީސެވެ. އަދި ރައީސް ނެތިއްޖެ ޙާލަތެއްގައި ނާއިބުރައީސެވެ. ރައީސްއާއި، ނާއިބުރައީސް ނެތިއްޖެ ޙާލަތެއްގައި އިސްވެ ހިންގާނީ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހިންގުން ހަވާލުކުރެވޭ މެމްބަރެކެވެ. ކޮމިޝަން އިދާރީގޮތުން ހިންގާނީ ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ. ކޮމިޝަނުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ އިދާރީ އޮނިގަނޑު ތިރީގައި މިވަނީއެވެ.

އިދާރީ އޮނިގަނޑުގައިވާ ކޮންމެ ޑިޕާޓްމަންޓެއް ހިންގާނީ އެ ޑިޕާޓްމަންޓަށް ކަނޑައަޅާ ވަކި އިސްވެރިއެއްގެ ބެލުމުގެ ދަށުންނެވެ. ޑިޕާޓްމަންޓްގެ ދަށުން އުފެދިފައިވާ ޔުނިޓްތައް ޖުމްލަގޮތެއްގައި ސުޕަރވައިޒްކޮށް ބަލަހައްޓާނީ ޑިޕާޓްމަންޓްގެ އިސްވެރިންނެވެ. އެހެންކަމުން އެ ޔުނިޓްތަކުގެ ވެރިން ރިޕޯޓްކުރާނީ ޑިޕާޓްމަންޓްގެ ވެރިންނަށެވެ. ޑިޕާޓްމަންޓްގެ ވެރިންގެ މަޤާމުގެ ގޮތުގައި ހަމަޖައްސަން ކަނޑައަޅާފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ނުވަތަ ޑިރެކްޓަރ ޖެނެރަލް އެވެ. އަދި ޔުނިޓްތަކުގެ ވެރިންގެ މަޤާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ، ޑެޕިއުޓީ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރ އެވެ. މި މަޤާމުތައް އުފެދޭނީ މިނިސްޓްރީ އޮފް ފިނޭންސްއިން އެކަމަށް ހުއްދަ ލިބުމުންނެވެ.

އިދާރީ އޮނިގަނޑުގައިވާ ޑިޕާޓްމަންޓްތަކާއި ޔުނިޓްތަކުގެ މައިގަނޑު މަސައްކަތްތައް ކަނޑައެޅިފައިވާގޮތުގެ ޚުލާސާ ތިރީގައި މިވަނީއެވެ.

މެންބަރުންގެ ބިއުރޯ

މެންބަރުންގެ ބިއުރޯއަކީ ކޮމިޝަންގެ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގާ ޔުނިޓެކެވެ. މެންބަރުންގެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮމިޝަނުގެ މެންބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މެންބަރުންގެ އިދާރީ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމެވެ. މީގެ އިތުރުން  ކޮމިޝަނުގެ ޕޮލިސީ ލެވެލް ގެ ނިންމުންތަކާއި ސްޓްރެޓީޖިކް ނިންމުންތަކުގެ މުޢާމަލާތްތައް ކުރުމާއި ކޮމިޝަންގެ ފޮރިން ރިލޭޝަންސްގެ އެންމެހާ މަސައްކަތްތަކެއް ކުރިޔަށް ގެންދާނީ ބިއުރޯއިންނެވެ.  އަދި ކޮމިޝަނުގެ ލަފައަށް އެދި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ދަށުން ހުށަހެޅޭ އެންމެހާ ހުށަހެޅުންތަކަށް ލަފާދިނުމުގެ ކަންކަން ކުރިޔަށް ގެންދާނީ ބިއުރޯގެ ބެލުމުގެ ދަށުންނެވެ.

ސަޕޯޓް ސަރވިސަސް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްގެ މައިގަނޑު ދައުރަކީ ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށާއި ހިންގުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ދިނުމާއި މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 5 ޔުނިޓެއްގެ މައްޗަށެވެ. މި 5 ޔުނިޓް ހިންގާ ބަލަހައްޓާނީ ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ.

  • އެޑްމިން އެންޑް ޕްރޮކިޔުމަންޓް ޔުނިޓް

މި ޔުނިޓްގެ މައގަނޑު މަސައްކަތަކީ ކޮމިޝަނުގައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާކަމެއްގެ އިސްދައުރެއް އަދާކުރުމާއި، ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ގޮތުން އިދާރީގޮތުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމާއި ކޮމިޝަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ މަސައްކަތް ކުރުމާއި އޮފީސް ހުޅުވާ ލެއްޕުމާއި އޮފީސް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމެވެ. އަދި ކޮމިޝަނުގެ ވެހިކަލްތައް ބަލަހައްޓާ މުވައްޒަފުންނަށް ޚިދުމަތްދިނުމެވެ.

  • ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޔުނިޓް

ކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމާއި ވަކިކުރުމާއި މުވައްޒަފުންގެ މުސާރައާއި އުޖޫރަ ދިނުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެންމެހާ ރެކޯޑުތައް ތައްޔާރުކޮށް މުސާރަ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ޔުނިޓް މައިގަނޑު ޒިންމާއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ތަންފީޒުކުރެވޭ ގަވާއިދާއި އުސޫލުތައް ތަންފީޒުކުރުމާއި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމުގެގޮތުން ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށް މަސައްކަތްކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ ހިންގުން ހިމެނެއެވެ.

  • ފައިނޭންސް އެންޑް އެކައުންޓްސް ޔުނިޓް

ކޮމިޝަނުގެ ބަޖެޓާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަނީ މި ޔުނިޓުންނެވެ. މިގޮތުން އަހަރީ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކޮމިޝަނުގެ ހަރުމުދާ ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

  • އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

ކޮމިޝަނުގެ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމުކޮށް ބެލެހެއްޓުމާއި ކޮމިޝަނަށް ބޭނުންވާ ސޮފްޓްވެއާ އެޕްލިކޭޝަންތައް ހޯދުމާއި ސިސްޓަމްސް ސެކިއުރިޓީއާއި ޑޭޓާބޭސް މެނޭޖްކޮށް ބެލެހެއްޓުމަކީ މި ޔުނިޓްގެ މައިގަނޑު މަސްއޫލިއްޔަތެވެ. ކޮމިޝަނަށް ބޭނުންވާ މެއިލްއެކައުންޓްތައް ހެދުމާއި މެއިލްތައް ބެލެހެއްޓުމާއި އިންޓަރނެޓުގެ ޚިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އައިޓީއާގުޅޭ އެންމެހާ ތަކެތި ބެލެހެއްޓުމަކީ މި ޔުނިޓުގެ މަސައްކަތްތެކެވެ.

  • މީޑިއާ ޔުނިޓް

މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ކޮމިޝަނުން ކޮރަޕްޝަނާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ މެޓީރިއަލްސް ޑިޒައިން ކޮންސެޕްޓް އެކުލަވާލައި އުފެއްދުމާއި މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު، ޕްރެސް ބްރީފިންގފަދަ ލިޔެކިޔުން ތައްޔާރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ބެލެހެއްޓުމުވެ. މީގެ އިތުރުން ވެބްސައިޓްގެ ކޮންޓެންޓް ތައްޔާރުކުރުމާއި ސޯޝަލް މީޑިއާ ބެލެހެއްޓުމާއި އެހެން ޔުނިޓްތަކުން ބޭނުންވާ ގްރެފިކްސް އާއި ވީޑިއޯ ތައްޔާރުކޮށްދިނުމުގައި އެހީތެރިވެދިނުމެވެ. ކޮމިޝަނުން ތައްޔާރުކުރާ ޕަބްލިކޭޝަންތަކާއި އަހަރީ ރިޕޯޓް ކޮމްޕައިލްކުރުމުގެ މަސައްކަތްވެސް ކުރާނީ މި ޔުނިޓުންނެވެ.

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތައް ހިންގައި ބެލެހެއްޓުމެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 7 ޔުނިޓުގެ މައްޗަށެވެ. މި 7 ޔުނިޓް ހިންގާ ބަލަހައްޓާނީ ކޮމިޝަންގެ މެމްބަރުންގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓްގެ އިސްވެރިންނެވެ. ޑިޕާޓްމަންޓްގެ އިދާރީ ކަންކަން ބަލަހައްޓާ އެހީތެރިވުމަށް އޮޕަރޭޝަނަލް ސަޕޯޓް ފަންކްޝަނެއް އޮންނާނެއެވެ. ތަޙްޤީޤުކުރަން ނިންމާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އިންވެސްޓިގޭޓަރުންނަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އޮޕަރޭޝަނަލް ސަޕޯޓް ފަންކްޝަން އިންނެވެ.

  • ރެޖިސްޓްރޭޝަން ޔުނިޓް

މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ޝަކުވާ ބަލައިގަނެ ރަޖިސްޓްރީ ކުރުމާއި، ޝަކުވާތައް ވަޒަންކުރުމާއި، އެ ޝަކުވާތައް ތަޙްޤީޤުކުރާނެތޯ ނުވަތަ ނުބަލާ ދޫކޮށްލާނީތޯ ކަނޑައެޅުމަށް މެމްބަރުންގެ ބައްދަލުވުމަކަށް ހުށަހެޅުމާއި އަދި މެމްބަރުންގެ ބައްދަލުވުމުން ނިންމާގޮތެއްގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އަދި ކުށުގެ ރެކޯޑު ސާފުކުރުމަށް ކޮމިޝަނަށް ހުށަހަޅާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމާގުޅޭ އެންމެހާ ކަންކަން ބަލަހައްޓާ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ކުރާނީ މި ޔުނިޓުންނެވެ.

މި ޔުނިޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނަ ފަރާތުގެ މަޤާމަކީ “ރަޖިސްޓްރަރ” އެވެ. މި މަޤާމުގެ ރޭންކަކީ ޑިޕާޓްމަންޓްގެ ވެރިއެއްގެ ރޭންކްއެވެ.

  • އިންވެސްޓިގޭޝަން ޔުނިޓްތައް (ޔުނިޓް 3 ، 2، 1)

މި ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ތަޙްޤީޤުކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާ މައްސަލަތަށް ތަޙުޤީޤު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް އެކުލަވާލައި މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދަޢުވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުމެވެ.

  • ސަދަން ރީޖަނަލް އޮފީސް (އެސް އާރު އޯ)

ގއ،ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ އެކި އިދާރާތަކަށް ނިސްބަތްވާ ނުވަތަ އެއަތޮޅުތަކުގައި ހިނގާ އެކިއެކި ކަންކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިޚްތިޞާސްއަށް ފެތޭ ޝަކުވާތަކާއި، މައްސަލަތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރުމަށް ޙަވާލުކުރާ މައްސަލަތައް ތަޙުޤީޤުކުރުމާއި އެ ސަރަޙައްދުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ކޮރަޕްޝަންގެ ޢަމަލުތަކާމެދު ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ޕްރިވެންޝަން ޑިޕާޓްމަންޓާއި ގުޅިގެން ހިންގުމަކީ މި ޔުނިޓްގެ ޒިންމާއެކެވެ. މީގެ އިތުރުން ސަދަން ރީޖަނަލް އޮފީސްގެ އެޑްމިނިސްޓްރޭޓިވް އަދި ބަޖެޓްއާ ގުޅުންހުރި ކަންކަން ހިންގާ ބެލެހެއްޓުމަކީވެސް މި ޔުނިޓުގެ ޒިންމާއެކެވެ.

  • އިންޓެލިޖެންސް ޔުނިޓް

ދައުލަތުގެ އެކި އިދާރާތަކުން ޙިއްޞާކުރާ އިންޓެލިޖެންސް މަޢުލޫމާތު އެއްކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފައިސާ ދައުރުކުރާ ވިއުގަތައް ދެނެގަނެގަތުމާއި މީޑިއާގެ އެކި ވަޞީލަތްތަކުގައި ދައުރުކުރެވޭ ކޮރަޕްޝަނާއި ގުޅުންހުރި މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް، ކޭސްއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަޢުލޫމާތު ފާހަގަކޮށް ކޭސްއެއްގެ ގޮތުގައި ކޮމިޝަންގައި ރެޖިސްޓްރީ ކުރުވުމަށްކުރަންޖެހޭ މަސައްކަތްކުރުމަކީ މި ޔުނިޓްގެ މައިގަނޑު މަސައްކަތެވެ. މީގެ އިތުރުން ކޮމިޝަންގައި ހިނގާ ތަޙްޤީޤުތަކާ ގުޅިގެން އިންޓެލިޖެންސް ޔުނިޓްގެ ތެރެއިން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އިންވެސްޓިގޭޝަން ޓީމްތަކަށް ފޯރުކޮށްދިނުމަކީ ވެސް މިޔުނިޓް ޒިންމާއެކެވެ.

  • ޕޯސްޓް އިންވެސްޓިގޭޝަން އެންޑް މޮނިޓަރިންގ ޔުނިޓް

މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ތަޙްޤީޤުކޮށް ނިންމާ މައްސަލަތައް މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމާއި މެމްބަރުންގެ ބައްދަލުވުމުން ނިންމާގޮތެއްގެ މަތިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމެވެ. މީގެއިތުރުން، މައްސަލަތަކާ ގުޅިގެން ކޮމިޝަނުގެ ނިންމުންތައް އެކި އިދާރާތަކަށް އެންގުމުން، ކޮމިޝަންގެ ނިންމުމާ އެއްގޮތަށް އެ އިދާރާތަކުން ޢަމަލުކުރަމުން ދޭތޯ ބެލުމާއި ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން ރިކަވަރ ކުރަންޖެހޭ ފައިސާއާއި ތަކެތި އަނބުރާ ހޯދޭ މިންވަރު ބެލުންވެސް ހިމެނެއެވެ. އަދި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މައްސަކަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައްވެސް ކުރާނީ މި ޔުނިޓުންނެވެ.

ޕްރިވެންޝަން ޑިޕާޓްމަންޓް

ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހަތްތެރިކަމަށް ޢާންމުން ހޭލުންތެރިކުރުމާގުޅޭ މަސައްކަތްތައް ކުރުމާއި ދައުލަތުގެ އިދާރާތަކުގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތައް ކުރުމަކީ މި ޑިޕާޓަމަންޓްގެ މައިގަނޑު މަސްއޫލިއްޔަތެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 2 ޔުނިޓުގެ މައްޗަށެވެ. މި 2 ޔުނިޓް ހިންގާ ބަލަހައްޓާނީ ކޮމިޝަންގެ މެމްބަރުންގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ.

  • އެޑިޔުކޭޝަން ޔުނިޓް

އެޑިޔުކޭޝަން ޔުނިޓްގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. މިގޮތުން ދިވެހިރައްޔިތުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، ހޭލުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމާއި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ރާއްޖޭގައި ފާހަގަ ކުރާ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ތަފާތު ޙަރަކާތްތައް ހިންގުން ހިމެނެއެވެ.

  • ރިސާރޗް ޔުނިޓް

ކޮރަޕްޝަން ހިރާސްކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދާ ޢާއްމުކުރުމާއި އެދިރާސާތަކުން ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން އެކުލަވާލައި، މުރާޖަޢާކުރުމާއި ޕްލޭން ހިންގުމަށް ބޭނުންވާ އުޞޫލުތައް އެކުލަވާލައި ތަންފީޒުކުރުމަކީ މިޔުނިޓްގެ މައިގަނޑު މަސައްކަތެވެ. މީގެ އިތުރުން ދައުލަތާއި އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ ބައްދަލުވުންތަކުގައި ކޮމިޝަންގެ ފަރާތުން ހުށަހަޅަންޖެހޭ ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުމާއި ބައިނަލްއަޤުވާމީ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނާ ބެހޭގޮތުން ތައްޔާރުކޮށް ޢާންމުކޮށް ޝާއިޢުކުރާ ދިރާސާ ރިޕޯޓުތަކާގުޅިގެން އޭސީސީން އަޅަންޖެހޭ ފިޔަވަޅުތައް މެމްބަރުންގެ މަޝްވަރާގެމަތިން ތަންފީޒު ކުރުން ހިމެނެއެވެ.

ލީގަލް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކޮމިޝަނުގެ ޤާނޫނާއި ގަވާއިދުތަކާ ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ޤާނޫނީ ލަފާދިނުމާއި މި ކަންކަމާއިގުޅިގެން  ކޮމިޝަންގެ ތަޙުޤީޤުކުރުމުގެ އުޞޫލަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް ކޮމިޝަނަށް ބޭނުންވާ ގަވާއިދުތައް ހެދުމާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތެވެ. މީގެ އިތުރުން ކޮމިޝަނުގެ އެކި ޑިޕާޓްމަންޓް/ޔުނިޓްތަކުން ބޭނުންވާ ޤާނޫނީ ލަފާދިނުމަކީވެސް މި ޑިޕާޓަމަންޓްގެ ޒިންމާއެކެވެ.

މި ޑިޕާޓްމަންޓް ހިންގާ ބަލަހައްޓާނީ ކޮމިޝަންގެ މެމްބަރުންގެ އިރުޝާދުގެ ދަށުން ކައުންސެލް ޖެނެރަލް އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×