ދައުލަތު ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ނަޒާހަތްތެރިކަން ކުރިއަރުވުމާއި ކޮރަޕްޝަންގެ ޢަމަލުތަކާމެދު ދައުލަތުގެ މުވައްޒަފުން ހޭލުންތެރި ކުރުމަށް އޭސީސީން ހިންގަން ހަމަޖައްސާފައިވާ ތަމްރީނު ކޯސްތައް ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި މަޝްވަރާކުރުމަށް އޭސީސީގެ ފަރާތުން ޤައުމީ ޔުނިވަރސިޓީއާ މިއަދު ބައްދަލުކޮށްފިއެވެ. މި ކޯސްތަކަކީ އެމްކިޔުއޭ ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ދެވޭނެ ގޮތުގެމަތިން ފަރުމާ ކުރެވިގެންދާނެ ކޯސްތަކެކެވެ.
2016 ވަނަ އަހަރުގެ މި ކޯސްތައް ފެށުމަށް ވާންޖެހޭ ތައްޔާރުތައް ދެ އިދާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެވިފައެވެ. އަދި ކުރިމަގުގައި ކޮރަޕްޝަނާމެދު ހޭލުންތެރި ކުރުމަށް އޭސީސީން ހިންގާ މަސައްކަތްތަކުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައިވަނީ މަޝްވަރާ ކޮށްފައެވެ.
ޔުނިވަރސިޓީގެ ވައިސްޗާންސެލަރއާއި ޔުނިވަރސިޓީގެ އިސްބޭފުޅުންނާއި އޭސީސީގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މިއަދުގެ ބައްދަލުވުން ބޭއްވުނީ މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގައެވެ.