ދިރިއުޅުން އަނބުރާ އާރާސްތުކުރުން

01 Feb 2016

ދުވަސް ވަރަކީ 1970 ގެ އަހަރުތަކެވެ. ޒިޔާދު އޭނާގެ ދިރިއުޅުން ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ރަށްބޭރުގައިވާ އަވަށެއްކަމަށްވާ ބަރީހްގައި ބިނާކުރަމުންދިޔައެވެ. އޭނާގެ ޢާއިލާގެ އެތައް ޖީލެއް އެތަނުގައި ދިރިއުޅެފިއެވެ. ޒިޔާދުމެން މިހެން ދިރިއުޅެމުން ދަނިކޮށް ލުބުނާނުގައި ދާޚިލީ ހަނގުރާމައެއް ފެށުނެވެ. ހަނގުރާމައިން ސަލާމަތްވުމަށް ޒިޔާދާއި އޭނާގެ ޢާއިލާވެސް ސަހަރު ދޫކޮށް އަވަށްޓެރީންނާއެކީ އެހެން ހިސާބުތަކަށް ހިޖުރަކުރިއެވެ. އަދި ހަނގުރާމަ ނިމި އަނބުރާ އާދެވޭ ވަރުވުމުން ސަހަރަށް އެނބުރި އައިއިރު، އެމީހުންގެ ބިމުގައި އެހެންބަޔަކު ވަނީ ވަޒަންވެރިވެފައެވެ. މިއީ އަލަށް ލުބުނާނުގައި ދިމާވާ ކަމެއް ނޫނެވެ.

ދާޚިލީ ހަނގުރާމަތަކާއި، 2006 ވަނަ އަހަރު އިޒްރޭލާ ދެމެދު ކުރެވުނު ހަނގުރާމައާއި، ރެފިއުޖީ ކޭމްޕުތަކަށް ދޭހަމަލާތަކާއި، އަދި މީގެ އިތުރުން އެކިއެކި ހަމަނުޖެހުންތަކުގެ ސަބަބުން 6 ލައްކައަށް ވުރެ ގިނަ މީހުން ލުބުނާނުގެ އެކި ހިސާބުތަކުގައި ގެދޮރު ނެތިފައި އެބަތިއްބެވެ. މިފަދަ ހަނގުރާމަތަކުގެ ސަބަބުން ބިމުގެ މިލްކުވެރިކަމާ ހެދި ތަފާތު އިތުރު ހަމަނުޖެހުންތައް ހިނގައިފައި އެބަހުއްޓެވެ. މިކަމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ބަލައި ލުބުނާނުގެ ސަރުކާރުން ވަނީ “މިނިސްޓްރީ އޮފް ޑިސްޕްލޭސްމެންޓް” (ގެދޮރު ގެއްލިފައިވާ ފަރާތްތަކާ ބެހޭ މިނިސްޓްރީ) އެއް ޤާއިމްކޮށްފައެވެ. މިމިނިސްޓްރީ އިން ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ޢާއްމުންނަށް އެމީހުންގެ ގެތަކަށް އަނބުރާ އައުމަށް އެހީތެރިވެދެއެވެ. އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދެއެވެ.

މިގޮތުން ޒިޔާދުގެ ރަށްކަމުގައިވާ ބަރީހުގައި ގެދޮރުގެއްލިފައިވާ މީހުންނަށް ފައިސާ އެހީ ދިނުމަށްވެސް އެ މިނިސްޓްރީއިން ނިންމާފައިވެއެވެ. ނަމަވެސް ޖެހިގެން ހުރި އަވަށްތަކަށް ފައިސާ ލިބިގެންދިޔައިރުވެސް ބަރީހުގެ ރައްޔިތުންނަކަށް ފައިސާއެއް ނުލިބެއެވެ. 2014 ވަނަ އަހަރުގެ ކުރީކޮޅު ޒިޔާދު އޭނާއަށް ލިބެންޖެހޭ ފައިސާ ހޯދަން މިނިސްޓްރީގައި އެދުމުން، މިނިސްޓްރީން އޭނާ ގާތު ބުނަމުން ދިޔައީ ފަންޑުގައި ފައިސާ ނެތް ކަމަށެވެ. އަދި ހޯދަން އެދުނު ފައިސާ ޙަވާލުކުރެވިފައިވާ ކަމަށް ލިޔުންތަކުން ދައްކާ ކަމަށެވެ. ކަންމިހެން ހުރުމާއެކު ފައިސާ ޚަރަދުވީ ކިހިނެއްކަމާމެދު ސުވާލު އުފެދިގެންދިޔައެވެ.

މިނިސްޓްރީ އޮފް ޑިސްޕްލޭސްމަންޓް އުފެދުނީއްސުރެ އެތަނާމެދު ދިޔައީ ތަފާތު ތުހުމަތުތައް ކުރެވެމުންނެވެ. އެގޮތުން 1999 ވަނަ އަހަރު މިނިސްޓްރީ އިން ވަކިވެފައިވާ މުވައްޒަފުންގެ ނަމުގައި މުސާރަ ނަގައި ކާރަކާއި އެހެނިހެން ވަޞީލަތްތައް ގަތުމުގެ ތުހުމަތުތައް އެތަނުގެ ޑިރެކްޓަރ ޖެނެރަލްގެ މައްޗަށް ކުރެވި ތަޙުޤީޤު ހިންގިފައިވެއެވެ. މީގެ އިތުރުން ސިޔާސީ ބޭފުޅުން ވޯޓުލުމުގެ ކުރީން އިންތިޚާބުތަކުގައި ވޯޓު ގަތުމަށް ގެދޮރުވެރިކުރުމުގެ ފަންޑު ބޭނުންކުރަމުންދާކަން ރިޕޯޓުކުރެވިފައިވެއެވެ. އަދި ހަމައެހެންމެ ބައެއް ޢާއްމުންގެ ފަރާތްތަކުން ދޮގު މަޢުލޫމާތު ދީގެން މަކަރާ ހީލަތުން ފައިސާ ހޯދަމުން ދިޔައެވެ. މިކަމުގެ ހިތި ނަތީޖާ ތަޖުރިބާ ކުރަންޖެހެނީ ޙާލުގައިޖެހި ގެދޮރު ވީރާނާވެފައި ތިބި ނިކަމެތީންނަށެވެ.

ޒިޔާދު އެންމެ ފަހުން ހަދާނެ ގޮތް ހުސްވެގެން ޝަކުވާ ހުށަހެޅީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަންލްގެ ލުބްނާނުގެ ގޮފީގެ ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. މި ޝަކުވާއަކީ އެ މިނިސްޓްރީއާ ގުޅިގެން ހުށަހެޅުނު ފުރަތަމަ ޝަކުވާއެއް ނޫނެވެ. ޝަކުވާ ހުށަހަޅާ ފަރާތްތައް ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ލުބްނާނުގެ ގޮފީން މުއައްސަސާތަކާ ގުޅައި ޖަވާބު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ.

“އަހަރުމެންނަށް ފަންޑުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ބައެއް އަވަށްތަކަށް ފައިސާ ލިބުނު އިރު އެހެން އަވަށްތަކަށް ނުލިބޭ ސަބަބެއް މުޅީން އޮޅުން ފިލާނެކަމެއް ކަށަވަރެއް ނުކުރެވޭނެ “މަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ރޭޗަލް ބުންޏެވެ.” އަހަރުމެން މިހާރު މިމަސައްކަތް ކުރަނީ މީހުން ތިބީ އެކަނިމާއެކަނި ނޫންކަން ބުނެދިނުމަށް! އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާތަން ފެނުމުން ޢާއްމުގޮތެއްގައި މުއައްސަސާތަކުން ފިޔަވަޅު އަޅާން ފަށާ”

ރޭޗަލް އިތުރަށް ބުނިގޮތުގައި “އަހަރުމެން މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމާއެކީ ދެތިން ގަޑިއިރުތެރޭ މިނިސްޓަރ ސީދާ މަރުކަޒުގެ ހޮޓްލައިނަށް ގުޅައި މަރުކަޒުގެ ޤާނޫނީ ލަފާދޭ އެޑްވައިޒަރާ ވާހަކަދެއްކި”

ޓްރާންސްޕޭރަންސީ އިންޓަރނޭޝަންލްގެ ލުބްނާނުގެ ގޮފީން ޒިޔާދަށް އޭނާޔަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އޭނާގެ އެޕްލިކޭޝަން ކުރިޔަށް ގެންދާނެ ގޮތާއި މެދު މަޝްވަރާކުރިއެވެ. އަދި ފަހުން، ދެހަފްތާއެއްހާ ދުވަސްތެރޭގައި އަވަށުގެ ރައްޔިތުންނާއި މިނިސްޓްރީއާ ދެމެދު ފައިސާ ހޭދަކުރާނެ ގޮތާއި މެދު އެއްބަސްވުމަކަށް އާދެވުނެވެ. 30 އަހަރުވަންދެން ޒިޔާދާއި އޭނާގެ އަވަށްޓެރީން ކެނޑިނޭޅި ކުރަމުން އައި މަސައްކަތް ކާމިޔާބު ވެގެން ދިޔައެވެ. މި އުފާވެރިކަން ފާހަގަ ކުރުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ޤައުމީ މީޑިއާގެ ސަމާލުކަން ލިބުނެވެ.

އެދުވަހުން ފެށިގެން ބަރީހުގެ ރައްޔިތުންނަށް އެމީހުންނަށް ޙައްޤުވާ ފައިސާ ލިބެމުން ދިޔައެވެ. އަދި އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށައި ކުރިޔަށްދެއެވެ. މިހާރު ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ލުބްނާނުގެ ގޮފީގެ މަޤްޞަދަކަށް ވެފައިވަނީ އެމީހުންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބޭތޯ ބަލައި އެހެން މީހުންނަށްވެސް މިފަދައިން ޢަމަލުކުރުމަށް ހިތްވަރު ދިނުމެވެ.

…………………………………………………………………………………………………………………………………………..

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ފައިންޑިންގ ދަ ވޭ ހޯމް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.

މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/finding_the_way_home



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×