ހދ.ހަނިމާދޫ ކޯޓުގެ ދަތުރުތައް ކުރުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާޢިޒު ފައިދާ ހޯދާފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

29 Dec 2011

ހދ.ހަނިމާދޫ މެޖިސްޓްރޭޓް މުޙައްމަދު ޙަނީފް، އޭނާ ވަޒީފާއަދާކުރަމުންދާ ހަނިމާދޫ ކޯޓްގެ ދަތުރުތައް ކުރުމުގައި އޭނާގެ އަމިއްލަ ލޯންޗް (އަފްލާޙް 7) އަށް އިސްކަންދީގެން ދަތުރުތައް ކުރުމަށްފަހު، އެރަށުގައި ލޯންޗްދުއްވާ އެހެންފަރާތްތަކުގެ ނަމުގައި ބިލްހުށަހަޅައިގެން ފައިސާ ނަގަމުންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކުރި އިރު، އަފްލާޙް 7 ލޯންޗަކީ، މުޙައްމަދު ޙަނީފާ ގުޅުންހުރި ލޯންޗެއްކަމަށް ބެލެވެއެވެ. އެހެންކަމުން، އަފްލާޙް 7 ލޯންޗްގައި ހަނިމާދޫ މެޖިސްޓްރޭޓް ކޯޓްގެ ދަތުރުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 6 ގެ 6.08 އާ ޚިލާފަށްކަމާއި، މިކަމަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) އާއި 14 ވަނަމާއްދާގެ (ށ) ގައިބުނާގޮތަށް މުޙައްމަދު ޙަނީފު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށް ކޮށްފައިވާ ކަމެއްކަމަށް މި ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް، ހުޅުމާލޭ މުރަކަ 7، މުޙައްމަދު ޙަނީފް ޢަބްދުލްކަރީމްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) އާއި 14 ވަނަމާއްދާގެ (ށ) ގެދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާހޯދުމުގެ ކުށުގެ ދަޢުވާ ކުރުމަށާއި، އަދި މުޙައްމަދު ޙަނީފު ލޯންޗާ ޙަވާލުވިފަހުން އެލޯންޗްގައި ކޮށްފައިވާ ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓްގެ 9 ދަތުރުގެ ފައިސާއަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2000/2) ގެ 14 ވަނަމާއްދާގެ (ށ) ގައިބުނާގޮތަށް ނާޖާއިޒުގޮތުގައި ހޯދައިފައިވާ ފައިސާކަމަށްވާތީ، އެމާއްދާގެ (ރ) ގައިވާގޮތުގެމަތީން އެފައިސާ (10,000/-ރ. ދިހަހާސްރުފިޔާ) މުޙައްމަދު ޙަނީފުގެ އަތުން ހޯދުމުގެ މައްސަލަވެސް ޝަރީޢަތަށް ހުށަހަޅުއްވައި ދެއްވުމަށް އެދި 26 ޑިސެމްބަރ 2011 ގައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×