ތެލުގެ މަސައްކަތްކުރުމަށް ތ.ވޭމަންޑޫއިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ބިމެއްގެ މުއްދަތު ހަމަވާން 2 އަހަރެއްހައިދުވަސް އޮއްވާ 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ބިމުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅުނު މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ބެލިއިރު، ތ.ވޭމަންޑޫ 4 ފަރާތަކަށް އެރަށު ހުޅަނގު އުތުރު ކޮޅުން ކުއްޔަށްދީފައިވާ ބިންތަކުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް އެފަރާތްތަކުން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ތެރޭގައި ތ.އަތޮޅު އޮފީހުގައި އެދުމާ ގުޅިގެން، ބިން ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރުމަށް އެދި ބިން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން ތ.ވޭމަންޑޫ އޮފީހަށް ގަވާއިދުން ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ތ.އަތޮޅު އޮފީހުން އެފަރާތްތަކަށް އަންގާފައިވާ ކަމާއި، ބިމުގެ މުއްދަތު އިތުރު ކުރުމާމެދު ތ.ވޭމަންޑޫ އޮފީހުގެ ލަފައަކަށް ތ.އަތޮޅު އޮފީހުން އެދުމުން އެފަރާތުން ތ.އަތޮޅު އޮފީހަށް ލަފާދީފައިވަނީ ރަށު ކައުންސިލްތައް އުފެދުމުން މެނުވީ ބިމާބެހޭ މިފަދަ ބޮޑެތި މައްސަލަތައް ނިންމާލުމަކީ އެންމެ ހަމަޖެހޭ ކަމަކަށްނުވާތީ އަދި ބިމުގެ މުއްދަތު އިތުރުކޮށްދިނުން އެއީ އެވަގުތަށް އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ނުފެންނާތީ، ރަށު ކައުންސިލްތައް ހިނގައިގަތުމުން މިކަމަށް ގޮތެއް ނިންމުމަށް ލަސްކޮށްލުމަށް ފެންނަކަމަށާއި، ތ.ވޭމަންޑޫ އޮފީހުގެ މި ލަފަޔާ ގުޅިގެން ވޭމަންޑޫ އިން ބިން ކުއްޔަށް ހިފައިގެން އުޅޭ 4 ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ މުއްދަތު އިތުރުކުރުމަށް ވޭމަންޑޫ އޮފީހަށް އެފަރާތްތަކުން ހުށަހަޅައިފިނަމަ، ވޭމަންޑޫ އޮފީހުން ތ.އަތޮޅު އޮފީހަށް ދީފައިވާ ލަފާގައިވާ ގޮތަށް އެފަރާތްތަކަށް ޖަވާބުދީ މިމައްސަލަ ނިމުނީ ކަމުގައި ބަލަން އަންގާފައިވަނިކޮށް، 26 ޑިސެމްބަރ 2010 ގައި ތ.އަތޮޅު އޮފީސް ހިންގެވުމާ ތ.އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ މަގާމުގައި ހުރި ތ.ވޭމަންޑޫ އެޒޭލިޔާ އަޙްމަދު ނާޞިރު ހަވާލުވި ފަހުން 29 ޑިސެމްބަރ 2010 ގައި ރަށުގެ ހުޅަނގު އުތުރު ކޮޅުން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް އެފަރާތުން ތ.އަތޮޅު އޮފީހަށް ސިޓީއެއް ފޮނުވާފައިވާކަމާއި، މި ސިޓީއާގުޅޭ ގޮތުން މެދުދެކުނު ޕްރޮވިންސް އޮފީހުގެ ލަފާގެ މަތިން އެފަރާތަށް ކުއްޔަށް ދީފައިވާ ބިމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ މި ކަމުގައި ވަކިގޮތަކަށް ޢަމަލު ކުރުމަށް ތ.އަތޮޅު އޮފީހުން ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފަށްކަމާއި، އަދި ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމަށް އިތުރު 2 އަހަރެއްހައި ދުވަސް އޮއްވައި ކަމާއި، ބިމުގެ މުއްދަތު އިތުރުކުރި އިރު ކުރިން ބިން ކުއްޔަށް ދޫކޮށްފައިވާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމާއި، އަދި ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް މެދު ދެކުނު ޕްރޮވިންސް އޮފީހުގެ ސީނިއަރ މުވައްޒަފުންގެ ބައްދަލުވުމެއްގައި ނިންމާފައިވާ ގޮތާ ޚިލާފަށް، ކުއްޔަށް ދީފައިވާ ބިމުގައި ކޮށްފައިވާ މަސައްކަތް ގޮސްފައިވާ މިންވަރެއްބަލައި އެމަސައްކަތަށް ރިޢާޔަށްކޮށް، އެފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓާއި މަސައްކަތުގެ ބާވަތަށްބަލައިގެން ނޫންކަން އެނގޭތީއާއި، ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)، އަށް ޢަމަލުކުރަން ފެށުމުން، ރަށްރަށުން ބިންކުއްޔަށް ދޫކޮށް އެކަށައެޅުމުގެ ބާރު އެޤާނޫނުން ރަށު ކައުންސިލްތަކަށް ދީފައިވަނިކޮށް ކަން އެނގޭތީއާއި، ވިޔަފާރި ކުރުމަށް ތ.ވޭމަންޑޫ ހުޅަނގު އުތުރުކޮޅުން ކުއްޔަށް ދީފައިވާ ބިމުގެ މުއްދަތު އިތުރު 05 އަހަރާއި 01 މަހާއި 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް ތ.އަތޮޅު އޮފީހުން 02 ފެބްރުއަރީ 2011 ވަނަ ދުވަހު އެގްރިމެންޓް ކޮށްފައިވާ ގޮތަށް ބަލާއިރު، މިއީ އެދުވަސްވަރު ތ.އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ މަގާމުގައި ހުރި ތ.ވޭމަންޑޫ އެޒޭލިޔާ އަޙްމަދު ނާޞިރާއި އެދުވަސްވަރު މިނިސްޓަރ އޮފް ސްޓޭޓް މެދުދެކުނު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުރި މާލޭ ދަފްތަރު.ނަމްބަރ3851 އަޙްމަދު ނަޝީދު މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް ހިންގާފައިވާ ޢަމަލެއްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.
އެހެންކަމުން، މިކަމަކީ ކޮޅުމަޑުލު އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ މަގާމުގައި ކުރިން ހުރި ތ.ވޭމަންޑޫ އެޒޭލިޔާ އަޙްމަދު ނާޞިރާއި، މިނިސްޓަރ އޮފް ސްޓޭޓް މެދުދެކުނު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ކުރިން ހުރި މާލޭ ދަފްތަރު.ނަމްބަރ 3851 އަޙްމަދު ނަޝީދު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމުގެ ގޮތުން ކޮށްފައިވާކަމެއްކަމަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ތ.ވޭމަންޑޫ އެޒޭލިޔާ އަޙްމަދު ނާޞިރާއި، މާލޭ ދަފްތަރު.ނަމްބަރ 3851 އަޙްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި 04 މާރޗް 2012 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.