ފާދިއްޕޮޅު ނައިފަރުން ގޯތި ދިނުމާގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަ

07 May 2012

ޅ.ނައިފަރުން ގޯތި ދޫކުރުމަށް ނެގި ލިސްޓުގައި ޝަރުޠު ފުރިހަމަވާ ފަރާތެއްކަމަށް، ޅ.ނައިފަރު/ ދުނބުރިގޭ، ޙުސައިން ރަޝީދު ހިމެނިފައިވީނަމަވެސް، ގޯތި ދޫކުރުމާބެހޭ ކޮމިޓީން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާ ގުޅިގެން އެކަންތައްތައް ބެލުމަށްފަހު، އޭނައަށް މާރކްސް އުނިކުރުމުގެ ސަބަބުން ގޯތި ލިބޭ މީހުންގެ ލިސްޓުން އޭނާގެ ނަން ކެންސަލްވެފައިވާ ކަމަށާއި، ގޯތި ދިނުމުގައި އެކިރައްޔިތުންގެ މެދުގައި ތަފާތު ބޮޑުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ތިރީގައިވާ ގޮތަށް މިމައްސަލަ ވަނީ ނިންމާފައެވެ.
1. ޅ.ނައިފަރުން މިފަހަރު ގޯތި ދޫކުރުމަށް ނޮމިނޭޓްވެފައިވާ ލިސްޓުގައި ހިމެނިފައިވާ ބައެއް ފަރާތްތަކުގެ ފޯމްތައް ގޯތި ކޮމިޓީން އިތުރަށް ބަލައި މާރކްސް ދަށްކުރުމުގެ ސަބަބުން ގޯތި ލިބެން ހޮވިފައިވާ ބައެއް ފަރާތްތައް އެލިސްޓުން އުނިވާކަމަށް ބުނާ މައްސަލަ.

• ނައިފަރުން ގޯތި ހޯދުމަށް އެދި ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ 1151 ފަރާތައް މާރކްސްދީ ނިމުމަށްފަހު، ތަކުރާރުކޮށް ޗެކްކޮށްފައިވާކަމާއި، މިގޮތުން ބެލިބެލުމުގައި މާރކުހެއް އިތުރުކުރަން ޖެހޭކަމަށް ނުވަތަ މާރކުހެއް އުނިކުރަން ޖެހޭކަމަށް ގޯތި ކޮމެޓީއަށް ފާހަގަކުރެވިފައިވާ ފޯމުތައް، ކަނޑައެޅިފައިވާ ޕޮއިންޓްދިނުމުގެ އުޞޫލާއެއްގޮތްވާ ގޮތުގެ މަތިން އެފޯމެއްގައިވާ މާރކުހަކަށް އުނިއިތުރު ގެނެސްފައިވާކަމާއި، އެއިން އެއްވެސް ފޯމެއް ޗެކްކުރުމުގައި މާރކުހަށް ގެނެސްފައިވާ އެއްވެސް އުނިއިތުރެއް ގެނައުމުގައި ކަނޑައެޅިފައިވާ ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށް އުނިއިތުރު ގެނެސްފައިވާކަން އެނގެން ނެތުމާއި، އަދި އެއްވެސް ފަރާތަކަށް ލިބެންވާ މާރކުހެއް ކަނޑައެޅިފައިވާ ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށް އުނިކޮށްފައިވާކަން އެނގެން ނެތުމާއި،

• ޅ.ނައިފަރުން މިފަހަރު ގޯތި ދޫކުރުމަށް ނޮމިނޭޓްވެފައިވާ ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތެއްގެ ފޯމެއް، ގޯތި ކޮމިޓީން އިތުރަށް ބަލައި ޗެކްކުރުމުގެ ތެރޭގައި، ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް މާރކްސް ދަށްކޮށްފައިވާކަން އެނގެން ނެތުމާއި، ގޯތި ލިބެން ހޮވިފައިވާ އެއްވެސް ފަރާތެއް އެލިސްޓުން އުނިވެފައިވަނީ ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މާރކްސްދިނުމުގެ ސަބަބުންކަން އެނގެން ނެތުމުން، ނައިފަރުން ގޯތި ދޫކުރުމަށް 01 ޖޫން 2011 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ދަލީލު ކުރާ އެއްވެސް ހެއްކެއް ނެތުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަން ގެ ކުށެއް ހިމެނިފައި ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

2. ޅ.ނައިފަރުން ގޯތި ލިބޭ މީހުންގެ ނަންތައް އިޢްލާންކުރިއިރު، ގޯއްޗަށްއެދި ކުރިމަތިލާފައިވާ ބައެއް ގެތަކުގެ އެއްވެސް މީހަކަށް ގޯތި ލިބިފައި ނުވާކަމަށާއި، ނަމަވެސް ގެދޮރުގެ ގޮތުން މާތަނަވަސްކޮށް ދިރިއުޅޭ އެތައް ބަޔަކަށް ގޯތި ލިބިފައިވާކަމަށާއި، ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތައް ފަރުމާކޮށްފައިވަނީ ޅ.ނައިފަރު ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުޞޫލަކުން ގޯތި ލިބޭނޭފަދަ ގޮތަކަށް ނޫންކަމަށާއި، މިގޮތުން އެއް ގެއަކުން 6 މީހުންނަށް ގޯތި ލިބޭއިރު ހަމަ އެގޭގެ ގޭބިސީއާ ދާދި އެއްޙާލަތެއްގައި ދިރިއުޅޭ އެހެން ފަރާތްތަކަށް ގޯތި ލިބިފައި ނުވާކަމަށް ބުނާ މައްސަލަ.

• ޅ.ނައިފަރުން ގޯއްޗަށްއެދި ކުރިމަތިލާފައިވާ ބައެއް ގެތަކުގެ އެއްވެސް މީހަކަށް ގޯތި ލިބިފައި ނުވާކަމާއި، އެއިން އެއްވެސް ގެއަކަށް ގޯތި ލިބުމަށް ނޮމިނޭޓްވެފައި ނުވަނީ ކަނޑައަޅާފައި އޮތް ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށް މާރކްސްދިނުމުގެ ސަބަބުންކަން އެނގެން ނެތުމާއި، ނައިފަރުގެ ބައެއް ގޭގައި ދިރިއުޅޭ މީހުންނަށްވުރެ، ގެދޮރުގެ ގޮތުން މާތަނަވަސްކޮށް ދިރިއުޅޭ އެތައް ބަޔަކަށް ގޯތި ލިބުމަށް ޝޯޓްލިސްޓްވެފައިވަނީ ކަނޑައަޅާފައި އޮތް ޕޮއިންޓް ތާވަލާ ޚިލާފަށް މާރކްސްދިނުމުގެ ސަބަބުންކަން އެނގެން ނެތުމާއި، ނައިފަރުން ގޯތި ދިނުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެއް އެޑްރެހަކުން 6 ފަރާތަކަށް ގޯތި ލިބުމަށް ނޮމިނޭޓް ވެފައިނުވާތީއާއި، ޅ.ނައިފަރުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ އުޞޫލީ މިންގަނޑަކީ ގޯތި ދިނުމަށްޓަކައި ވަކިހަމައަކުން މީހުން ވަޒަންކުރުމަށްޓަކައި ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ކަނޑައަޅާފައި އޮތް މިންގަނޑަކަށްވާތީ، އެ މިންގަނޑަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ މިންގަނޑެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތުމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަން ގެ ކުށެއް ހިމެނިފައި ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

3. ޅ.ނައިފަރުގައި ބޯހިޔާވަހިކަމެއް ނެތި ވަރަށް ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ ގިނައަދަދެއްގެ މީހުންތިބިއިރު، ޅ.ނައިފަރުން ގޯތި ދިނުމަށް އެކުލަވާލެވިފައިވާ ލިސްޓްގައި އެފަދަ ދަތިހާލުގައި ދިރިއުޅޭ މީހުންގެ ނަންތައް ހިމެނިފައިނުވާކަމަށް ބުނާ މައްސަލަ.

• މި ޝަކުވާގައި ބުނާ ޅ.ނައިފަރު/ފިޔާތޮށިގެ އިބްރާހީމް ޙަސަން، ޅ.ނައިފަރުން ގޯއްޗަށް އެދި ޅ.ނައިފަރު ކައުންސިލް އިދާރާއަށް ހުށަހަޅާފައިވާ “ފާދިއްޕޮޅު ނައިފަރުން ބަންޑާރަގޯއްޗަށް އެދޭ ފޯމް 2011” އާއި، އެފޯމަށް މާރކްސްދީފައިވާ “ނައިފަރުން ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓްދޭ ތާވަލު” ގައިވާ ގޮތަށް ބަލާއިރު، އިބްރާހީމް ޙަސަނަށް “ލިބޭ ޕޮއިންޓް” ގެ ބައިން ޖުމްލަ 117 ޕޮއިންޓް ލިބިފައިވާއިރު، “ކެނޑޭ ޕޮއިންޓް” ގެ ބައިން 30 ޕޮއިންޓް ކެނޑިފައިވާތީ، އިބްރާހީމް ޙަސަނަށް ޖުމްލަ ލިބިފައިވަނީ 87 ޕޮއިންޓްކަމާއި،

• އިބްރާހީމް ޙަސަނަށް ލިބޭ ޕޮއިންޓްގެ ބައިން 117 ޕޮއިންޓް ލިބިފައިވީނަމަވެސް، އިބްރާހީމް ޙަސަން ރަށުން ބޭރުގައި 19 އަހަރު ދިރިއުޅެފައިވާތީ، “ނައިފަރުން ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓްދޭ ތާވަލު”ގެ 11 ވަނަ ނަމްބަރު (ނައިފަރު ރަށްވެހިންގެ ތެރެއިން ރަށުން ބޭރަށް ދިރިއުޅުން ބަދަލު ކުރިފަހުން)ގެ 15 އަހަރުފުރި 20 އަހަރު ނުފުރޭބައިން 30 ޕޮއިންޓް އުނިވެފައިވާކަމާއި، މިފޯމަށް މާރކްސް ދިނުމުގައި ރަށުން ބޭރުގައި ހޭދަކޮށްފައިވާ މުއްދަތު ކަށަވަރު ކުރެވިފައި ނުވާތީ އެބަޔަށް ކަނޑާފައިވާ މާރކްސް އިތުރަށް ބަލައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ނައިފަރު ކައުންސިލުން ނިންމާފައިވާކަމާއި، ރަށުން ބޭރުގައި ހޭދަކޮށްފައިވާ މުއްދަތު ކަށަވަރު ކުރުމުގައި އިބްރާހީމް ހަސަން ގެ ބަހެއް ހޯދާނެ ކަމަށާއި، ކައިވެނި ސެޓްފިކެޓަށް ބަލައިގެން މާރކްސް ދިން ކަމުގައި ވީނަމަވެސް، އެފަރާތުން ރަށުގައި ދިރިއުޅެފައިވާ ކަމުގައިވާނަމަ އެކަން ސާބިތުކޮށްދިނުމަށް އެފަރާތަށް ފުރުޞަތު ދީފައިވާނެކަމަށް ނައިފަރު ކައުންސިލުން މަޢުލޫމާތު ދީފައިވާކަމާއި،

• ޅ.ނައިފަރުން ގޯތި ލިބުމަށް ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށުން ސްކޯރކުރި ފަރާތަށް ލިބިފައިވަނީ 90 ޕޮއިންޓްކަމަށްވާތީއާއި، އިބްރާހީމް ޙަސަނަށް ޕޮއިންޓް ލިބިފައިވަނީ އެއަށްވުރެ ދަށުން ކަމަށްވާތީ، ގޯތި ލިބުމަށް އިބްރާހީމް ޙަސަން ނޮމިނޭޓްވެފައި ނުވާކަމާއި، ނަމަވެސް މިފޯމަށް މާރކްސް ދީފައިވާގޮތް އިތުރަށް ޗެކްކުރުމަށް ގޯތި ކޮމިޓީން ނިންމާފައިވާތީ، މިފޯމަށް ލިބިފައިވާ މާރކުހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމާއި،

• މިމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި އެފަދަ ފަރާތްތަކަށް ޤާނޫނީ ގޮތުން ލިބިދޭ ޙައްޤެއް ނިގުޅައިގަތުންކަމަށް ބެލެވެން ނެތްކަމާއި، ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މާރކްސްދީފައިވާކަން އެނގެން ނެތުމުން، ނައިފަރުން ގޯތި ދޫކުރުމަށް 01 ޖޫން 2011 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ދަލީލު ކުރާ އެއްވެސް ހެއްކެއް ނެތުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަން ގެ ކުށެއް ހިމެނިފައި ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

4. ޅ.ނައިފަރުގެ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ލިބިފައި ނުވާ އެތައް އާޢިލާއެއް ދިރިއުޅޭ ކަމަށާއި، ނަމަވެސް ގޯތި ލިބޭ ފަރާތްތަކުގެ ނަންތައް ޢާންމު ކުރިއިރު، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ގިނަ ފަރާތްތަކެއް އެލިސްޓުގައި ނުހިމެނޭ ކަމަށް ބުނާ މައްސަލަ.

• ގިނަ އަދަދަކަށް ގޯތި ލިބޭނެކަމަށް ޝޯޓްލިސްޓްކޮށްފައިވާ އެޑްރެސްތަކުގައިވާ ފޯމްތައް ތަހުޤީޤުން ބަލާ ދިރާސާކުރިއިރު، ކަނޑައަޅާފައި އޮތް ޕޮއިންޓް ތާވަލާ ޚިލާފަށް އެއިން އެއްވެސް ފޯމަކަށް މާރކްސްދިންކަން އެނގެން ނެތުމާއި، ބޯހިޔާވަހި ކަމަށް އެންމެ އެކަށީގެންވާ އެއްވެސް ފަރާތެއްގެ ފޯމަކަށް ކަނޑައަޅާފައިވާ ޕޮއިންޓް ތާވަލާ ޚިލާފަށް މާރކްސްދީފައިވާކަން އެނގެން ނެތުމާއި، މިކަމުގައި ޅ.ނައިފަރު ކައުންސިލްގެ އިހުމާލުވުމެއް އޮތްކަމެއް އަދި ކޮރަޕްޝަނަށް މަގުފައިވާގޮތަށް އެއްވެސް ޢަމަލެއް ކޮށްފައިވާކަމެއް އެނގެން ނެތުމުން، ބޯހިޔާވަހިކަމުން އެއްވެސް މިންވަރެއް ލިބިފައިނެތް ފަރާތްތަކަށް ލިބިދެވެންޖެހޭ ޙައްޤެއް ގޯތި ކޮމިޓީން ނުވަތަ ނައިފަރު ކައުންސިލުން ގަސްތުގައި ނިގުޅައިގަނެފައިވާކަމަށް ބަލާނެ ޖާގައެއް ނެތުމުން، ނައިފަރުން ގޯތި ދޫކުރުމަށް 01 ޖޫން 2011 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ދަލީލު ކުރާ އެއްވެސް ހެއްކެއް ނެތުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަން ގެ ކުށެއް ހިމެނިފައި ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

މީގެ އިތުރުން މިމައްސަލައިގެ ތަހްޤީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ތިރީގައިވާ ކަންތައްތައް އިޞްލާޙުކުރުމަށް 03 މެއި 2012ވަނަ ދުވަހު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށްވަނީ އަންގާފައެވެ.

1. ޅ.ނައިފަރު ކައުންސިލްގެ ނަމްބަރ 2011/12 އާއްމު ޖަލްސާގައި (18 މެއި 2011 ގެ) ކައުންސިލްގެ 7 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ ނަމްބަރ 06/2011 ޤަރާރު (ޅ.ނައިފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް)ގެ ދަށުން ފާސްކޮށްފައިވާ “ނައިފަރުން ގޯތި ދޫކުރުމުގެ މަސައްކަތާ ބެހޭ ކޮމެޓީ” ގެ މަސައްކަތް 14 ޖޫން 2011 އިން 14 މާރޗް 2012 އަށް 78 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަން “ނައިފަރުން ގޯތި ދިނުމާ ބެހޭ މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ކޮމެޓީގެ ޙާޟިރީ ރިޕޯޓް” އިން އެނގެން އޮތްނަމަވެސް، އެއިން އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ، ބަލަހައްޓާފައިވާކަން އެނގެން ނެތުމުން އެކޮމެޓީން ބައެއް ކަންތައްތަކުގައި ޢަމަލުކޮށްފައިވާގޮތް އެހާ ސާފުކޮށް ފެންނަން ނެތްކަން ފާހަގަކުރެވިފައިވާތީ، މީގެ ފަހުން، މިބާވަތުގެ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުމެއް ބާއްވާނަމަ، އެބައްދަލުވުމެއް ބޭއްވި ތަނާއި، ތާރީޚާއި، ވަގުތާއި، އެބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންނާއި، ބައްދަލުވުން ހިނގާދިޔަ ގޮތް ލިޔެ ޔައުމިއްޔާކޮށް، އެޔައުމިއްޔާއެއްގައި އެބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ސޮއިކުރުން.

2. ފާދިއްޕޮޅު ނައިފަރުން ގޯތި ދޫކުރުމަށްޓަކައި “2011 ވަނަ އަހަރު ނައިފަރުން ގޯއްޗަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުމާއި ބެހޭ ގޮތުން” ޅ.ނައިފަރު ކައުންސިލްގެ އިދާރާގެ ނަމްބަރ 327-C/2012/44 (18 މާރޗް 2012) އިޢުލާނުގައި 299 ފަރާތެއް ޝޯޓްލިސްޓްވެފައިވާކަން ޢާއްމުކޮށް އަންގައި އިޢުލާންކޮށްފައިވީއިރު، މިލިސްޓްގައި ހިމެނޭ ފަރާތެއް ނިޔާވެފައިވާތީ، އެފަރާތުގެ ނަން މިލިސްޓުން އުނިކޮށް މިލިސްޓްގައި ހިމަނާފައިވަނީ 299 ފަރާތް ކަމަށާއި، އުނިކުރި ފަރާތުގެ ބަދަލުގައި އިތުރުފަރާތެއް ނެގުމާއިމެދު ނައިފަރު ކައުންސިލުން ވިސްނަމުންދާކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާތީ، ނޮމިނޭޓް ވެފައިވާ ލިސްޓަށް އަންނަ ބަދަލަކާ ގުޅިގެން އަލުން ފަރާތެއް އައްޔަންކުރާ ނަމަ، ފޯމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލައި މާރކްސް ތަރުތީބުން އެންމެ މަތިން މާރކްސް ލިބުނު ފަރާތްތައް ހޮވުމާއި، މިގޮތަށް މާރކްސް ތަރުތީބުން ޝޯޓްލިސްޓްކުރަމުންދާއިރު، އެއް ވަރަކަށް ޕޮއިންޓް ލިބިފައިވާނަމަ ގުރުއަތުލައިގެން ޝޯޓްލިސްޓްކުރާނެ ފަރާތެއް ހޮވުން.

3. ނައިފަރުން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ހުރިހާ ފަރާތަކާމެދުވެސް އެއްއުސޫލަކުން ޢަމަލުކުރުމަށްޓަކައި، ގޯތި ދޫކުރުމުގެ ޕްރޮސީޖަރ ހަމަޖެހިފައިވާ ގޮތަށް އެއްފަރާތެއްގެ ނަން ލިސްޓްކުރެވުމުން އެފަރާތަކާ ގުޅުންހުރި އެހެން ފަރާތްތަކުގެ މާރކުހަށް ބަދަލު ގެނެވިފައި ހުންނާނެކަމަށާއި، މީގެ ކުރިން އިޢުލާންކޮށްފައިވާ މާރކްސް ލިސްޓް އިޢުލާންކުރުމުގެ ފަހުންވެސް އެކި ފަރާތްތަކާ ބެހޭ ޞައްޙަ މަޢުލޫމާތު ލިބި އެމައުލޫމާތުގެ މައްޗަށް ބިނާކޮށް މާރކްސް އުނިކުރަންޖެހޭ ފަރާތްތަކުގެ މާރކްސް އުނިކޮށްފައިވާނެކަމަށް ޅ.ނައިފަރު ކައުންސިލްގެ އިދާރާގެ ނަމްބަރ 327-C/2012/44 (18 މާރޗް 2012) އިޢުލާނުގައި ބަޔާންކޮށްފައިވާތީ، މީގެފަހުންވެސް މިއުޞޫލުން ޢަމަލުކުރަމުން ގެންދިޔުން.

4. ޅ.ނައިފަރުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތަކަށް މާރކްސްދިނުމަށްޓަކައި ކަނޑައަޅާފައިވާ ޕޮއިންޓް ތާވަލަށް މާރކްސްދިނުމުގައި، އެފޯމުގެ ވަކިވަކި ބައިތަކަށް މާރކްސްދިނުމުގައި ޢަމަލުކޮށްފައިވާގޮތް ލިޔެކިޔުމުން ސާފުކޮށް އެނގެން ނެތުމުން، އެފޯމްތަކަށް މާރކްސް ދިނުމުގައި ބަލާފައިވާ މިންގަނޑު ޢާއްމުންނަށް އޮޅުން އަރާފައިވާކަން ފާހަގަކުރެވިފައިވާތީ، މީގެފަހުން، މިބާވަތުގެ މަސައްކަތްތަކުގައި ޕޮއިންޓް ދިނުމަށްޓަކައި ވަކި މިންގަނޑެއް ކަނޑައަޅާފައިވާނަމަ، އެމިންގަނޑަށް މާރކްސްދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް ލިޔެކިޔުމުން އެނގޭނޭހެން ރިކޯރޑްކޮށް ބެލެހެއްޓުން.

5. ނައިފަރުން ގޯއްޗަށް އެދިފައިވާ މީހުންނަށް މާރކްސްދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ތާވަލުގެ ތެރެއިން ތިރީގައިވާ 5 ބަޔަށް މާރކްސްދިނުމުގައި ޢަމަލުކޮށްފައިވާގޮތް ލިޔެކިޔުމުން ސާފުކޮށް އެނގެން ނެތުމުން، މީގެފަހުން މިބާވަތުގެ މަސައްކަތެއްކުރާއިރު، ޕޮއިންޓްދިނުމަށް ވަކި މިންގަނޑެއް ކަނޑައަޅާނަމަ، ތިރީގައިވާ ކަންތައްތަކަށް ރިޢާޔަތްކުރުން.

• ނައިފަރުގެ ރަށްވެއްސަކަށްވީފަހުން ހޭދަވި މުއްދަތު: މިބަޔަށް މާރކްސް ދިނުމުގައި ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަ އިންސާފުވެރިގޮތަކަށް މާރކްސް ދިނުމުގެ ގޮތުން ޕޮއިންޓްދޭ އުސޫލު ކަނޑައެޅުމުގައި ނައިފަރު ރަށްވެއްސެއްގެ ގޮތުގައި ހޭދަކޮށްފައިވާ ކޮންމެ އަހަރަކަށް މާރކުހެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާނަމަ އެފަރަގު ކުޑަވެގެންދާނެކަމަށް ޤަބޫލުކުރެވޭތީ، މީގެފަހުން މިބާވަތުގެ މަސައްކަތެއްކުރާއިރު، ޕޮއިންޓްދިނުމަށް ވަކި މިންގަނޑެއް ކަނޑައަޅާނަމަ، މިކަންތައްތަކަށް ރިޢާޔަތްކުރުން.

• ޢުމުރު: މިބަޔަށް މާރކްސް ދިނުމުގައިވެސް ޢުމުރުގެ ކޮންމެ އަހަރަކަށް މާރކުހެއް ލިބޭ ގޮތަށް އުޞޫލު ކަނޑައަޅާފައިވާނަމަ، ގޯއްޗަށް އެދޭ ފަރާތްތަކަށް މާރކްސް ދިނުމުގައި އިންޞާފުވެރިކަމާ ހަމަހަމަކަން ދެމެހެއްޓޭނެކަމަށް ޤަބޫލުކުރެވޭތީ، މީގެފަހުން މިބާވަތުގެ މަސައްކަތެއްކުރާއިރު، ޕޮއިންޓްދިނުމަށް ވަކި މިންގަނޑެއް ކަނޑައަޅާނަމަ، މިކަންތައްތަކަށް ރިޢާޔަތްކުރުން.

• ކައިވެނި: މި ބަޔަށް މާރކްސް ދިނުމުގައިވެސް ކައިވެނިކޮށްގެން ހޭދަކޮށްފައިވާ ކޮންމެ އަހަރަކަށް މާރކުހެއް ލިބޭ ގޮތަށް އުޞޫލު ކަނޑައަޅާފައިވާނަމަ، ގޯއްޗަށް އެދޭ ފަރާތްތަކަށް މާރކްސްދިނުމުގައި އިންސާފުވެރިކަމާ ހަމަހަމަކަން ދެމެހެއްޓޭނެކަމަށް ޤަބޫލުކުރެވޭތީ، މީގެފަހުން މިބާވަތުގެ މަސައްކަތެއްކުރާއިރު، ޕޮއިންޓްދިނުމަށް ވަކި މިންގަނޑެއް ކަނޑައަޅާނަމަ، މިކަންތައްތަކަށް ރިޢާޔަތްކުރުން.

• ނައިފަރު ރަށްވެހިންގެ ތެރެއިން ރަށުން ބޭރަށް ދިރިއުޅުން ބަދަލުކުރިފަހުން ވީމުއްދަތު: މިބަޔަށް މާރކްސް ދިނުމަށް ގޯއްޗަށް އެދޭ ފަރާތުން ނައިފަރު ނޫން އެހެން ރަށެއްގެ މީހަކާ ކައިވެނިކޮށްގެން ދިރިއުޅޭނަމަ އޭނާގެ އަނބިމީހާ/ފިރިމީހާއަށް ގޯއްޗެއް ލިބިފައިވޭތޯ ކޮމިޓީއިން ބަލާފައެއް ނުވެއެވެ. ޕޮއިންޓްދޭ ތާވަލުގެ އެހެން މާއްދާތަކުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތުމުން ޕޮއިންޓް އުނިވާ ގޮތަށް އޮވެފައި، މިބައިގައި އަނބިމީހާ/ ފިރިމީހާގެ ގޯއްޗެއް ނެތްކަމުގައިވިޔަސް ޕޮއިންޓް އުނިވާ ގޮތަށް އޮތުމަކީ އެންމެ އިންޞާފުވެރި ގޮތް ކަމަށް ޤަބޫލުނުކުރެވޭތީ، މީގެފަހުން މިބާވަތުގެ މަސައްކަތެއްކުރާއިރު، ޕޮއިންޓްދިނުމަށް ވަކި މިންގަނޑެއް ކަނޑައަޅާނަމަ، މިކަންތައްތަކަށް ރިޢާޔަތްކުރުން.

• ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް މާރކްސް ދިނުމުގައި މިބަޔަށް މާރކްސް ދީފައިވާ ގޮތާއިބެހޭގޮތުން ޝަކުވާތައް ލިބިފައިވަނީ ގޯތި ކޮމިޓީއިން މިބަޔަށް މާރކްސް ދީފައިވާ ގޮތް ރައްޔިތުންނަށް ސާފުނުވާތީ ކަމަށް ތަޙުޤީޤަށް ޤަބޫލުކުރެވޭތީ، މީގެ ފަހުން މިފަދަ އުޞޫލެއް ކަނޑައަޅާ ކަމުގައިވާ ނަމަ، މިފަދަ މާއްދާތައް ރައްޔިތުންނަށް ސާފުކޮށްދިނުން.

6. ޅ.ނައިފަރުން ގޯއްޗަށް އެދި ހުށަހަޅާފައިވާ 1273 ފޯމް ބަލާ ދިރާސާކުރިއިރު، 19 ފޯމެއްގައިވާ މައުލޫމާތުތައް އިތުރަށް ބަލާ ދިރާސާކުރަންޖެހޭކަމަށް ތަހުޤީޤަށް ފާހަގަކުރެވިފައިވާތީ، ކަނޑައަޅާފައިވާ ޕޮއިންޓް ތާވަލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ފޯމެއްގެ މާރކުހަށް އުނިއިތުރެއް ގެންނަންޖެހޭނަމަ، އެއިސްލާހެއް ގެނެއުން.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×