މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު: 2012/05 ސަރކިއުލަރ ބާޠިލްކުރުމަށް އަންގައިފި

07 May 2012

ACC-logo-thumb30 އެޕްރީލް 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޢާންމުކޮށްފައިވާ އެމިނިސްޓްރީގެ ނަންބަރު: 2012/05 ސަރކިއުލަރގައި ދައުލަތުގެ ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހޯއްދަވަންޖެހޭ ވަސީލަތްތަކެއް ބަޔާންކޮށް، އެވަސީލަތްތައް މިހާތަނަށް ހޯއްދަވާފައިނުވާކަން ފާހަގަކޮށް، އެވަސީލަތްތައް ހޯދިފައިނުވަނީ ވަސީލަތްތައް ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލު ސާފު ވެފައިނުވާތީކަމަށާއި، އެހެންކަމުން އެފަދަ ވަސީލަތްތައް މިނިސްޓަރުން ބޭނުންކުރެއްވުމަށް ހޯދުމުގެ ހުއްދަ ދީފައިވެއެވެ.

2008 ވަނަ އަހަރު ތަސްދީގުކުރައްވާފައިވާ އާ ޤާނޫނު އަސާސީގައި ދައުލަތް ހިންގުމުގެ ކަންތައްތައް އިންތިޒާމުކޮށް ތަރުތީބު ކުރެވިފައިވަނީ މިނިވަން މުސްތަޤިއްލު ތިންބާރެއްގެ މައްޗަށެވެ. އެގޮތުން ދައުލަތުގެ ތިންބާރުގެ ތެރެއިން ކޮންމެ ބާރަކުންވެސް ދައުލަތް ހިންގުމުގައި ޢަމަލުކުރަންވީ ގޮތުގެ މައިގަނޑު އަސާސްތައް ވަރަށް ތަފްޞީލްކޮށް ޤާނޫނު އަސާސީގައިވަނީ ކަޅާއި ހުދުން ބަޔާންކުރައްވާފައިވެއެވެ. ޤާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާއި، ފަނޑިޔާރުންނާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މުސާރައާއި ޢިނާޔަތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ވީމާ ރައްޔިތުންގެ މަޖިލީހުން ކުރައްވަންޖެހޭ މިފަދަކަންކަން ދައުލަތުގެ އެހެންބާރުތަކުން އަމިއްލައަށް ހަމަޖެއްސުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަޖައްސެވުމަށްފަހު އެހަމަޖެއްސެވި ގޮތަކަށް ޢަމަލުކުރެއްވުމަށް 07 މެއި 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވާނީ އެންގިފައެވެ.

މީގެއިތުރުން މިކަމަކީ އޮޑިޓަރ ޖެނެރަލް މިހާތަނަށް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްތަކުގައި އެކަންކަމުގެ މައްޗަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އަދި އެކަންކަމަކީ ދައުލަތުގެ އެއްވެސް އިދާރާއަކުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނީ ނުކުރުމަށް ތަކުރާރުކޮށް އަންގަވާފައިވާ ކަންތައް ތަކެއްކަންވެސް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔަތް ކަނޑައަޅުއްވަންޖެހޭ ފަރާތްތަކަށް ފޯނާއި އަދި ފޯން އެލަވަންސް ދިނުމާއިމެދު ގޮތެއް ކަނޑައަޅާ ދެއްވުމަށް މިކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދެންނެވުމުން، އެކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަކިގޮތެއް އަންގަވަންދެން 28 ޑިސެމްބަރ 2010ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މުސާރާއިގެ އޮނިގަޑާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް 30 މާރޗް 2011ގައި އެ އިދާރާގެ ނަންބަރު: 07/2011/123/F-57 ސިޓީން މިކޮމިޝަނަށް އަންގަވާފައިވެއެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔަތް ކަނޑައަޅުއްވަންޖެހޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އަމާޒުކުރައްވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އާންމުކުރައްވާފައިވާ އެމިނިސްޓްރީގެ ނަންބަރު: 2010/05 ސަރކިއުލަރއަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 102 ވަނަ މާއްދާއާއި ތަޢާރުޒުވާ ސަރކިއުލަރއެއްކަމުން، މިއަދުން ފެށިގެން އެސަރކިއުލަރ ބާޠިލްކުރައްވާ އެކަން އާންމުކޮށް އިޢުލާން ކުރެއްވުމަށް 07 މެއި 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×