އއ.އަތޮޅު ކައުންސިލަރ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ތޮއްޑޫ މީހަކަށް ގޯއްޗެއް ރަޖިސްޓަރީ ކޮށްދީފައިވާކަމަށް ބުނާ މައްސަލައާ ގުޅޭ،

03 Mar 2016

މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން އއ.ތޮއްޑޫގައި އުޅެ މިހާރު ނިޔާވެފައިވާ މީހަކަށް އޭރު ދީފައިވާ ގޯއްޗެއް، އޭނާ ނިޔާވިފަހުން އެއްވެސް ފަރާތަކަށް ރަޖިސްޓަރީކޮށްނުދީ އޮއްވައި، 2010 ޖުލައިމަހުގެ ފަހުކޮޅު އއ.އަތޮޅު ކައުންސިލަރ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ތޮއްޑޫ މީހަކަށް ރަޖިސްޓަރީ ކޮށްދީފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އއ.ތޮއްޑޫގައި އުޅެ މިހާރު ނިޔާވެފައިވާ ފަރާތުގެ މިލްކިއްޔާތުގައިވާ ހުރިހައި އެއްޗެއް، އޭނާ ބަލަމުންގެންދާ އއ.ތޮއްޑޫ މީހަކަށް ދީފައިވާކަމަށް ބުނެ، އޭނާގެ ވާރުތަވެރިޔާގެ ނަމުގައި ނ.ފޮއްދޫ މީހެއް 4 ހެކިން ހެކިކޮށް 23 ފެބްރުއަރީ 2001 ގައި ލިޔުމެއްގައި ސޮއިކޮށްފައިވާއިރު އެ ލިޔުމަކީ ބެލުން ޝަރުޠުކޮށް ދީފައިވާ ދިނުމެއްކަމަށް ބެލެވުނު ނަމަވެސް އެ ލިޔުމަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ލިޔުމެއްނޫންކަން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ މެސެޖް ފޯމަކުންވެސް އެނގެން އޮތަތީއާއި،

2. އއ.ތޮއްޑޫގައި އުޅުން ފަރާތަށް އއ.ތޮއްޑޫއިން ލިބިފައިވާ ގޯތި އޭނާ ނިޔާވުމަށްފަހު، އއ.ތޮއްޑޫ އެހެން ފަރާތެއްގެ ނަމަށް ބަދަލުކޮށް އއ.ތޮއްޑޫ އޮފީހުން ހައްދައިދީފައިވާ ގޯތީގެ ރަޖިސްޓްރީ، ހައްދައިދީފައިވަނީ، އެ ގޯތީގެ މައްސަލަ ނިންމާނެގޮތުގެ ލަފައަކަށް އެދި ތޮއްޑޫ އޮފީހުން އަތޮޅުއޮފީހަށް ފޮނުވުމުގެ ތާރީޚާއި، އއ.އަތޮޅުއޮފީހުގެ ލަފައަކަށް އެދި ތޮއްޑޫ އޮފީހުން ފޮނުވި ސިޓީގެ ޖަވާބު އަތޮޅުއޮފީހުން ދިނުމުގެ ތާރީޚާއި، އއ.ތޮއްޑޫގައި އުޅުން ނ. ހޮޅުދޫ މީހާގެ ވާރުތަވެރިޔާކަމަށް ބުނާ ނ.ފޮއްދޫ މީހާގެ ބަޔާން (30 ޖޫން 2010 ގެ ބަޔާން) އއ.ތޮއްޑޫ އޮފީހަށް ލިބުމުގެ ތާރީޚާއި، އއ.ތޮއްޑޫ ރކ.ކޮމިޓީގައި އެމައްސަލައާ ގުޅިގެން މަޝްވަރާކުރި ތާރީޚްގެ ކުރިންކަން ލިޔެކިޔުންތަކުން އެނގެން އޮތަތީއާއި،

3. 28 ޖޫން 2010 ގައި އއ.ތޮއްޑޫ އޮފީހުން އއ.ތޮއްޑޫގައި އުޅުނު ފަރާތަށް އއ.ތޮއްޑޫއިން ލިބިފައިވާ ގޯތި އއ.ތޮއްޑޫ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރިއިރު، އއ.ތޮއްޑޫ ކޯޓްގެ ގަޟިއްޔާއަކުން އއ.ތޮއްޑޫ އެހެން ގެއެއްގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްބުނާ އއ.ތޮއްޑޫގައި އުޅުން ފަރާތުގެ ތަރިކަ މުދަލުގެ މައްސަލަ ހަމަޖައްސައި އެމުދާ ލިބިގަތުމަށް އެދި އެފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޤާނޫނު ނަންބަރު 75/25 (ތަރިކައާއި ބެހޭ ދައުވާގެ ޤާނޫނު) ބަޔާންކުރާގޮތުގެ މަތިން އެފަރާތަށް ކުރެވެންއޮތް ދަޢުވާއެއް ނޫންކަމަށް ބަޔާންކޮށް އެމައްސަލަ ނިންމާފައި އޮތަތީއާއި،

4. އއ.ތޮއްޑޫގައި އުޅުނު ފަރާތަށް އއ.ތޮއްޑޫއިން ލިބިފައިވާ ގޯތި އއ.ތޮއްޑޫ އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދިންއިރު އެ ފަރާތަށް އޭނާގެ ބައްޕަގެ ތަރިކައިން 2628 އަކަފޫޓުގެ ގޯއްޗެއް ލިބިފައިވާކަން އަރިއަތޮޅުއުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއްގެ ޙުކުމްގައި ބަޔާންކޮށްފައިވާއިރު، މައްސަލާގައިބުނާ އއ.ތޮއްޑޫ ގޯތި ރަޖިސްޓްރީ ކޮށްދީފައިވަނީ ޤާނޫން ނަންބަރު 2002/1 (ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށްވާތީ އާއި،

5. އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން މި ކޮމިޝަނަށް ފޮނުވި ސިޓީގައި، އއ.ތޮއްޑޫގައި ދިރިއުޅުނު ފަރާތަށް އއ.ތޮއްޑޫއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދިންއިރު އެ ފަރާތުގެ ވާރިސުންނަކީ ކޮބައިތޯ އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން ބަލާފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް އެއިދާރާއިން ފެންނަން ނެތްކަމަށް ބަޔާންކޮށްފައިވާތީއާއި،

6. އއ.ތޮއްޑޫގައި އުޅުނު ފަރާތަށް އއ.ތޮއްޑޫއިން ލިބިފައިވާ ގޯތި އެހެން ފަރާތެއްގެ ނަމަށް ބަދަލުކޮށް އއ.ތޮއްޑޫ އޮފީހުން ހަދާދީފައިވާ ގޯތީގެ ރަޖިސްޓްރީގައި ސޮއިކޮށްފައިވާ އއ.ތޮއްޑޫ ކައުންސިލަރ ތަޙްޤީޤުގައި އެ ގޯތި ބަދަލުކުރިއިރު އެފަރާތުގެ ވާރިސުންނަކީ ކޮބައިތޯ ޝަރުޢީ އެއްވެސް ކޯޓެއް މެދުވެރިކޮށް ބަލާފައިނުވާނެކަމަށާއި، އޭނާގެ ވާރިސުންނަކީ ކޮބައިތޯ ބެލުމަށް އިޢުލާންކޮށްފައިނުވާނެކަމަށް އިއުތިރާފްވެފައިވާތީ، މިކަމަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާއާ ޚިލާފަށްކޮށްފައިވާކަމެއްކަން އެނގެން އޮތަތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި އއ.ތޮއްޑޫ ކައުންސިލަރގެ މަޤާމުގައި އޭރުހުރި ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މިހެންވެ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×