ހުޅަނގު އައްސޭރީގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ގިނަ ރައްޔިތުންނަކީ އިންތިހާއަށް ފަޤީރު ބައެކެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ސިއްޙީ އަދި ތަޢުލީމީ ވަޞީލަތްތައް ލިބެން ނެތް ބައެކެވެ. ރަށުގެ ގިނަ ގެތަކާއި މަގުތަކާއި ނަރުދަމާގެ ނިޒާމުތައް ވަނީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައެވެ. މިކަންކަން ޙައްލުކޮށް އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވެއެވެ. ނަމަވެސް، ފަލަސްތީނުގެ ސަރުކާރުން މިކަންކަމަށް ކަނޑައަޅާފައިވާ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ އަޑުތައް ގަދަވެ ފެތުރެން ފެށުމުން، މިކަމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ބެލެއްހެޓޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަށް އެކި ފަރާތްތަކުން ވަނީ ފަލަސްތީނު ސަރުކާރަށް ގޮވާލާފައެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ފަލަސްތީނު ގޮފި (އަމަން) އިން ފަލަސްތީނުގެ ރައްޔިތުންނާއި ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން، އެފަރާތަށް ލިބުނު ޝަކުވާތަކުގެ ތެރޭގައި، ސަރުކާރުގެ ވެހިކަލްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމުގެ އެތަކެއް ޝަކުވާއެއް ހިމެނެއެވެ. 2009 ވަނަ އަހަރު އެކަނިވެސް، ސަރުކާރު މުވައްޒަފުންގެ ތެރެއިން 6000 އަށް ވުރެ ގިނަ މުވައްޒަފުން ދައުލަތުގެ ކާރު އަމިއްލަ ބޭނުމަށް ގެންގުޅެފައިވެއެވެ. އަދި ކާރުގެ ތެލާއި ބެލެހެއްޓުމަށް އެކަނިވެސް ދައުލަތުގެ މާލިއްޔަތުން 18 މިލިޔަން ޔޫރޯ ޚަރަދުކޮށްފައިވެއެވެ. މިފަދަ ގިނަ ކާރުތައް ބޭނުންކުރެވެމުން ދިއައީ އަމިއްލަ ދަތުރުތަކަށާއި ރަހުމަތްތެރީންނާއި ގާތްތިމާގެ މީހުންގެ އެކިއެކި ބޭނުންތަކަށެވެ. އަދި، ބައެއް ކާރުތައް ފަލަސްތީނުން ބޭރަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުކުރެވިފައިވެއެވެ.
އަމަން އިން މިމައްސަލަތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް ހުށަހެޅިއެވެ. މިނިސްޓްރީން ބުނިގޮތުގައި އެ ފަރާތަށް އެކަމާ ބެހޭގޮތުން އެނގިފައިވެއެވެ. އަދި މިނިސްޓްރީގެ ވަޞީލަތްތައް މަދުވުމުގެ ސަބަބުން މިނިސްޓްރީއިން މިފަދަ ކަންކަމުގައި ފިޔަވަޅު އެޅުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެހެންކަމުން، އަމަން އިން މިނިސްޓްރީއާ ގުޅިގެން މިފަދަ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރަންފެށިއެވެ. އެގޮތުން ވަރުގަދަ މީޑިއާ ކެމްޕޭނެއް ފަށައި ރޭޑިއޯ ޕްރޮގްރާމްތަކާއި ބިލްބޯޑުތަކާއި ނޫސް މަޖައްލާތަކުގައި މިވާހަކަ ލިޔެ، ރައްޔިތުންނަށް މިކަންކަން އަމަންގެ ހޮޓްލައިނަށް ގުޅައި ރިޕޯޓުކުރުމަށް ހިތްވަރުދިނެވެ.
މިކެމްޕޭން ވެގެން ދިޔައީ ވަރަށް ކާމިޔާބު ކެމްޕޭނަކަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަންކަމާ ގުޅޭ 150 ޝަކުވާ އަމަން އިން ބަލައިގަނެ، މިނިސްޓްރީއަށް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުމަށް ފޮނުވިފައިވެއެވެ. ނަމަވެސް މީގެ ސަބަބުންވެސް މިމައްސަލައަށް ދާއިމީ ޙައްލެއް ނުލިބިދާނެތީ، އަމަންއިން ފަލަސްތީނުގެ ބޮޑުވަޒީރު، ސަލާމް ފައްޔާދުގެ އަރިހުން މިމައްސަލައިގައި ނިޒާމީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެދުނެވެ.
ނަތީޖާއެއްގެ ގޮތުން ފަލަސްތީންގެ މިނިސްޓަރުންގެ ކައުންސިލުން ނިންމި ނިންމުމަކުން ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ނައިބު ފިޔަވައި އޮފީސް ނޫން ވަގުތުތަކުގައި ސަރުކާރުގެ އެއްވެސް އުޅަނދެއް ބޭނުން ކުރުން މަނާކުރެވުނެވެ. އަދި 2010 ވަނަ އަހަރު 6200 އަށް ވުރެގިނަ ކާރު ސަރުކާރުގެ މުވައްޒަފުން އަތުން އަތުލެވުނެވެ. މީގެ ތެރެއިން ބައެއް ވެހިކަލްތައް ސަރުކާރު ބޭނުމަށް ބޭނުންކުރިޔަސް ގިނަ އުޅަނދު ވިއްކަން ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
އަމަން އިން ފާހަގަ ކުރި ގޮތުގައި ފަލަސްތީނުގެ ސަރުކާރުގެ ޚަރަދުތައް ރަނގަޅުގޮތުގައި ކޮށް، ދައުލަތުން ކަންކަން ކުރުމުގައި ހާމަކަމާއެކީ ކަންކަންކުރުމުގެ ރޫހު އިތުރުކޮށް ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ކުރަން ޖެހިފައިވާ މިންނަތް މަސައްކަތުގެ ތެރެއިން މިކަން ހާޞިލް ކުރެވުނީ ވަރަށްވެސް ކުޑަ މިންވަރެކެވެ.
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބެލެންސިންގ ދި ބަޖެޓް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.http://www.transparency.org/news/story/balancing_the_budget