މާލޭގެ 363 ނަންބަރު ކޮށި (ޓީ.ވީ ކޮށި) ގައި ޢިމާރާތްކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް އާންމުކޮށް ހުޅުވާލައިގެން ވިއްކުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރައްވާފައިވާ ނަންބަރު: (IUL)138-EXS1/138/2016/30 (09 އެޕްރީލް 2016) އިޢުލާން އަދި ނަންބަރު (IUL)138-EXS1/138/2016/31 (09 އެޕްރީލް 2016) އިޢުލާނުގައިވާ ގޮތަށް ބީލަމުގެ އުޞޫލުން އެންމެ މަތީން އަގު ހުށަހަޅާ ފަރާތްތަކަށް ފްލެޓް ވިއްކުމަކީ އެންމެ މަސްލަޙަތު ރަނގަޅު އިންސާފުވެރިގޮތް ކަމަށް މިކޮމިޝަނުން ނުދެކެމެވެ.
އެހެންކަމުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު (IUL)138-DS1/138/2016/18 (15 މާރިޗު 2016) އިޢުލާނުގައިވާ ގޮތަށް ފްލެޓް ވިއްކަން ކަނޑައަޅާފައިވާ ޢަދަދަށްވުރެ ފްލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ ޢަދަދު ގިނަނަމަ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ވިއްކާނެ ފަރާތްތައް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި މިކޮމިޝަނުން ދެކޭތީ، އެގޮތަށް ޢަމަލުކުރެއްވުމަށް 12 އެޕްރީލް 2016 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ވާނީ އަންގާފައެވެ.
މީގެއިތުރުން، ފްލެޓް ގަންނަން އެދޭ ފަރާތުން ފްލެޓަށް ދައްކަންޖެހޭ އަގު ދައްކާނީ ބޭންކުން ލޯނު ނަގައިގެން ކަމުގައިވީނަމަވެސް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދައްކަންޖެހޭ އަގު ދައްކާނެކަމުގެ ޔަޤީންކަން (ބޭންކް ގެރެންޓީ) ބޭންކުން ދޭނަމަ، އެފަރާތަކީ ފއިސާ ދެއްކޭނެ ފަރާތެއްގެ ގޮތުގައި ބެލުމަށްވެސް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ވާނީ އަންގާފައެވެ.