އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި ކުރީގެ ޓޫރިޒަމް މިނިސްޓަރގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

13 Apr 2016

ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވާއިދާ ޚިލާފަށް ނަގުދު ފައިސާ ނަގައިގެން ވިޔަފާރިކުރަމުންދާކަމަށާއި، އެގޮތުން އެމްޕީއެލް އިން 5 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަމުގައި 04 މަސް ދުވަހުން ޑޮލަރު އަދާކުރާ ގޮތަށް ނެގުމަށްފަހު، ޓޫރިޒަމް މިނިސްޓަރާއި އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ދޫކޮށްފައިވާކަމަށާއި، މީގެ އިތުރުން އެމް.ޓީ.ޑީ.ސީ އިން 1 މިލިއަން ޑޮލަރު ހަމަ އެ އުޞޫލުން ނެގުމަށްފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެމްއެމްޕީއާރްސީ އިން އެ ފައިސާ ދީފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. އެމް.އެމް.ޕީ.އާރް.ސީ ހިންގުމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނަ ފަރާތަކީ އޭރުގެ ޓޫރިޒަމް މިނިސްޓަރ ކަމަށް ސަރުކާރުން ހަމަޖައްސާފައިވާއިރު، އެމް.އެމް.ޕީ.އާރް.ސީ އިން އެމް.ޕީ.އެލް އަށް ޔޫ.އެސް.ޑޮލަރު ހޯދައިދިނުމާއި ގުޅޭގޮތުން އެމް.އެމް.ޕީ.އާރް.ސީގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށްހުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރކަމާއި، އެގޮތުން ކުރީގެ އެމިނިސްޓަރާއި އެމް.ޕީ.އެލްގެ ސީ.އީ.އޯ އާ ދެމީހުން ބައްދަލުކޮށް އެމް.އެމް.ޕީ.އާރް.ސީ މެދުވެރިވެގެން އެމް.ޕީ.އެލް އަށް ޑޮލަރު ހޯދުމާ ގުޅޭގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށް ނިންމާފައިވާކަން މި މުޢާމަލާތް ފެށުމާއި ގުޅޭގޮތުން ހަދަންޖެހޭ އެއްބަސްވުން ހެދުމަށްޓަކައި އެމް.އެމް.ޕީ.އާރް.ސީ އިން އެމް.ޕީ.އެލް އަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވީހިދު، މި މުޢާމަލާތްކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރގެ އިރުޝާދުގެ ދަށުންކަމަށް ފާހަގަކުރެވިފައިވާތީއާއި،

ލޯނެއްގެ ގޮތުގައި އެމް.ޓީ.ޑީ.ސީ އިން ފައިސާ ހޯދުމާއި ގުޅޭގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރ އެމް.ޓީ.ޑީ.ސީ އާއެކު މަޝްވަރާކޮށްފައިވާކަމަށް އެމް.އެމް.ޕީ.އާރް.ސީ ގެ މެނޭޖިން ޑިރެކްޓަރ ސޮއިކޮށް އެމް.ޓީ.ޑީ.ސީ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބަޔާންކޮށްފައިވީހިދު، މި މުޢާމަލާތްތައްކޮށްފައިވަނީ ސީދާ އެ މިނިސްޓަރުގެ އިރުޝާދުގެ ދަށުންކަމަށް ފާހަގަކުރެވިފައިވާތީއާއި،

އެމް.ޕީ.އެލް އަށް 5,000,000.00 (ފަސް މިލިއަން) ޔޫއެސް ޑޮލަރު ހޯދުމުގެ ގޮތުން ޕްރައިވެޓް ކުންފުންޏަކަށް އެޑްވާންސްކޮށް ގިނަ ޢަދަދެއްގެ ފައިސާ ދިނުމުގައާއި، އެމް.ޓީ.ޑީ.ސީ އިން ލޯނެއްގެ ގޮތުގައި 1,000,000.00 (އެއްމިލިއަން) ޔޫއެސް ޑޮލަރު ހޯދައިގެން އެ ފައިސާ އިތުރު އެހެން ޕްރައިވެޓް ކުންފުންޏަކަށް އަނބުރާ ދައްކާގޮތަށް ދިނުމުގައި އެ ދެކުންފުނީގެ މާލީ ގާބިލްކަން ހުރި މިންވަރު ވަޒަންކޮށްފައިނުވާއިރު، އެ ދެ ކުންފުންޏަށް އެޑްވާންސްކޮށް ގިނަ ޢަދަދެއްގެ ފައިސާ ދިނުމުގައި އެމް.އެމް.ޕީ.އާރް.ސީ އަށް އެ ފައިސާ އަނބުރާ ލިބުމުގައި އޮތް ރިސްކަށް ރިއާޔަތްކޮށްފައިނުވާތީއާއި،

ޔޫއެސް ޑޮލަރުގެ ބޮޑު މުޢާމަލާތްކުރެވޭ ފަދަ މާލީގޮތުން ގާބިލް ކުންފުނިތައް ދިވެހިރާއްޖޭގައި ހުރިއިރު، ފައިސާގެ މިވަރުގެ ބޮޑު މުޢާމަލާތްތަކެއް ހިންގުމަށް މަތީގައި ދެންނެވުނު ފްރައިވެޓް ދެކުންފުނި ހޮވާފައިވަނީ ކޮން އުޞޫލަކުން ކިހިނެއްކަން އެނގެން ނެތްހިނދު، މިދެންނެވުނު ދެކުންފުނީގެ ތެރެއިން އެއްކުންފުންޏަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރގެ ޢާއިލީގޮތުން ގުޅުން އޮތް ފަރާތްތަކެއް ހިއްސާވާ ކުންފުންޏަކަށްވާއިރު، އަނެއް ކުންފުންޏަކީ ކުރިން އެމިނިސްޓަރާއި އޭނާގެ ބައްޕަގެ ހިއްސާ އޮންނަ ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ އެމިނިސްޓަރުގެ ދެބެއިންގެ ދެދަރި ފަރާތްތަކެއްކަމަށްވާތީއާއި،

އެމް.ޕީ.އެލް އަށް 5,000,000.00 (ފަސް މިލިއަން) ޔޫއެސް ޑޮލަރު ހޯދުމަށްޓަކައި އެޑްވާންސްކޮށް ފައިސާ ދީފައިވާ ޕްރައިވެޓް ކުންފުންޏަށް އެފައިސާ ދީފައިވީނަމަވެސް، އޭގެ ތެރެއިން 1,500,000.00 (އެއްމިލިއަން ފަސްލައްކަ) ޔޫ.އެސް ޑޮލަރު އެމް.އެމް.ޕީ.އާރް.ސީ އަށް ލިބިފައިނުވާތީއާއި، އެމް.ޓީ.ޑީ.ސީ އިން ލޯނެއްގެ ގޮތުގައި 1,000,000.00 (އެއްމިލިއަން) ޔޫއެސް ޑޮލަރު ހޯދައިގެން އެ ފައިސާ އަނެއް ކުންފުންޏަށް އަނބުރާ ދައްކާގޮތަށް ދީފައިވާއިރު، އެ ފައިސާ އެމް.އެމް.ޕީ.އާރް.ސީ އަށް ލިބިފައިނުވާތީ،

އެމް.އެމް.ޕީ.އާރް.ސީ އިން އެދެކުންފުންޏާއެކު ޔޫއެސް ޑޮލަރު ގެ މުޢާމަލާތްކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އޭނާގެ މަސްލަހަތު އޮތް ދެ ކުންފުންޏަށް މާލީ ފައިދާ ލިބޭގޮތަށް އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުންކަން ސާބިތުކުރެވޭ މިންވަރަށް މިކޮމިޝަންގެ ތަޙްޤީޤަށް ހެކި ލިބިފައިވާތީ، ޤާނޫނު ނަންބަރު 2008/ 13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/ 2  (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. ޑޮލަރު ވިއްކުމުގެ ނަމުގައި އެމް.ޕީ.އެލް އިން ފައިސާ ހޯދުމަށްފަހު ޑޮލަރު ގަތުމުގެ ނަމުގައި އެ ފައިސާ އަމިއްލަ ކުންފުނިތަކަށް ދޫކޮށްފައިވަނީ އެމް.އެމް.ޕީ.އާރް.ސީގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާ ޚިލާފަށް އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަނެތި އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށްވާތީއާއި،

ލޯނުގެ ގޮތުގައި އެމް.ޓީ.ޑީ.ސީ އިން 1,000,000.00 (އެއްމިލިއަން) ޔޫއެސް ޑޮލަރު ހޯދައި އެ ފައިސާ އަނބުރާ ދައްކާގޮތަށް ދީފައިވާ ޕްރައިވެޓް ކުންފުންޏަށް ދީފައިވަނީ އެމް.އެމް.ޕީ.އާރް.ސީގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާ ޚިލާފަށް އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަނެތި އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށްވާތީއާއި،

މަނިޓަރީ ގަވާއިދުގެ 3 ވަނަ މާއްދާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި މުޢާމަލާތްކުރިއިރު، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތްކަމަށް ފާހަގަކުރެވިފައިވާތީއާއި،

އެމް.އެމް.ޕީ.އާރް.ސީ އަށް ފައިސާ ދޭންޖެހޭ ކުންފުނިން އެމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޖުރިމާނާވާނެކަމަށާއި، އަދި އެއްބަސްވުމަށް އިތުރު ބަދަލެއް ގެނެވޭނީ ދެފަރާތުން ލިޔުމުން އެއްބަސްވެގެންކަމަށް ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، ޖޫރިމަނާއަކާ ނުލައި ޑޮލަރު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފައިވަނީ އެމް.އެމް.ޕީ.އާރް.ސީގެ ކުންފުނީގެ ޑިރެކްޓަރު ބޯޑުގެ ބަހެއްނެތި، ކުންފުނީގެ ކުރީގެ މެނޭޖިންގ ކަމަށްވާތީއާއި،

އެމް.ޕީ.އެލް އަށް 5,000,000.00 (ފަސް މިލިއަން) ޔޫއެސް ޑޮލަރު ހޯދުމުގެ ގޮތުން އެޑްވާންސްކޮށް ގިނަ ޢަދަދެއްގެ ފައިސާ ދީފައިވާ ޕްރައިވެޓް ކުންފުންޏަށް އެފައިސާ ދިނުމުގައާއި، އެމް.ޓީ.ޑީ.ސީ އިން ލޯނެއްގެ ގޮތުގައި 1,000,000.00 (އެއްމިލިއަން) ޔޫއެސް ޑޮލަރު ހޯދައިގެން އެ ފައިސާ އެހެން ޕްރައިވެޓް ކުންފުންޏަކަށް އަނބުރާ ދައްކާގޮތަށް ދިނުމުގައި އެ ދެކުންފުނީގެ މާލީ ގާބިލްކަން ހުރި މިންވަރު ވަޒަންކޮށްފައިނުވާއިރު، އެ ދެ ކުންފުންޏަށް އެޑްވާންސްކޮށް ގިނަ ޢަދަދެއްގެ ފައިސާ ދިނުމުގައި އެމް.އެމް.ޕީ.އާރް.ސީ އަށް އެ ފައިސާ އަނބުރާ ލިބުމުގައި އޮތް ރިސްކަށް ރިއާޔަތްކޮށްފައިނުވާތީއާއި،

މިދެންނެވުނު ދެކުންފުނީގެ ތެރެއިން އެއްކުންފުނިން އެމް.އެމް.ޕީ.އާރް.ސީއަށް ދޭންޖެހޭ ފައިސާގެ ތެރެއިން 1,000,000.00 (އެއްމިލިއަން) ޔޫ.އެސް ޑޮލަރާއި، ލޯނުގެ ގޮތުގައި އިންޓްރެސްޓާއެކު އަނބުރާ ދައްކާގޮތަށް އެއްކުންފުންޏަށް ދިން ފައިސާއަށް ދައްކަންޖެހޭ 1,147,000.00 (އެއްމިލިއަން އެއްލައްކަ ސާޅީސްހަތްހާސް) ޔޫއެސް ޑޮލަރު އެ ދެ ކުންފުނީގެ ފަރާތުން އެހެން ފަރާތަކުން ދައްކާފައިވާކަމަށް އެމް.އެމް.ޕީ.އާރް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ބުނެފައިވީނަމަވެސް، އެފަރާތުން އެމް.އެމް.ޕީ.އާރް.ސީ އަށް ހަމައެކަނި ދައްކާފައިވާ ޕޭމަންޓަކީ ރަށެއްގެ އިކުއިޒިޝަން ކޯސްޓުކަމާއި، އެ ނޫން އެއްވެސް ފައިސާއެއް އެމް.އެމް.ޕީ.އާރް.ސީ އަށް ދައްކާފައިނުވާކަމަށް އެފަރާތުން ބުނެފައިވާތީއާއި،

އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް އެމް.ޓީ.ޑީ.ސީ އަށް ފޮނުވާފައިވާ ނޯޓުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ޙަރަކާތްތަކަށް ބޭރުގެ ފަރާތްތަކަށް ވަރަށް އަވަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެމް.އެމް.ޕީ.އާރް.ސީ އަށް 1,000,000.00 (އެއްމިލިއަން) ޔޫއެސް ޑޮލަރު ބޭނުންވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި މުއްދަތުގެ ތެރޭގައި އެމް.އެމް.ޕީ.އާރް.ސީ އިން ކުއްލިގޮތަކަށް ބޭރުގެ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާ އޮތްކަން އެގެންނެތުމާއި، އެމް.އެމް.ޕީ.އާރް.ސީން މި ފައިސާ ހޯދުމަށްފަހު ލޯނެއްގެ ގޮތުގައި ޕްރައިވެޓް ކުންފުންޏަކަށް ދޫކޮށްފައިވުމުން، އެމް.ޓީ.ޑީ.ސީ އިން މި ފައިސާ ހޯދާފައިވަނީ އެކުންފުންޏަށް ލޯނެއްގެ ގޮތުގައި ދޫކުރުމުގެ ނިޔަތުގައި ކަމަށް ތަޙްޤީގަށް ގަބޫލްކުރެވޭތީ،

އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މިޢަމަލަކީ އޭނާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ސާބިތުކުރެވޭ މިންވަރަށް މިކޮމިޝަންގެ ތަޙްޤީޤަށް ހެކި ލިބިފައިވާތީ، ޤާނޫނު ނަންބަރު 2008/ 13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/ 2  (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި؛

އެމް.އެމް.ޕީ.އާރް.ސީ އާއި އެމް.ޕީ.އެލް އާއި ދެމެދު ހަދާފައިވާ ދެވަނަ ޕްރޮމިސަރީ ނޯޓުގެ ދަށުން އެމް.ޕީ.އެލް އިން ދިން ފައިސާ ޑޮލަރު ގަތުމަށްޓަކައި ޕްރައިވެޓް ކުންފުންޏަކަށް ދީފައިވާއިރު، އެ ކުންފުނިން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކުރުމުގެ ނަތީޖާއަކީ އެކުންފުނިން އެމް.އެމް.ޕީ.އާރް.ސީ އަށް ދޭންޖެހޭ ޖޫރިމަނާ ނުދައްކާގޮތަށް ހަމަޖެހިގެން ދިއުންކަމަށްވީހިނދު، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މިޢަމަލަކީ ކުންފުންޏަށް ލިބެން އޮތް މަންފާއެއް ނުލިބޭ ގޮތަށް ހެދުންކަމަށްވާތީ، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް، ޤާނޫނު ނަންބަރު 2008/ 2  (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލިބެންއޮތް ފައިދާއަކަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޤާނޫނު ނަންބަރު 2008/ 13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

3.ފުރަތަމަ ޕްރޮމިސަރީ ނޯޓުގެ ދަށުން 2,500,000.00 (ދެމިލިއަން ފަސްލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށް ޕްރައިވެޓް ކުންފުންޏަކަށް އެމް.އެމް.ޕީ.އާރް.ސީ އިން  ފައިސާ ދީފައިވީނަމަވެސް، އެ ކުންފުނިން މިހާތަނަށް އެމް.އެމް.ޕީ.އާރް.ސީ އަށް ދައްކާފައިވަނީ 1,500,000.00 (އެއްމިލިއަން ފަސްލައްކަ) ޔޫ.އެސް ޑޮލަރު ކަމަށްވީހިދު، މި މުޢާމަލާތުން އެމް.އެމް.ޕީ.އާރް.ސީ އަށް ބާކީ ލިބެންޖެހޭ 1,000,000.00 (އެއްމިލިއަން) ޔޫ.އެސް ޑޮލަރު އަނބުރާ ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް އެމް.އެމް.ޕީ.އާރް.ސީ އަށް ވަނީ އެންގިފައެވެ.

4. އަދި، އެމް.ޓީ.ޑީ.ސީ އިން 1,000,000.00 (އެއްމިލިއަން) ޔޫއެސް ޑޮލަރު ހޯދުމަށްފަހު ފައިނޭންޝަލް ޗާޖަކާއެކު 1,147,000.00 (އެއްމިލިއަން އެއްލައްކަ ސާޅީސްހަތްހާސް) ޔޫއެސް ޑޮލަރު އަނބުރާ ދައްކާގޮތަށް ޕްރައިވެޓް ކުންފުންޏަކަށް ދީފައިވީހިދު، މި ފައިސާ ދައްކަން ކަނޑައަޅާފައިވާ ޕްރައިވެޓް ކުންފުނިން އެފައިސާ އަނބުރާ ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް އެމް.އެމް.ޕީ.އާރް.ސީ އަށް އެންގުމަށް ނިންމައި، މިމައްސަލަ ނިންމީއެވެ.

5. މީގެއިތުރުން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަކީ އެ ކުންފުންޏަކުންކުރާ އަދި ހިންގާ ބޮޑެތި ކަންތައްތައް ނިންމައި އެކަމުގައި މަޝްވަރާ ދިނުމަށް އައްޔަންކުރެވިފައިވާ ފަރާތެއްކަމަށްވާއިރު، އަދި އެމް.އެމް.ޕީ.އާރް.ސީގެ ހިންގުމުގެ ގަވާއިދުގައި ކުންފުނިން އާންމުކޮށް ކުރާކަންކަން ފިޔަވައި އެހެނިހެން ކަންކަންކުރުމުގެ ކުރިން ކުންފުނީގެ ބޯޑުގެ މަޝްވަރާ ހޯދުމަށް ބަޔާންކޮށްފައިވީނަމަވެސް، މި މުޢާމަލާތްތައް ހިންގުމުގެ ކުރިން އެމް.އެމް.ޕީ.އާރް.ސީގެ ޑިރެކްޓަރުންގެ ބޯޑާއި މަޝްވަރާކޮށް ހުއްދަ ހޯދާފައިނުވާކަން ފާހަގަކުރެވިފައިވާތީ، ކުރިއަށް އޮތްތާނގައި، ފައިސާއާއި ވިޔަފާރިއާއި ގުޅޭ ބޮޑެތި މުޢާމަލާތްތައް ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދާއި އެއްގޮތަށް ކުންފުނީގެ ބޯޑުން ނިންމައިގެން މެނުވީ ނުކުރުމަށާއި،

6. އެމް.އެމް.ޕީ.އާރް.ސީ އިން ކޮށްފައިވާ ޑޮލަރު މުޢާމަލާތުގައި ކުންފުނީގެ އުޞޫލްތަކާއި، ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ކަންތައްތައް ކޮށްފައިވާކަމާއި، އަދި ކުންފުނީގެ އެކައުންޓްސް ޑިޕާޓްމެންޓުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކޮށްފައިނުވާކަން ފާހަގަކުރިފައިވާތީ، ކުރިއަށްއޮތްތާނގައި، އެމް.އެމް.ޕީ.އާރް.ސީގެ މަސައްކަތް ކުރުމުގައި ކުންފުނީގެ ޕްރޮސީޖަރތަކާއި، ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދެފުށް ފެންނަ އުޞޫލުން ކުރުމަށާއި، ކުންފުނީގެ އެކައުންޓްސް ޑިޕާޓްމެންޓުގެ މަސައްކަތްތައް ނުފޫޒެއްނެތި ޤާނޫނާއި ގަވާއިދުތަކާއި، ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުރެވޭނެގޮތަށް ހަރުދަނާކުރުމަށް، ޤާނޫނު ނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެމް.އެމް.ޕީ.އާރް.ސީ އަށް ވަނީއެންގިފައެވެ.

7. އަދި، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން، އެމް.އެމް.ޕީ.އާރް.ސީ ގެ 2014 ވަނަ އަހަރު އޮޑިޓް ރިޕޯޓާއި ގުޅިގެން އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖްމެންޓް ޖަވާބުދާރީކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ، ސަރުކާރުގެ ކުންފުނިތައް ގަވާއިދުން މޮނިޓަރކޮށް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ އުޞޫލްތަކެއް ހަމަޖައްސައި ކުންފުނިތައް ހިންގުމުގައި ދިމާވާ މައްސަލަތަކަށް ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުމަށް، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށްވެސް ވަނީ އެންގިފައެވެ.

8. އެމް.އެމް.ޕީއާރް.ސީ އަކީ ގިނަ ޢަދަދެއްގެ ޔޫ.އެސް ޑޮލަރު ގަނެ ވިއްކުމުގެ މާލީ ގާބިލްކަން ނެތްކުންފުންޏަކަށްވީހިނދު، އެމް.ޕީ.އެލް އިން ޑޮލަރު ގަތުމަށް 77,100,000.00 (ހަތްދިހަ ހަތްމިލިއަން އެއްލައްކަ) ރުފިޔާ އެމް.އެމް.ޕީ.އާރް.ސީ އަށް ދޫކުރުމަށް އެމް.ޕީ.އެލް ގެ ބޯޑުން ފާސްކުރިއިރު، އެ ޢަދަދަށް ޑޮލަރު ލިބުމާދޭތެރޭ އޮތް ރިސްކަށް ރިއާޔަތް ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާތީ، ފައިސާއާ ގުޅޭ މިފަދަ ބޮޑެތި މުޢާމަލާތްތައް ކުރުމުގައި އެ ފައިސާ އަނބުރާ ލިބުމާ ދޭތެރޭ އޮތް ރިސްކަށް ރިއާޔަތްނުކޮށް މުސްތަގުބަލުގައި އެޑްވާންސްކޮށް ފައިސާ ދޫނުކުރުމަށް، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެމް.ޕީ.އެލް އަށްވެސް ވަނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×