2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު (17 އެޕްރީލް 2016) ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމާއި ބެހޭގޮތުން ކުރެވޭ އަދި ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި ދައުލަތު ޕްރޮކިޔުމެންޓްގެ މަސައްކަތް ރަގަޅުގޮތުގައި ކުރަން ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.
ފުވައްމުލަކުގައި ޤާއިމްވެފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) އާއި، އެސް.ޓީ.އޯ އާއި، ދިރާގާއި، ބޭންކް އޮފް މޯލްޑިވްސް އާއި، ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް މި ޕްރޮގްރާމް އަމާޒުކުރެވިފައިވާއިރު، މި ޕްރޮގްރާމް ކުރިއަށްގެންދާނީ 1 ދުވަހުގެ މުއްދަތަށެވެ.
އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުން ހުށަހަޅައިދޭ މި ސެޝަންތަކުގައި، ނަޒާހަތްތެރިކަމުގެ މާނައާއި، މުހިންމުކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދައުރާއި، ރާއްޖޭގައި ކޮރަޕްޝަނުގެ ޙާލަތާއި، ކޮރަޕްޝަނުގެ އާންމު މާނައާއި، ކޮރަޕްޝަނުގެ ކުށްތަކާއި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ރޭވިފައިވާ ނިޒާމާއި، ކޮރަޕްޝަން ހުއްޓުވުމާއި ވިޔަ ނުދިނުމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.