އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

24 May 2016

 

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ސިމެންތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް ކުންފުންޏަކަށް 20 ދުވަސްތެރޭގައި 5000 ޓަނުގެ ސިމެންތި ސަޕްލައިކުރުމަށް ޖަނަވަރީ 2015 ގައި ހަވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ސިމެންތި ސަޕްލައިކޮށްދީފައިވަނީ ޖުލައި 2015 ގައި ކަމަށާއި އެހެންކަމުން، 5000 ޓަނުގެ ސިމެންތި ގެނައުމަށް އެޑްވާންސްކޮށް އެކުންފުންޏަށް ފައިސާ ދީ ނާޖާއިޒުގޮތުގައި މަންފާތަކެއް ދީފައިވާ ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިމައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އާރު.ޑީ.ސީ)ގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ސިމެންތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެމް.އާރު.ޑީ.ސީން ކޮށްފައިވާ އެކުންފުނީގެ އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.އާރު.ޑީ.ސީގެ ބޯޑުން ނިންމައިގެންކަމަށްވީނަމަވެސް،
ސިމެންތި ސަޕްލައި ކުރުމަށް އެމް.އާރު.ޑީ.ސީ އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، އެ ކުންފުނިން އެމް.އާރު.ޑީ.ސީ އަށް ސަޕްލައި ކުރާ ސިމެންތި އަށް ފައިސާ ދޫކުރާނީ ސިމެންތި ސަޕްލައި ކުރުމަށްފަހު ބިލް ހުށަހެޅުމުން ކަމަށާއި އެ ޕްރޮޖެކްޓަށް އެޑްވާންސްގެ ގޮތުގައި ފައިސާ ނުދޭނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް އެ ކުންފުނިން އެމް.އާރު.ޑީ.ސީ އަށް ސަޕްލައި ކޮށްދޭންޖެހޭ ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ކަމަށްވާ 10,058,340.00 (ދިހަ މިލިއަން ފަންސާސް އަށްހާސް ތިން ސަތޭކަ ސާޅީސް) ރުފިޔާ 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އެމް.އާރު.ޑީސީގެ ޕޭމްންޓް ވައުޗަރ އަކުން އެ ކުންފުންޏަށް ދީފައިވާކަމާއި އެ ފައިސާ ޚަރަދު ކުރުމަށް ހުއްދަދީ ސޮއިކޮށްފައިވަނީ އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި ނަމަވެސް އެފައިސާ އެޑްވާންސްކޮށް ދިނުމަށް އެމް.އާރު.ޑީ.ސީގެ ބޯޑުން ފާސްކޮށްފައިނުވާކަމާއި،
އެ ފައިސާ އެ ކުންފުންޏަށް ސިމެންތި ސަޕްލައި ކުރުމުގެ ކުރިން ދިނުމަށް އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ހުއްދަދީފައިވަނީ ދެފަރާތު ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުވާތީ މިއީ އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދަދޭން ކޮށްފައިވާކަމެއް ކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ،
މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަށްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. އެމް.އާރު.ޑީ.ސީގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ސިމެންތި ސަޕްލައި ކުރުމަށް އެމް.އާރު.ޑީ.ސީ އާއި ޕްރައިވެޓް ކުންފުންޏަކާ ދެމެދު ވެފައިވާ އެމް.އާރު.ޑީ.ސީގެ އެއްބަސްވުމުގައި، އެ ކުންފުނިން އެމް.އާރު.ޑީ.ސީ އަށް ސަޕްލައި ކުރާ ސިމެންތި އަށް ފައިސާ ދޫކުރާނީ ސިމެންތި ސަޕްލައި ކުރުމަށްފަހު ބިލް ހުށަހެޅުމުން ކަމަށާއި އެ ޕްރޮޖެކްޓަށް އެޑްވާންސްގެ ގޮތުގައި ފައިސާ ނުދޭނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް އެ ކުންފުނިން އެމް.އާރު.ޑީ.ސީ އަށް ސަޕްލައި ކޮށްދޭންޖެހޭ ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ކަމަށްވާ 10,058,340.00 (ދިހަ މިލިއަން ފަންސާސް އަށްހާސް ތިން ސަތޭކަ ސާޅީސް) ރުފިޔާ 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އެ ކުންފުންޏަށް ދިނުމަށް ތައްޔާރުކޮށްފައިވާ އެމް.އާރު.ޑީސީގެ ޕޭމްންޓް ވައުޗަރ ގައި އެ ފައިސާ ޚަރަދު ކުރުމަށް ހުއްދަދީ ސޮއިކޮށްފައިވަނީ އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި،
ނަމަވެސް އެފައިސާ އެޑްވާންސްކޮށް ދިނުމަށް އެމް.އާރު.ޑީ.ސީގެ ބޯޑުން ފާސްކޮށްފައިނުވާކަމާއި އެ ކުންފުންޏަށް ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެ ޕްރޮޖެކްޓްގެ ޖުމުލަ އަގު ދިނުމަށް އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ހުއްދަދީފައިވާތީ އާއި ސިމެންތި ސަޕްލިކޮށްފައިވަނީ ސިމެންތި ސަޕްލައިކޮށްދޭންޖެހޭ ދުވަހަށްވުރެ 169 ދުވަސްފަހުން ކަމާއި މުއްދަތަށް ސިމެންތި ސަޕްލައި ނުކުރެވުގެން މުއްދަތު އިތުރުކުރުމަށް އެ ކުންފުނިން އެމް.އާރު.ޑީ.ސީގައި އެދިފައިވީނަމަވެސް މުއްދަތު އިތުރުކޮށްދީފައިނުވާކަމާއި
މުއްދަތަށް ސަޕްލައި ނުކުރެވި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ޕްރޮޖެކްޓްގެ ޖުމްލަ އަގުގެ 0.1 ޕަސެންޓް ލިކިއުޑޭޓެޑް ޑެމޭޖް ގޮތުގައި ނަގާނެ ކަމަށް ސިމެންތި ސަޕްލައި ކުރުމަށް އެމް.އާރު.ޑީ.ސީ އާއި އެ ކުންފުންޏާއި ދެމެދު ވެފައިވާ އެމް.އާރު.ޑީ.ސީގެ އެއްބަސްވުމުގައި ބުނެފާތީ އާއި އަދި އެންމެ ގިނަވެގެން ލިކިއުޑޭޓެޑް ޑެމޭޖް ނެގޭނީ މުޅި ޕްރޮޖެކްޓް ޖުމުލަ އަގުގެ 10% ކަމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާތީ ލިކިއުޑޭޓެޑް ޑެމޭޖްގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ 1,005,834.00 (އެއް މިލިއަން ފަސްހާސް އަށްސަތޭކަ ތިރީސް ހަތަރު) ރުފިޔާ އެމް.އާރު.ޑީ.ސީ އަށް ލިބިފައިނުވާކަމާއި އެ ފައިސާ ނުލިބިވަނީ އެޑްވާންސްގެ ގޮތުގައި ޕްރޮޖެކްޓްގެ ޖުމުލަ އަގު ދީފައިވާތީ ކަމާއި އެފައިސާ ޚަރަދު ކުރުމަށް އެމް.އާރު.ޑީ.ސީގެ ބޯޑުން ފާސްކޮށްފައިނުވާއިރު އެފައިސާ ޚަރަދު ކުރުމަށް ހުއްދަދީފައިވަނީ އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށްވާތީ،
މިމައްސަލާގައި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ އެނޫންގޮތަކަށް އަމަލުކޮށްފައިވާތީ މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށާއި ލިކިއުޑޭޓެޑް ޑެމޭޖްގެ ގޮތުގައި އެމް.އާރު.ޑީ.ސީ އަށް ލިބެންޖެހޭ 1,005,834.00 (އެއް މިލިއަން ފަސްހާސް އަށްސަތޭކަ ތިރީސް ހަތަރު) ރުފިޔާ އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަތުން ދައުލަތަށް ހޯދުމަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.


28 ރަޖަބު 1437

05 މެއި  2016



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×