އެމް.އެން.ޑީ.އެފް އިން އޭސީސީގެ މުވައްޒަފުންނަށް ހިންގި ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް ނިންމާލައިފި

29 May 2016

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އޭސީސީގެ މުވައްޒަފުންނަށް ހިންގި “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” ނިންމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން 28 މޭ 2016 ގައި އެމް.އެން.ޑީ.އެފް ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްފާޞިލް އާދަމް ޝަރީފްއެވެ. މިނިސްޓަރގެ އިތުރުން މި ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ އިސްވެރިންނާއި އޭސީސީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިމަހުގެ 26 ން 28 ށް ގިރިފުށީގައި ހިންގި މިޕްރޮގްރާމްގައި އޭސީސީގެ 42 މުވައްޒަފަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެވެ. “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” ގެ މައިގަނޑު މަޤުޞަދަކީ، ކޮމިޝަނުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ލީޑަރޝިޕް ސްކިލްސް އާއި ޓީމްވޯކް ކުރިއަރުވައި ޤައުމީ ރޫޙު އާލާކުރުމަށާއި، ކޮމިޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްކޮށްދިނުމެވެ.
ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޓްރޭނިންގ ފުރިހަމަކުރި މުވައްޒަފުންނަށް ސެޓްފިކެޓް ޙަވާލުކުރެއްވީ އެމް.އެން.ޑީ.އެފް ގެ މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުލް ރަޢޫފްއެވެ. ވަނަތަކަށް އައި ފަރާތްތަކަށް އެވޯޑް ޙަވާލްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރ އަލްފާޞިލް އާދަމް ޝަރީފްއެވެ. މިރަސްމިއްޔާތުގައި ބައިވެރިންނާއި މުޙާތަބްކޮށް ޝަރަވްފެރި މެހެމާނުގެ އިތުރުން، އޭސީސީގެ ފަރާތުން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުއައްވިޒް ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×