އެންމެ ގިނައިން ރަޖިސްޓްރީ ކުރެވެނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތައް

29 May 2016

ފުރަތަމަ 3 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 57 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 61 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ.
މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 21 މައްސަލައެއް މިއަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 36 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ގޯތިގެދޮރާއި ކުއްޔަށް ދޫކުރެވޭ ބިމާއި ރަށްތަކާއި ގުޅޭ ޖުމްލަ 17 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 86 މައްސަލަ އެއް މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×