މިއަދަކީ ކޮންމެ ޢާއިލާއަކަށް ވެސް އުފާވެރި ދުވަހެކެވެ! ކޮންމެ ޑިސެންބަރު މަހެއްގައި އަންނަ މިދުވަހަކީ ކެމެރޫންގައި އިސްކޫލުތަކުގެ ރިޕޯޓު ފޯމު ދޭ ދުވަހެވެ. ކެމެރޫންގެ ދެކުނު އައްސޭރީގައިވާ އަވަށެއްގައި ދިރިއުޅެމުންދާ ޕީޓާވެސް އިންތިޒާރު ކުރަމުން އެ ގެންދަނީ އޭނާގެ 4 ދަރީންގެ ރިޕޯޓު ލިބޭ ވަގުތަށެވެ! އޭނާ މަދަރުސާ ދޮށަށް ދިޔައިރު އޭނާގެ ދަރީންތިބީ ރިޕޯޓް ނުލިބޭ 100 ދަރިވަރުންގެ ތެރޭގައެވެ. މަދަރުސާގެ އިސް މުދައްރިސް ވިދާޅުވިގޮތުގައި މިދަރިވަރުންނަށް ރިޕޯޓް ނުދޭ ގޮތަށް ނިންމީ އެދަރިވަރުންގެ ބެލެނިވެރީން، މަދަރުސާގެ މުދައްރިސުންނާއި ބެލެނިވެރީންގެ ޖަމްޢިއްޔާއަށް ދައްކަން ޖެހޭ ފީ ނުދައްކާ އޮތުމުންނެވެ. ނަމަވެސް ގަވާއިދުތައް ބުނާ ގޮތުން މިފީ އަކީ އެމީހަކު ބޭނުންނަމަ ދައްކާގޮތަށް، އަދި ބޭނުން ނުވާނަމަ ނުދައްކާ ފަރުޖެހޭ ފީއެކެވެ. ޙަޤީޤަތަކީ، އަމިއްލަ ފައިދާއަށްޓަކައި، އިސް މުދައްރިސް، ކޮންމެ ދަރިވަރެއްގެ އަތުން 5000 ސެންޓްރަލް އެފްރިކަން ފްރެންކްސް (10 ޔޫ.އެސް.ޑޮލަރު) ސްޓްފިކެޓް ދޫކުރުމުގެ ކުރީން ނަގަން ބޭނުންވުމެވެ. އެތައް ބަޔަކު ތިބީ މިކަމާ ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައެވެ. ރިޕޯޓްކާޑު ނުލިބިވާ ގިނަ ދަރިވަރުންގެ ޢާއިލާތަކަކީ މަސްވެރި އަދި މައިންތަކުގައި މަސައްކަތް ކުރާ ފޯރުންތެރިކަން ކުޑަ ޢާއިލާތަކެކެވެ. އަދި މިކަމުގައި އޮތް އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ، މިރިޕޯޓް ކާޑާއި ނުލައި މަދަރުސާގައި ދެންފެށޭ ޓާމެއްގައި ކިޔެވުމުގެ ފުރުޞަތު ގެއްލިގެން ދެއެވެ.
ހިތާމަޔަކީ، މިކަން މިއީ އެއް ފަހަރު ދެ ފަހަރު ދިމާވާކަމަކަށް ނުވާތީއެވެ. ނަމަވެސް، ތަކުރާރުކޮށް އެތަކެއް ފަހަރު ހިނގަމުން އަންނަ ކަމަކަށް ވާތީއެވެ. “ކެމެރޫންގެ އެތައް ޢާއިލާއެއްގެ ދަރިވަރުންނަށް އެސޯސިއޭޝަން ފީ ނުދެއްކުމުގެ ސަބަބުން ފިޔަވަޅު އަޅައި މަދަރުސާތަކުން ވަކިކޮށްފައިވޭ.” ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ކެމެރޫންގެ ޤާނޫނީ ލަފާދޭ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ހުލޯގެ ޓޮއުކޯ ބުންޏެވެ. “އިސް މުދައްރިސް ބޭނުންވާ އަދަދެއް ފީގެ ގޮތުގައި ކަނޑައެޅުމަކީ ހަގީގަތުގައިވެސް މައްސަލައެއް. އަދި މިނަގާ ފީ ތަކުން ބޮޑު ބައެއް އެމީހުންގެ ޖީބަށް ވަދޭ. މިއީ ހުސް މައްސަލަ! އެންމެންނަށްވެސް އެނގޭ މިއީ ކަނޑައެޅިގެން ގަވާއިދާ ޚިލާފަށް ކުރާކަމެއްކަން. ނަމަވެސް މަދަރުސާއިން ބުނާ އަދަދެއް ނުދައްކައިފިނަމަ ކުދީން ކިޔެވުމުން މަޙްރޫމްވެގެންދޭ. ނަތީޖާއަކަށްވަނީ ބެލެނިވެރީންނަށް ފައިސާ ދައްކަން މަޖުބޫރުވެގެންދިއުން”.
ނަމަވެސް، ޕީޓާއަށް ދިމާވި ހާދިސާއިން ކަންކަން ބަދަލުވަމުންދާކަން ދައްކުވައިދެއެވެ. އަދި، ޕީޓާ މަސައްކަތް ކުރަމުން އަންނަނީ ރޭޑިއޯ ސްޓޭޝަނެއްގައި ކަމުން އޭނާޔަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ކެމެރޫންއިން ގަދަކަމުން އެސޯސިއޭޝަން ފީ އަތުލާ މައްސަލައާ ދެކޮޅަށް ކުރާ ކެމްޕޭނުގެ ޚަބަރު ލިބުނެވެ. މި ކެމްޕޭނުގެ ދަށުން 2012 ވަނަ އަހަރުގައި އެކި ފަހަރުމަތިން އާންމު ބައްދަލުވުންތައް ބާއްވާ ރޭޑިއޯގައި މަޝްވަރާކުރުންތައް ބޭއްވިފައިވެއެވެ. މި ބައްދަލުވުމުން ތަކުގެ ތެރެއިން މިފަދަ ޤާނޫނާ ގަވާއިދާ ޚިލާފް ޢަމަލުތައް ކުރުމަށް މަޖުބޫރުކުރުވާ އޮފިޝަލުންނާ ބެހޭގޮތުން ރިޕޯޓްކުރުމަށް ބެލެނިވެރިންނަށް ހިތްވަރުދެވުނެވެ. އަދި ރިޕޯޓްކުރުމުން ޙައްލެއް ނުލިބިއްޖެނަމަ ދެން ކަންކުރަންވީ ގޮތްވެސް އެމީހުންނާ ޙިއްސާކުރެވުއެވެ.
މިކެމްޕޭނުތަކުން ހިތްވަރު ލިބި ޕީޓާވެސް އޭނާއަށް ދިމާވި މައްސަލަ ތަޢުލީމާބެހޭ އިސްވެރީންނަށް ރިޕޯޓުކުރިއެވެ. އޭނާޔަށް އެއްވެސް ކަހަލަ އިޝާރާތެއް ނުލިބުމުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ކެމެރޫންގެ ޤާނޫނީ ލަފާދޭ މަރުކަޒަށް ދިޔައެވެ. އެހެންކަމުން އޭނާގެ ނަމުގައި ޤާނޫނީ ލަފާދޭ މަރުކަޒުން މިނިސްޓްރީއަށް ގުޅިއެވެ. ނަތީޖާއެއްގެ ގޮތުން މިނިސްޓްރީއިން ކަނޑައަޅާފައިވާ ސަރަޙައްދީ އިންސްޕެކްޓަރަށް ގުޅިއެވެ. އަދި ސަރަޙައްދީ އިންސްޕެކްޓަރު މަދަރުސާގެ އިސް މުދައްރިސަށް ރިޕޯޓް ކާޑުތައް އެއްވެސް ޝަރުތަކާ ނުލައި ދޫކުރުމަށް އެންގިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ޕީޓާގެ އިތުރުން އެހެން ބެލެނިވެރީންނަށްވެސް އެމީހުންގެ ކުދީންގެ ރިޕޯޓް ކާޑުތައް ލިބިގެންދިޔައެވެ.
“އިސް މުދައްރިސަށް ފިޔަވަޅު އެޅިގެންދާނެ” ހުލޯގެ ބުންޏެވެ. “ނަމަވެސް އެންމެ މަދަރުސާއެއް މިގޮތަށް ބަދަލުވެގެން ދިޔުމަކީ އަދި ޙައްލެއް ނޫން، އަހަރުމެންގެ މަޤްސަދަކީ މިކަންތައް މުޅީން ހުއްޓުމަކަށް ގެނައުން. މިހާރު އަހަރުމެން މަސައްކަތް ކުރަމުން މިދަނީ ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުމަށް. 3000 މީހުން މިހާރުވަނީ މިޕެޓިޝަނުގައި ސޮއިކޮށްފަ! މިހުރިހާ އެންމެނަކީ ވެސް މިކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތައް. އަހަރުމެން މިޕެޓިޝަން ޤާނޫނު ހަދާ މަޖިލީހަށްވެސް ހުށަހަޅާނަން. އަދި އަހަރުމެންގެ އަޑު އިއްވާނަން”
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސްޓީލިންގ ފިއުޗަރސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/stealing_futures