މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ 2010 ވަނަ އަހަރުގެ ހާޒިރީގެ ރެކޯޑްތަކަށް ބަލާއިރު، އޮފީހަށް ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން %45 ދުވަހު އޮފީހަށް ހާޒިރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު %55 ދުވަހު ރަށުންބޭރުގައި ދަތުރުތަކުގައި ހޭދަކޮށްފައިވާކަމަށް ހާޒިރީގައި ލިޔެފައިވީނަމަވެސް، މުސާރާއާއި ޢިނާޔަތްތައް އެއްވެސް އުނިކަމެއް ނެތި ދީފައިވާކަމަށާއި، އެގޮތުން ޖެނުއަރީ 2010 އިން ޑިސެމްބަރ 2010 ގެ ނިޔަލަށް މުސާރައާއި، ޢިނާޔަތުގެ ގޮތުގައި 453،200.00 (ހަތަރު ލައްކަ ފަންސާސް ތިންހާސް ދުއިސައްތަ) ރުފިޔާ ޤައުމީ އިދާރާއިން ޚަރަދުކޮށްފައިވާކަމަށާއި، އޮކްޓޯބަރ 2010 އިން ފެށިގެން ސްޓޭޓް މިނިސްޓަރގެ ހާޒިރީ ބެލެހެއްޓުން ވަނީ ހުއްޓާލާފައިކަމަށް މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ޚާއްސަ އޮޑިޓް ރިޕޯޓު (ނަންބަރު:(SPE-2013-09 ގައި ފާހަގަކޮށްފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤު ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2010 ވަނަ އަހަރު މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ހާޒިރީގެ ރެކޯޑްތަކަށް ބަލާއިރު، އޮފީހަށް ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން %45 ދުވަހު އޮފީހަށް ހާޒިރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު %55 ދުވަހު ރަށުންބޭރުގައި ދަތުރުތަކުގައި ހޭދަކޮށްފައިވާކަމަށް އެފަރާތުގެ ހާޒިރީގައި ލިޔެފައިވީނަމަވެސް، މުސާރައާއި ޢިނާޔަތްތައް އެއްވެސް އުނިކަމެއްނެތި ދީފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެމުއްދަތުގައި އެފަރާތުގެ ހާޒިރީ ރެކޯޑްތައް މަތިދެކުނު ޕްރޮވިންސް އޮފީހުންނާއި އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލިބިފައިނުވާތީ އެދުވަސްވަރަށް މުސާރާއާއި ޢިނާޔަތްތައް ދީފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބެލެވޭނެ ކިތާބީ ހެކި ލިބެން ނެތުމުންނާއި، މި މައްސަލައިގެ ޝަކުވާގައި ބަޔާންކޮށްފައިވާ ދުވަސްވަރު ސިޔާސީ މުވައްޒަފުންގެ ހާޒިރީ ބެލުމާއި، އެބޭފުޅުންނަށް މުސާރަ ދެއްވުމުގައި އަމަލުކުރަންޖެހޭ އުސޫލެއް 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް އެކުލަވާލެވިފައިވާކަން އެނގެންނެތްކަމާއި، އެފަދަ އުސޫލެއް އެކުލަވާލާފައިވަނީ ކޮން ދުވަސްވަރެއްގައިތޯ ބެލިއިރު، އެފަދަ އުސޫލެއް އެންމެ ފުރަތަމަ އެކުލަވާލާފައިވަނީ 29 ޖަނަވަރީ 2012ގައި ކަން މިކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގެން އޮތަތީއާއި،
އަދި މި މައްސަލައާ ގުޅިގެން ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާނުގައިވެސް 2010 ވަނަ އަހަރު އެފަދަ އުސޫލެއް ނޯންނަކަމަށް ބުނެފައިވާތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭ މިންވަރަށް ހެކި މިކޮމިޝަންގެ ތަޙްޤީޤަށް ލިބިފައި ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.