ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއަށް 1 ޖަނަވަރީ 2013 އިން ފެށިގެން 17 ސެޕްޓެންބަރ 2014 ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ބަލައިގަތް އެއްވެސް ފައިސާއަކުން އެމުއްދަތުގައި އެއްވެސް ޚަރަދެއް ނުކުރާ ކަމަށާއި ކައުންސިލަށް ބަލައިގަންނަ ހުރިހާ ފައިސާއެއް ބަލަހައްޓަނީ ތިޖޫރީގައިކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވާއިރު، މިމުއްދަތުގައި ކައުންސިލްގެ އާމްދަނީ އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާކަން އެ އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓް ތަކުން އެނގޭ ކަމަށާއި، އަދި އެމުއްދަތުގެ ތެރޭގައި ޖުމްލަ27,083.00 (ހަތާވީސްހާސް އަށްޑިހަ ތިނެއް) ރުފިޔާ ލިބުނުކަމަށް އެއިދާރާގެ ރިކޯޑްތަކުން ދައްކާކަމަށާއި 27 ސެޕްޓެންބަރު 2014 ގައި ކައުންސިލްގެ އިދާރާގެ ތިޖޫރީގައި މަދުވެގެން 27,083.00 (ހަތާވީސްހާސް އަށްޑިހަތިން ރުފިޔާ) ހުންނަން ޖެހޭނެކަމަށް ލިޔެކިޔުންތަކުން ދައްކާއިރު، ތިޖޫރި ގުނިއިރު ތިޖޫރީގައި ހުރީ 19,318.00 (ނަވާރަހާސް ތިންސަތޭކަ އަށާރަ) ރުފިޔާ ކަމަށާއި އެހެންކަމުން އެމުއްދަތުގައި ލިބުނު ފައިސާގެ ތެރެއިން މަދުވެގެން 7,765.00 (ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ މަދުވާ ކަމަށާއި، 09 މާރިޗު 2016 ގައި ކައުންސިލްގެ އިދާރާގެ ތިޖޫރީ ގުނިއިރު ތިޖޫރީގައި ހުންނަންޖެހޭ ކަމަށް ލިޔެކިޔުންތަކުން ދައްކާ ފައިސާއަށްވުރެ ތިޖޫރީގައި 35,573.83 (ތިރީސް ފަސްހާސް ފަސްސަތޭކަ ހަތްދިހަ ތިން ރުފިޔާ އައްޑިހަ ތިންލާރި) ރުފިޔާ މަދުވާކަމަށް ހުވަދުއަތޮޅު ދެކުނުބިރީ ފިޔޯރީ ކައުންސިލުގެ އިދާރާގެ 2013 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް (ނަންބަރު:COM-2016-19(D)) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.
- މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މި ކޮމިޝަނުން ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީ 09 މާރިޗް 2016 ވަނަ ދުވަހު ގުނިއިރު، ތިޖޫރީގައި ހުންނަންޖެހޭ ފައިސާއަށްވުރެ 35,573.83 (ތިރީސް ފަސްހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށްޑިހަ ތިންލާރި) ރުފިޔާ ތިޖޫރީގައި މަދުކަން ފާހަގަކުރެވިފައިވާތީއާއި،
ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީއާ ޙަވާލުވެ ހުންނަނީ އެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރކަން އޭނާގެ ބަހުންނާއި މި މައްސަލާގައި ބަޔާންދީފައިވާ އެހެނިހެން މީހުންގެ ބަޔާންތަކުން އެނގޭތީއާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ޗުއްޓީއަށް ދާއިރު ތިޖޫރީގެ ތަޅުގަނޑި ކައުންސިލްގެ އިދާރާގެ ދެ މުވައްޒަފަކާ ޙަވާލުކުރެވިފައި ވާނެކަމަށާއި ޗުއްޓީގައި ހުރިއިރު ކައުންސިލްގެ އިދާރާއަށް ލިބޭ ފައިސާ ކައުންސިލްގެ ފަރާތުން ބަލައިގަތުމަށްފަހު ބައެއްފަހަރު ހުންނަނީ ތިޖޫރީއަށް ލާފައި ކަމަށް އެޑްމިނިސްޓްރޭޓިވެ އޮފިސްރ ބުނެފައިވީނަމަވެސް، ތިޖޫރީ ހުޅުވައި ތިޖޫރީއަށް ފައިސާ ލާފައިނުވާނެކަމަށް ތަޅުދަނޑި ޙަވާލުކުރި ދެ މުވައްޒަފުން ބުނެފައިވާތީއާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ޗުއްޓީއަށް ދިޔައިރު ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާ ތިޖޫރީ ޙަވާލުކުރުމުގެ ކުރިން ތިޖޫރީގައި ހުރި ފައިސާގެ މިންވަރެއް ނުބަލާކަމަށާއި އަދި ޗުއްޓީ ނިމިގެން އެބުރި އައިސް ތިޖޫރިއާ ޙަވާލުވާއިރުވެސް ތިޖޫރީގައި ހުރި ފައިސާގެ ޢަދަދު ބަލާހަދާފައި ނުވާނެ ކަމަށް އޭނާ ބުނެފައިވާތީ،
މިމައްސަލާގައި ކަންހިގާފައިވާ ގޮތަށްބަލާއިރު ކަނޑައެޅިގެން ނާޖާއިޒުގޮތުގައި މަންފާއެއް ހޯދުމަށް ނުވަތަ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެއްކިލިބިފައިނުވާތީ ޤާނޫނު ނަންބަރު 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން)ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ވަނީ ނިންމާފައެވެ.
- މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީން މަދުވެފައިވާ ފައިސާއަށް ޒިންމާވާންޖެހޭނީ ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީއާ ޙަވާލުވެ ހުރި އެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރކަމަށް ދަލީލުކޮށްދޭތީއާއި، ތިޖޫރީން ފައިސާ މަދުވެފައިމިވަނީ އެންމެ އެކަށީގެންވާ ގޮތުގައި ލިޔެކިޔުންތައް އޭނާއަށް ބެލެހެއްޓިފައި ނެތުމުންކަމަށާއި ތިޖޫރިން ފައިސާ މަދުވުމުގައި އޭނާގެ އިޙްމާލު ވާކަން އޭނާ ޤަބޫލުކުރާކަމަށާއި މަދުވާފައިސާ އޭނާ ދައްކަން ޖެހޭކަމަށްވާނަމަ އެފައިސާ އޭނާ ދައްކާނެކަމަށް އޭނާ ތަޙުޤީޤުގައި ބުނެފައިވާތީ،
ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީ 09 މާރިޗް 2016 ވަނަ ދުވަހު ގުނިއިރު، މަދުވާ 35,573.83 (ތިރީސް ފަސްހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށްޑިހަ ތިންލާރި) ރުފިޔާ ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ތިޖޫރީއާ ޙަވާލުވެ ހުރި އެ އިދާރާގެ އެޑްމިނިސްޓްރޭޓިވެ އޮފިސްރގެ އަތުން ހޯދުމަށްފަހު ދަޢުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތަށް އެފައިސާ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށްފަހު މިކޮމިޝަނަށް އެންގުމަށް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގެ ދަށުން ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއަށް ވަނީ އެންގިފައެވެ.
- ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމަށްފަހު، އެފައިސާ ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާނުކޮށް ނުވަތަ ފޮނުވަންޖެހޭ ފަރާތްތަކަށް ނުފޮނުވައި ވަރަށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރެވިފައިވާތީއާއި، މިގޮތަށް ހުރި ފައިސާގެ ތެރޭގައި އެކިއެކި ޤާނޫނުތަކުގެ ދަށުން ބަލައިގަނެ ދައުލަތުގެ އާމްދަނީގެ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާއާއި މުދަލުޒަކާތްފަދަ ފައިސާވެސް ހިމެނޭކަން ފާހަގަކުރެވިފައިވާތީ، ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަމުން ގެންދިއުމަށާއި،
ކޮންމެ ހަފްތާއެއްގެ ނިޔަލަށް ތިޖޫރީގައި ހުރި ފައިސާގެ ހިސާބު (ނަގުދުފައިސާއިން ހުރި އަދަދާއި ޗެކުން ހުރި ވަރާއި، ބޭރުފައިސާހުރިނަމަ، އޭގެ ކޮންމެ ވައްތަރެއް ވަކީން ހުރި އަދަދު) ބަލައި، ތިޖޫރީއާއި ހަވާލުވެހުރި މުވައްޒަފުގެ އިތުރަށް އޮފީހުގެ އިސް މުވައްޒަފަކު އެހިސާބު ޗެކްކޮށް، ފައިސާ ގުނައި، އަދި އޮފީހުގެ ވެރިޔަކު އެހިސާބު ބަލަމުން ގެންދަންވާނެކަމާއި، ތިޖޫރީގެ ހަފްތާ ހިސާބު ތައްޔާރުކޮށް، ކޮންމެ އާދިއްތަ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން މިނސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވަންވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއިން ތިޖޫރީ ރިޕޯޓް އެއްގޮތަކަށްވެސް ހަދާފައި ނުވާކަން ފާހަގަކުރެވިފައިވާތީއާއި، އަދި ތިޖޫރީގައި ހުރި ފައިސާގެ ތަފްޞީލް (އައިޓަމްތަކުގެ ބާކީ) ވެސް ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާތީ، މިކަމަކީ ކޮރަޕްޝަނަށް ވަރަށް ބޮޑަށް ދޮރު ހުޅުވިފައިވާ ކަމަކަށްވެފައި މިކަމުގެ ސަބަބުން ތިޖޫރީން ފައިސާ މަދުވިޔަސް އެކަން ފާހަގަ ނުކުރެވި ގިނަދުވަސްތަކެއް ފާއިތުވެ ކައުންސިލަށް މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވޭތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތިޖޫރީގައި ބަހައްޓާ ފައިސާގެ ތަފްޞީލް ބެލެހެއްޓުމަށާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުމަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ތިޖޫރީ ރިޕޯޓް ފޮނުވަމަށްވެސް ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއަށް ވަނީ އެންގިފައެވެ.
02 އޮގަސްޓު 2016