ވޯކްސް ކޯޕަރޭޝަން ލިމިޓަޑުން އެކުންފުނީގެ އުސޫލުތަކާ ޚިލާފަށް ބައެއް މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައި، ފައިސާ ދީފައިވާކަމަށް ފާހަގަކޮށްފައިވާ މައްސަލައާ ގުޅޭ

14 Aug 2016

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުގަޑީގެ ފައިސާދޭން ކަނޑައަޅާފައިވާ އުސޫލުތަކާ ޙިލާފަށް ބައެއް މުވައްޒިފުން ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައި، ފައިސާ ދީފައިވާ ކަމަށް އެކުންފުނީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު (ނަންބަރު:SPE-2014-06) ގައި ފާހަގަކޮށްފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް އެ ކުންފުނީގެ އެމްޕްލޯއިމަންޓް އެންޑް ބެނެފިޓްސް ޕޮލިސީއާ ޚިލާފަށް އިތުރު ގަޑީގައި ފައިސާ ދީފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެކުންފުނީގެ މުވައްޒިފުންގެ އިތުރުގަޑީގެ ފައިސާދޭން ހަމަޖައްސާފައިވަނީ އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކުންފުނީގެ ސެލެރީ ޕޮލިސީގެ ދަށުން ކަމަށްވާތީ އާއި،

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލަރީ ޕޮލިސީގައި ބަޔާންކުރާ ލެވެލް 5 އަށްވުރެ ދަށް ލެވެލްގެ މަޤާމުތަކުގައި މަސައްކަތްކުރި ބައެއް މުވައްޒަފުންނަށް ފިކްސްޑް އޯވަރޓައިމް ދީފައިވަނީ އެ ފަރާތްތަކަކީ ފިކްސްޑް އޯވަރޓައިމް ދިންއިރު ލެވެލް 5ގެ މަޤާމުތަކާ އެއްވަރުގެ މަސްއޫލިއްޔަތާއި ޒިންމާ ނަގާ ފަރާތްތަކެއް ކަމަށް ވާތީ އާއި،

އަދި، ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ދޯނިފަހަރު ތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ފިކްސްޑް އޯވަޓައިމް ދިނުމަށް ނިންމާފައިވަނީ އެ މުވައްޒިފުންނަކީ ގިނަ ވަގުތުގައި ކަނޑުމަތީ މަސައްކަތުގައި އުޅޭ މުވައްޒިފުންކަމަށްވާތީ، މަސައްކަތްކުރާ ވަގުތަށް ބަލާފައި އިތުރުގަޑީގެ ފައިސާ ދޭނަމަ ވަރަށް ބޮޑު އަދަދެއް ދޭން ޖެހޭނެތީ ކަމަށް މި ކޮމިޝަނަށް ބަޔާން ދިން ފަރާތްތަކުން ބުނެފައިވާތީ އާއި،

އޮޓިޑަރ ޖެނެރަލްގެ އޮޑިޓް ރިޕޯރޓްގައި ނ.ކުޑަފަރީ ބަނދަރު ހެދުމުގެ މަސައްކަތުގައި އުޅުނު “ސްޕަވައިޒަރ” އަށް 2011 ވަނަ އަހަރު ތެރޭގައި އިތުރުގަޑީގެ ގޮތުގައި އޭނާއަށް ހައްޤުވާ އަސާސީ މުސާރައިގެ 146% އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، ރަށް ރަށުގައި މަސައްކަތް ކުރާ މުވައްޒިފުންނަކީ ގިނަ ވަގުތު  މަސައްކަތުގައި އުޅޭފަރާތްތައް ކަމަށްވާތީ އެ ފަރާތްތަކަށް އިތުރުގަޑީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހުމުން، އެ ފަރާތްތަކަށް ފިކްސްޑް އޯވަރޓައިމް ދޭގޮތަށް އެކުންފުނިން ނިންމާފައިވާތީއާއި،

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޕްލޯއިމަންޓް ބެނެފިޓް އެންޑް ސެލެރީ ޕޮލިސީއާ ޚިލާފަށް ކުންފުނީގެ އެއްވެސް މުވައްޒިފަކަށް އިތުރުގަޑީގެ ފައިސާ ދީފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.

 

29 ޝައްވާލް 1437
03 އޮގަސްޓު 2016


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×