ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޢިނާޔަތުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ނުލިބި ހުރި ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބެން އޮތް ފައިދާ ލިބިފައިނުވާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 1992 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޢިނާޔަތުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2008 ވަނަ އަހަރު އިތުރުކޮށްދީފައިވަނީ، އެފަދައިން ލޯނު ދޫކޮށްފައިވާ ހުރިހާ ފަރާތަކަށް ހަމަހަމަކަމާއެކު، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތިކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި،
އެފަދަ ލޯނުތައް ބެލެހެއްޓުން އޭގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ހަވާލުކުރާ އުސޫލުން އެ ލޯނުތައް ބެލެހެއްޓުމާއި، އެ ލޯނުތަކާ ގުޅިގެން އަންގަންޖެހޭ އެންގުންތައް އަންގައި ލިޔެކިޔުންތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާ ގޮތުގެމަތިން އެ މިނިސްޓްރީން ޢަމަލުކޮށްފައިވާކަމާއި، އެ ލޯނުތަކާ ގުޅޭ ހިސާބުތައް އެ މިނިސްޓްރީން ބަލަހައްޓާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީއާއި، ލޯނުތައް އަނބުރާ ނުދައްކާ ފަރާތްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ޤާނޫނީ ބުރަދަން ބެލުމަށް އެޓާރނީ ޖެނެރަލްގެ އޮފީހާއެކު އެ މިނިސްޓްރީން މުޢާމަލާތުކޮށްފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީއާއި،
ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި ކޮންމެ މަހަކުވެސް ބޮޑު ޢަދަދެއް ޖަމާވަމުންދާތީއާއި އަނބުރާ ނުލިބިހުރި ލޯނުތަކާ ގުޅިގެން ޢަމަލުކުރުމަށް 2015 ވަނަ އަހަރު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެމްބަރ 2015 ގައި އެކުލަވާލި “1992 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ ޓްރެޜަރީން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ދައްކާ ޚަލާޞްކޮށްފައިނުވާ ލޯނުތަކާމެދު ޢަމަލުކުރާނެ އުސޫލު” އާ އެއްގޮތަށް އެ ލޯނުތައް ރީޝެޑިއުލްކޮށް، އާ ޝެޑިއުލާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް އެންގުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރަމުންދާކަމާއި،
އެ އުސޫލުގެ ދަށުން މިހާތަނަށް ޖުމުލަ 18 ފަރާތަކާއެކު ލޯނު އަނބުރާ ދެއްކުމުގެ އާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށާއި ލޯނު އަނބުރާ ނުދައްކާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެޓާރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ބޭނުންވާ ލިޔުންތައް އެ މިނިސްޓްރީން ތައްޔާރުކުރަމުންދާކަމަށް އެ މިނިސްޓްރީން މި ކޮމިޝަނަށް މަޢުލޫމާތުދީފައިވާތީއާއި،
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 06 ޖޫން 2013 ގައި ނެރެފައިވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޢިނާޔަތުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން، 2010 ވަނަ އަހަރުގެ ނިޔަލަށް 154 ލޯނަކުން ޖުމުލަ 51,402,714.00 (ފަންސާސް އެއްމިލިއަން ހަތަރުލައްކަ ދެހާސް ހަތްސަތޭކަ ސާދަ) ރުފިޔާ ނުލިބިހުރިކަން ބަޔާންކޮށްފައިވެއެވެ. ތަޙްޤީޤަށް ލިބިފައިވާ 2015 ވަނަ އަހަރުގެ ލިޔުންތަކަށް ބަލާއިރު، 2015 ވަނަ އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކޮށްފައި ނުވަނީ 97 ލޯނުކަމާއި، އެ ލޯނުތަކުން އިންޓަރެސްޓް އާއެކު އެހާތަނަށް ދައުލަތަށް އަނބުރާ ދައްކަންޖެހޭ 79,050,116.00 (ހަތްދިހަނުވަ މިލިއަން ފަންސާސްހާސް އެއްސަތޭކަ ސޯޅަ) ރުފިޔާގެ ތެރެއިން 29,639,696.58 (ނަވާވީސް މިލިއަން ހަލައްކަ ތިރީސްނުވަހާސް ހަސަތޭކަ ނުވަދިހަ ހަ ރުފިޔާ ފަންސާސް އަށްލާރި) ދައުލަތަށް ހޯދާފައިވާތީ، އެ ލޯނުތަކާގުޅޭ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބެލެވެން ނެތުމުންނާއި، 2015 ވަނަ އަހަރުގެ ނިޔަލަށް އެ ލޯނުތަކުގެ ގޮތުގައި އިންޓަރެސްޓް އާއެކު ދައުލަތަށް ނުލިބިހުރީ 49,410,146.42 (ސާޅީސްނުވަ މިލިއަން ހަތަރުލައްކަ ދިހަހާސް އެއްސަތޭކަ ސާޅީސް ހަ ރުފިޔާ ސާޅީސް ދެލާރި) ކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، އެ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން މި ކޮމިޝަނަށް އަންގާފައިވާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް ހިމެނިފައިނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.
• ދައުލަތަށް ނުލިބިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މަސައްކަތްކުރަމުންދާކަން ތަޙުޤީޤަށް ފާހަގަކުރެވުނު ނަމަވެސް، އެ ފައިސާ ހޯދުން ލަސްވާކަން ތަޙުޤީޤަށް ފާހަގަކުރެވޭތީ، މިހާރަށްވުރެ ހަލުވިކޮށް އެ މަސައްކަތް ކުރިއަށްގެންދިއުމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.07 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އެ ލޯނުތަކުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި ޝަރީޢަތަށް ފޮނުވައިގެން އެ ފައިސާ ހޯދަންޖެހޭ ފަރާތެއްވާނަމަ، އެފަރާތެއްގެ މައްސަލަ ޝަރީޢަތަށް ފޮނުވުން ވީހާވެސް އަވަސްކުރުމަށްޓަކައި، ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމުގައި ލަސްނުކުރުމަށާއި،
• ލޯނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލޯނުތަކުގެ ލިސްޓުގައި ސީރިއަލް ނަންބަރުތަކުގެ ބައެއް ނަންބަރުތައް ނެތްކަން ތަޙްޤީޤުގައި ފާހަގަކުރެވިފައިވާތީ، އެފަދަ ހިސާބުތަކުގެ ލިސްޓުތަކުގައި ސީރިއަލް ނަންބަރު ޖެހުމުގައި މިހާރަށްވުރެ ފަރުވާތެރިވުމަށާއި، ސަމާލުކަން ދިނުމަށާއި،
• އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެމްބަރ 2015 ގައި އެކުލަވާލި “1992 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ ޓްރެޜަރީން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ދައްކާ ޚަލާޞްކޮށްފައިނުވާ ލޯނުތަކާމެދު ޢަމަލުކުރާނެ އުސޫލު” އާ އެއްގޮތަށް އެ ލޯނުތަކުގެ ފައިސާ އަނބުރާ ނުދައްކާ ފަރާތްތައް ބްލެކްލިސްޓްކޮށް، އެ ފަރާތްތަކުގެ މަޢުލޫމާތު ދިވެހިރާއްޖޭގައި ހުރި ބޭންކުތަކަށް ފޮނުވައި، ދައުލަތަށް ލިބެންޖެހޭ ފައިސާ އަވަހަށް ހޯދުމަށް އިތުރަށް މަސައްކަތްކުރުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ ދެންނެވިފައެވެ.