އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާއަކީ އެމްއެންޔޫގެ ބިޒްނަސް ސްކޫލާ ގުޅިގެން “ސެޓްފިކެޓް 3 އިން ޕަބްލިކް ޕްރޮކިއުމަންޓް އެންޑް ފައިނޭންޝިއަލް ރެގިއުލޭޝަން” ގެ ނަމުގައި ކޯހެއް ހިންގުމަށްޓަކައި ދެފަރާތުން މަސައްކަތްކުރުމަށް ޤާއިމްކުރި ފަހުމްނާމާއެކެވެ.
ފަހުމްނާމާގައި ސޮއިކުރުމަށް އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ސްކޫލްގެ ޑީން އަލްފާޟިލް ޝާތިފް ޢަލީއެވެ. ދައުލަތުގެ މުދަލާ ފައިސާ ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށާއި މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ޤަސްދުކުރާ މި ކޯހުގައި ކިޔަވައިދިނުމުގެ އެންމެހާ ކަންތައް ކުރައްވާނީ ޤައުމީ ޔުނިވަރސިޓީއިންނެވެ. މޮޑިއުލްތައް އުފެއްދުމުގައި ފަންނީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ހަމަޖެހިފައިވަނީ އޭސީސީއިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ އޭސީސީއަށް އެންމެގިނައިން ހުށަހެޅެނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ކަމަށްވާތީ، މިކޯހުގެ ސަބަބުން އޭސީސީއަށް ހުށަހެޅޭ ޕްރޮކިއުމަންޓާގުޅޭ މައްސަލަތަކުގެ އަދަދު ދަށްކުރުމަށް އެހީއަކަށް ވެގެންދާނެކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެހެން ޤައުމުތަކާ އެއްފެންވަރެއްގައި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ރިސޯސް ރާއްޖޭގައިވެސް މިހާރު އެބަހުރިކަން ފާހަގަ ކުރެއްވިއެވެ. ބިޒްނަސް ސްކޫލްގެ ޑީންގެ ވާހަކަފުޅުގައި ކޮރަޕްޝަނާ ދެކޮޅަށް އޭސީސީއިން ކުރާ މަސައްކަތުގައި އެމްއެންޔޫއިން ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އުފަލެއް ކަމަށާއި އުއްމީދުކުރަނީ މި ކޯހުގެ ސަބަބުން ނަޒާހަތްތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.