ޕެންޝަން ސްކީމްގެ ޖަރީމާ

13 Oct 2016

“އަހަރެން އެއޮފީހަށް ގޮސްފިއްޔާ އެމީހުން އަހަރެންގެ އަތުން  އަހަރެންގެ އެއްމަހުގެ މުސާރައަށް ވާވަރަށް ފައިސާ ރިޝްވަތުގެ ގޮތުގައި އަތުލާނެ… އެތަން ހީވަނީ މާފިއާ ތަނެއްހެން.”

ޑރ. ކަދީރު* ޕެންޝަނުގެ ގޮތުގައި ރައްކާކުރެވިފައިވި އޭނާގެ ފައިސާ ހޯދުމަށް ޕާކިސްތާނުގައި ކުރަންޖެހުނު ތަޖުރިބާ އަދިވެސް ހަނދާންހުރެއެވެ. ސީނިއަރ ޕެތޮލޮޖިސްޓެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރުމަށްފަހު ވަޒީފާއިން ވަކިވިއިރު އޭނާއަށް ޙައްޤުވާ ސަރުކާރުގެ ޕެންޝަނުގެ ފައިސާވެއެވެ.

“މިފައިސާ ހޯދުމަށް ވަރަށް ދިގު އިޖުރާއާތެއް ފުރިހަމަކުރަންޖެހޭ” ކަދީރު ބުންޏެވެ.
” ވަޒީފާ އަދާކޮށްފައިވާކަން ސާބިތުކޮށްދިނުމަށް އެތައް  ބައިވަރު ލިޔެކިއުން ހުށަހަޅަންޖެހޭ! އެމީހުންނާއެކު މަޝްވަރާއަކަށް ދެވޭ ވަރު ވާނީ އެތައް ހުއްދަތަކަކާއި ސަރުކާރުގެ އެކި ލެވެލުން އެތަކެއް ކަމެއް ފާސްވެގެން”.

އަދި އެ ނިމުނީއެއް ނޫނެވެ! “މިނިޒާމު ހިނގާ ގޮތުން، ކޮންމެ މީހަކަށްވެސް ޖެހެނީ ކޮންމެ މަރުހަލާއެއްގައިވެސް އޮފިސަރަކަށް ރިޝްވަތުދޭން!” ޑރ.ކަދީރު ބުންޏެވެ. ފުރަތަމަ އޭނާ ރިޝްވަތުދިނުމަށް އިންކާރުކުރީއެވެ. އެހެންނަމަވެސް، އޭނާގެ އެޕްލިކޭޝަން ކުރިއަށް ނުގޮސް ތިން މަސްވުމުން އޭނާއަށްވެސް ޖެހުނީ އޭނާގެ ގޮތްދޫކޮށް ރިޝްވަތުދޭށެވެ. “އަހަންނަށް މަޖުބޫރުވީ!” އޭނާ ބުންޏެވެ. ” އެހެންނޫނީ އެމީހުން އަހަރެންގެ ލިޔެކިޔުންތައް ބަލައިނުގަންނާނެ. އަހަންނަށް  ރިޝްވަތުދޭން މަޖުބޫރުވީ!”

މިއީ މާޔޫސްވާންޖެހޭ، އާންމުކޮށް ހިނގާ ކަމެއްކަމަށް ޑރ. ކަދީރު ބުންޏެވެ. އެއް އޮފީހުން ނިންމަންޖެހޭ ކަންކަން ނިމި އަނެއް އޮފީހުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ އޮފީހަށް ދިއުމުން، އެ އޮފީހުގެ ތެރެއިންވެސް ކަދީރުއަށް ދިމާވީ ހަމަ މިގޮތަށެވެ. ޖެހުނީ ރިޝްވަތުދޭށެވެ.

ޑރ.ކަދީރު ބުނިގޮތުގައި އޭނާ އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް އެއޮފީހުގައި ހުރި އޮފިޝަލް ބުންޏެވެ. އެހެންނަމަވެސް، ހަމަ އެއޮފިޝަލް، ޑޮކްޓަރުގެ އެއް މަހުގެ މުސާރައަށް ވާވަރަށް އޭނާއަށް ފައިސާ ދީފިނަމަ އެކަންތައް ދޫކޮށްލައި އޭނާގެ ‘ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނެ’ ކަމަށް ޑރ.ކަދީރުއަށް ވަޢުދުވިއެވެ. ސީނިއާރ ޕެތޮލޮޖިސްޓަކަށް މިއީ 200000 ޕާކިސްތާން ރުޕީސް (2000 އެމެރިކާ ޑޮލަރު) އެވެ.

“މިކަހަލަ ޙާލަތްތަކާ ކުރިމަތިލާންޖެހި، އެއްވެސް އަލިމަގެއް ނުފެނި ތިބި އެތަކެއް މީހުން އެބަތިބި” އޭނާ ބުންޏެވެ. “ބައެއް މީހުން ނިޔާވުމުން ވެސް ޢާއިލާތަކަށް އެއްވެސް ފައިސާއެއް ނުލިބޭ. އަހަރެން ދަންނަ ޢާއިލާއެއްގައިވެސް، އެ ޢާއިލާގެ ހުރިހާ ޚަރަދުތައް ބަލަހައްޓާ މީހާ ނިޔާވީ މީގެ 10 އަހަރު ކުރިން. އަދިވެސް އެޢާއިލާއަކަށް އޭނާގެ ޕެންޝަން ފައިސާއެއް ނުލިބޭ.”

މިކަމާ ގުޅިގެން އޭނާއަށް އެއް އޮފީހަކަށް ފަސް ފަހަރު މަތިން ދާންޖެހުމުން، އެންމެ ފަހުން އިތުރު ގޮތެއް ނެތިގެން މަޖުބޫރުވެގެން ރިޝްވަތުދިނީއެވެ. ނަމަވެސް، އޭނާ ބޭނުންވީ މިކަމާ ދެކޮޅަށް ތެދުވާށެވެ.

ޑރ. ކަދީރުއަށް ޕާކިސްތާނުގައި ހުންނަ  ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަންނާ ގުޅޭ ޤާނޫނީ ލަފާދޭ މަރުކަޒުގެ އިސްތިހާރެއް ޓީވީން ފެނި އެފަރާތާ ގުޅިއެވެ. ޑޮކްޓަރުގެ ވާހަކަ އަޑުއަހާފައި އެމަރުކަޒުން އެޕްރޮވިންސްގެ އެކައުންޓެންޓް ޖެނެރަލަށް ގުޅާ، ސަރުކާރުގެ ޗީފް ސެކްރެޓްރީއާއި ޕާކިސްތާނުގެ މައި އެންޓި-ކޮރަޕްޝަން އިދާރާ ކަމަށްވާ ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯގެ ޗެއާމަނަށް މިކަން އެންގިއެވެ.

އަދި ވަރަށް އަވަހަށް އެބިއުރޯއިން މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެގެން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ޕާކިސްތާނުގެ ގޮތްޕަށް ގުޅިއެވެ. އަދި ޗީފް ސެކްރެޓްރީވެސް އެފަރާތާ ގުޅާ، ޑރ. ކަދީރު ގާތުން އެކަމާގުޅޭ ވާހަކަތައް ސައްޙަތޯ ބަލައި އޭނާގެ ޕެންޝަން އެކްޓިވޭޓް ކުރުމަށް އަންގައި އެކައުންޓެންޓް ޖެނެރަލަށް ސިޓީ ފޮނުވިއެވެ. އޭގެފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް އެކައުންޓެންޓް ޖެނެރަލްގެ އޮފީހުން ވަނީ، ޑރ. ކަދީރުއަށް އޭނާގެ ޕެންޝަން ފައިސާ ހޯދުމަށް ބޭނުންވާ ލިޔެކިއުން  ފޮނުވައި އަދި  މަޢާފަށް އެދި ސިޓީއެއްވެސް ފޮނުވާފައެވެ.

މިއީ މިކަހަލަ އެންމެ ޙާދިސާއެކެވެ. ޑރ. ކަދީރު ފަދައިން އެޙާލަތުގައި އަދިވެސް ވަރަށް ގިނަ މީހުން އެބަ ތިއްބެވެ. މިކަމާގުޅިގެން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ޕާކިސްތާނުން ގެންދަނީ މިފަދަ ކަންކަމާ ދެކޮޅަށް ތެދުވުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްކޮށް، މިފަދަ މައްސަލަތަކަށް ރިޢާޔަށްކުރުމަށް ވެރިންނަށް ބާރުއަޅަމުންނެވެ. “އަޅުގަނޑުމެންނަކީ ކޮރަޕްޝަނުގެ ނިޒާމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތައް” ޑރ.ކަދީރު ބުންޏެވެ. “މި ނިޒާމު ބަދަލުވާން އެބަ ޖެހޭ!”.

 

*ނަން ބަދަލުކުރެވިފައި

* ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ޕެންޝަން ސްކޭމް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/pension_scam



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×