އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އައި.އޭ.ސީ.އޭ) އިން ކުރިއަށްގެންދާ “އެސެމްބްލީ ޕާރޓީސް ޓު ދަ އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީސް” ގެ 5ވަނަ ސެޝަންގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރި ވެއްޖެއެވެ. މި ސެޝަންގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ ކޮމިޝަނުގެ ނާއިބުރައީސް މުޢައްވިޒު ރަޝީދު އަދި ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދު އެވެ.
އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ މި ސެޝަންއަކީ، ކޮންމެ އަހަރަކު އެއްފަހަރު ބޭއްވޭ ސެޝަނެކެވެ. މި ނޮވެމްބަރ މަހުގެ 10 އިން 11 އަށް ކުރިއަށްގެންދާ މިއަހަރުގެ ސެޝަންގައި އައި.އޭ.ސީ.އޭ ގެ މައިގަނޑު ސިޔާސަތުތައް ބައްޓަން ކުރުމާބެހޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރެވޭނެއެވެ. ހަމައެއާއެކު، އައި.އޭ.ސީ.އޭ ގެ ކުރިމަޤާމެދު މި ސެޝަންތަކުގައި މުހިންމު މަޝްވަރާތައް ކުރެވި ކަންކަން ނިމިގެންދާނެއެވެ. މިއަހަރުގެ މަޝްވަރާތަކުގައި ބައިވެރިވަނީ އައި.އޭ.ސީ.އޭ ގެ މެމްބަރު އެޖެންސީތަކުގެ އެންމެ އިސްވެރިންނެވެ.
މިހާތަނަށް 67 އެންޓި-ކޮރަޕްޝަން އެޖެންސީއަކުން ބައިވެރިވެފައިވާ އައި.އޭ.ސީ.އޭ އަކީ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އެޖެންސީތައް ބާރުވެރިކުރުމަށް 2011 ވަނަ އަހަރު އުފެދިފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.