މޯލްޑިވްސް މީޑިޔާ އިންސްޓްޓިއުޓް ޤާއިމްކުރުމަށްޓަކައި ކުއްޔަށް ހިފާފައިވާ ޢިމާރާތާ ގުޅޭ މައްސަލައިގައި ޕީ.އެސް.އެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި.

16 Jan 2017

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން “މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް” ހުޅުވުމަށްޓަކައި ހަދާނުނިމޭ ޢިމާރާތެއްގެ 02 ފްލޯރ ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާ ގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ ދަށުން ޕީ.އެސް.އެމް ގެ މައްޗަށް ލާޒިމްކޮށްފައިވާ މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޢިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިޢުލާނާގުޅިގެން ގުޅިގެން ހުށަހަޅާފައިވާ 03 ބިޑް، އެ ކުންފުނީގެ އަންދާސީ ހިސާބު ބަލާ ކޮމިޓީން އިވެލުއޭޓްކޮށްފައިވަނީ ބިޑް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ މައްޗަށްބަލައި، އެ އިޢުލާނާ ގުޅިގެން ޙިއްޞާކޮށްފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް ރަނގަޅަށް ކަމުގައި ވީނަމަވެސް، ބިޑް ކާމިޔާބު ކުރި ފަރާތުން ހުށަހަޅާފައިވާ ބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗުއަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ ޢިމާރާތް ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޢިމާރާތްކުއްޔަށް ހިފުމަށް ރިކުއެސްޓްކުރި ޑިޕަރޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސްފަރާތަކުން އެ ޢިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަޤީންކޮށް ޕްރޮކިއުމަންޓް ޑިޕަރޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ނިންމާފައިވާ ފަދައިން، އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެފަރާތަކުން ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގެންއޮތަތީއާއި،

އަންދާސީ ހިސާބު ބަލާ ކޮމިޓީން ކުއްޔަށްހިފުމަށް ނިންމާފައިވާ ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37000(ތިރީސްހަތްހާސް) ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސް ކަން އެނގެންއޮތަތީއާއި، އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން ޢިމާރާތް ޕީ.އެސް.އެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ޙަވާލުކޮށްފައި ނުވާކަން އެނގެންއޮތްނަމަވެސް، އެކަމާ ގުޅިގެން ޕީ.އެސް.އެމް އިން އިދާރީ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވޭތީއާއި،

އެ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް، ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ ސޮއިކޮށް ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕަރޓްމަންޓަށް ފޮނުވާފައިވާ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 (އެއްލައްކަ އެގާރަހާސް) ރުފިޔާ ޕީ.އެސް.އެމް އިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައި އޮތަތީއާއި،  އޭގެ ފަހުން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ -/74000 (ހަތްދިހަހަތަރުހާސް) ރުފިޔާ އެ ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ޕީ.އެސް.އެމް އިން ދީފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގެންއޮތްނަމަވެސް، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ޕީ.އެސް.އެމް އިން އެ ޢިމާރާތުގެ ކުލި ދީފައިވަނީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް ޕީ.އެސް.އެމް އިން ސޮއިކޮށްފައިވާ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ޢިމާރާތް ކުއްޔަށްދޭ ފަރާތުން ޢިމާރާތް ޕީ.އެސް.އެމް އާ ޙަވާލުކުރުމުގެ ކުރިން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެފަރާތުން ފުރިހަމަ ކޮށްފައި ނުވަނީސް ކަން ތަހްޤީޤަށް އެނގެންއޮތަތީ،

އެ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި، ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ އެ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާ ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތްކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު 13/2008(އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި ޕީ.އެސް.އެމްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ ގެ މައްޗަށް ޤާނޫނު ނަންބަރު 9/2014(ދިވެހިރާއްޖޭގެ ޤާނުނުލްޢުޤޫބާތު) ގެ 513 ވަނަ (ށ) ގެ (1) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

އަދި މިދަޢުވާގައި، މީޑިއާ ޓްރެއިނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޕީ.އެސް.އެމް އިން ކުއްޔަށް ހިފާފައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ޕީ.އެސް.އެމް އިން ޚަރަދުކޮށްފައިވާ -/481000 (ހަތަރުލައްކަ އަށްޑިހައެއްހާސް ރުފިޔާ) އަކީ އެ ކުންފުންޏަށް ގެއްލުންވާގޮތަށް ޚަރަދުކޮށްފައިވާ ފައިސާއެއް ކަމުގައިވާތީ، އެ ޢިމާރާތުގެ  ކުލީގެ  ގޮތުގައި  ޕީ.އެސް.އެމް އިން   ދައްކާފައިވާ  -/481000 (ހަތަރުލައްކަ އަށްޑިހަ އެއްހާސް ރުފިޔާ) ޕީ.އެސް.އެމްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ ގެ އަތުން އަނބުރާ ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×