މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ފުޑް ސެންޓަރ (އޮއިވާލި ކަނދުފަތި އަދި އެން ކަނދުފަތި ތައްޔާރުކޮށް ދިރާސާކުރާ ސެންޓަރ) އަދި ފިޝަރީޒް ޓްރެއިނިންގ ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 2 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ 8 އެސްޓިމޭޓަކީ 2 ފަރާތަކުން ހުށަހަޅާފައިވާ އެސްޓިމޭޓްތަކެއްކަން ފާހަގަކުރެވޭ ކަމަށާއި، މެރިން ރިސާރޗް ސެންޓަރގެ ސެކިއުރިޓީ ބެލެހެއްޓުން ސެކިއުރިޓީ ފާމަކާއި ހަވާލުކޮށްފައިވާއިރު، ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް އެސްޓިމޭޓް ހޯދާފައިނުވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (ނަންބަރު: FIN-2012-02) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި، މަދުވެގެން ތިން ފަރާތުން އަންދާސީ ހިސާބު ހުށަނާޅާނަމަ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން އިޢުލާން ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި ބީލަމުގައި، މަދުވެގެން ތިން ފަރާތަކުން އަންދާސީ ހިސާބު ހޯދާފައިނުވާކަމާއި، އަދި އެގޮތަށް ޢަމަލުކޮށްފައި އެވަނީ ބޮޑަށް ލަފާކުރެވޭ ގޮތުގައި އެއީ ދެވަނައަށް ކޮށްފައިވާ އިޢުލާނުކަމަށް ވާތީކަމަށް އެމިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން މިކޮމިޝަންގެ ތަޙްޤީޤަށް މަޢުލޫމާތު ދީފައިވީނަމަވެސް، މިކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވަނީ އެއް އިޢުލާނުކަމާއި، އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންވެސް ދެވަނަ އިޢުލާނެއް ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައިނުވާތީއާއި، އަދި މިކޮމިޝަނަށް ލިބިފައިވާ އިޢުލާނުގައި ވެސް އެފަދަ ވާހަކައެއް ބަޔާންކޮށްފައި ނުވާތީ، އެ މިނިސްޓްރީން ދެވަނަ އިޢުލާނެއް ކޮށްފައިވާކަމަށް ނުބެލެވޭކަމާއި، މިކަމަކީ މާލިއްޔަތު ގަވާއިދުގެ ބާބު 8 ގެ 19 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައި ވީނަމަވެސް، މިކަމަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ބޭނުމުގައި ކޮށްފައިވާކަމެއްކަން ތަޙްޤީޤަށް ސާބިތުވެފައިނުވާތީއާއި،
މި މަސައްކަތް ޙަވާލުކޮށްފައިވާ ކުންފުންޏަކީ މިމަސައްކަތަށް އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތްކަމަށް ވާތީއާއި، އެފަރާތަކީ ސެކިއުރިޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ އަދި ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަމަށް އިވެލުއޭޝަން ކޮމެޓީން ފާހަގަކޮށްފައިވާތީ،
ވިލިމާލޭ ޓްރޭނިންގ ސެންޓަރާއި، ހުޅުމާލޭގައި ހުންނަ އޮއިވާލި ކަނދުފަތި އަދި އެން ކަނދުފަތި ތައްޔާރުކޮށް ދިރާސާކުރާ ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރ 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.
2. މެރިން ރިސާރޗް ސެންޓަރގެ ސެކިއުރިޓީ ބެލެހެއްޓުން ސެކިއުރިޓީ ފާމަކާއި ހަވާލުކޮށްފައިވާއިރު، ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް އެސްޓިމޭޓް ހޯދާފައިނުވާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މެރިން ރިސަރޗް ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް، 01 ފެބްރުއަރީ 2009 ގައި ހަވާލުކުރުމަށްފަހު، ހަދާފައިވާ އެއްބަސްވުން އިސްލާޙްކޮށް، 17 ޖެނުއަރީ 2010 ގައި “އިސްލާޙް ނަންބަރު 01” ގެ ނަމުގައި އެއްބަސްވުމެއް ހަދާފައިވާތީއާއި، މިކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކަށް ބަލާއިރު، 01 ފެބްރުއަރީ 2009 ގައި މެރިން ރިސަރޗް ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 8 ގެ 14 ވަނަ މާއްދާއާއި ޚިލާފަށްކަން ސާބިތުވާ ވަރަށް، ހެއްކާއި ޤަރީނާ ލިބިފައިނުވާތީ، މެރިން ރިސާރޗް ސެންޓަރގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ނުވަތަ އެ މަސައްކަތް ޙަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، ޤާނޫނު ނަންބަރ 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީއެވެ.