ބަހްރެއިންގެ ޤުރުއާނަށް ޚިދުމަތްކުރާ ޖަމިއްޔާއަކާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ދިވެހިރާއްޖޭގެ ކޮންމެ ދިވެއްސަކަށް މުސްޙަފެއް ހޯދައިދިނުމުގެ މަގްސަދުގައި، ‘މުޞްޙަފް މާލްދީފް’ ގެ ނަމުގައި ފަށާފައިވާ މަޝްރޫއާގުޅޭ މައްސަލަ

13 Feb 2017

ބަހްރެއިންގެ ޤުރުއާނަށް ޚިދުމަތްކުރާ ޖަމިއްޔާއަކާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ދިވެހިރާއްޖޭގެ ކޮންމެ ދިވެއްސަކަށް މުސްޙަފެއް ހޯދައިދިނުމުގެ މަގްސަދުގައި ‘މުޞްޙަފް މާލްދީފް’ ގެ ނަމުގައި މަޝްރޫއެއް ފަށާފައިވާ ކަމަށާއި، އެމަޝްރޫއުގެ ދަށުން 300,000 މުސްޙަފާއި ކީރިތި ޤުރުއާންގެ 50,000 ދިވެހި ތަރުޖަމާ، އެޖަމިއްޔާއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޯރުކޮށްދިނުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައިވާކަމަށާއި، އެމަޝްރޫޢަށް ބޭންކުގައި ހުޅުވި އެކައުންޓަށް އެކި ފަރާތްތަކުން ފައިސާގެ އެހީގެގޮތުގައި 31 މާރިޗު 2015 ގެ ނިޔަލަށް ލިބިފައިވާ 1,068,905.00 (އެއްމިލިއަން ފަސްދޮޅަސް އަށްހާސް ނުވަސަތޭކަ ފަސް ރުފިޔާ) ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑަށް ޖަމާކުރުމަށްފަހު، އެހުރިހާ ފައިސާއެއް އެޖަމިއްޔާއިން ދީފައިވާ އެކައުންޓަށް ޖަމާކުރުމަށް މިނިސްޓްރީން ހުއްދަދީފައިވާ ކަމަށާއި، ނަމަވެސް އެއީ ކިތައް މުޞްޙަފު ޗާޕުކުރުމަށް ހޭދަވާނެ ފައިސާކަމާއި، ފައިސާ ފޮނުވުމަށްފަހު މުޞްޙަފުތައް ފޯރުކޮށްދޭންޖެހޭ މުއްދަތު އެނގޭނެ އެއްވެސް ލިޔުމެއް ތައްޔާރުކޮށްފައިނުވާކަމާއި، އަދި އެމަޝްރޫޢަށް ހޭދަވާނެ ޖުމްލަ ފައިސާގެ އަދަދު ނުވަތަ ކޮންމެ މުޞްޙަފަކަށް ޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި ދެފަރާތުން އެއްބަސްވެފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ތައްޔާރުކޮށްފައިނުވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޓްރަސްޓް ފަންޑުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓް (ނަންބަރު SPE-2015-34 – 30 ޑިސެންބަރު 2015) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ބަހްރެއިންގެ ޤުރުއާނަށް ޚިދުމަތްކުރާ ޖަމިއްޔާއަކާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ދިވެހިރާއްޖޭގެ ކޮންމެ ދިވެއްސަކަށް މުސްޙަފެއް ހޯދައިދިނުމުގެ މަގްޞަދުގައި ‘މުޞްޙަފް މާލްދީފް’ ގެ ނަމުގައި ފަށާފައިވާ މަޝްރޫޢުގެދަށުން، 300,000 މުސްޙަފާއި ކީރިތި ޤުރުއާންގެ 50,000 ދިވެހި ތަރުޖަމާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޯރުކޮށްދިނުމަށް އެއްބަސްވެ 2014 ވަނަ އަހަރު ސޮއިކޮށްފައިވާ އެމް.އޯ.ޔޫގައި މިމައްސަލައިގެ ޝަކުވާގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ބަޔާންކޮށްފައިނުވިނަމަވެސް، މި މައްސަލައިގައި ކަންހިންގާފައިވާ ގޮތަށް ބަލާއިރު، “މުސްޙަފް މާލްދީފް” ޕްރޮޖެކްޓަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އެހީގެ ގޮތުގައި ހޯދާފައިވާ ފައިސާ ބަހްރެއިންގެ ޤުރުއާނަށް ޚިދުމަތްކުރާ ޖަމިއްޔާއަށް ދެއްކުމުގެ ކުރިން، 18 ފެބްރުވަރީ 2016 ވަނަ ދުވަހު މިނިސްޓްރީގެ ވަފުދެއް ބަޙްރެއިންއަށް ގޮސް އެ ޖަމިއްޔާއާއި ބައްދަލުކޮށް ކޮންމެ މުސްޙަފެއް ޗާޕްކޮށް ރާއްޖެގެނައުމަށް ޖެހޭނީ $3 (ތިން ޔޫ.އެސް ޑޮލަރ) ކަމަށް ނިންމާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތަތީއާއި،

2. މިހާތަނަށް “މުސްޙަފް މާލްދީފް” ޕްރޮޖެކްޓަށް އެހީގެ ގޮތުގައި ހޯދާފައިވާ 2,175,520.35 (ދެ މިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ފަސްސަތޭކަ ވިހި ރުފިޔާ ތިރީސް ފަސްލާރި) އެއްކޮށް ޚަރަދުކޮށްފައިވަނީ މުސްޙަފް ޗާޕްކުރުމަށްކަމަށާއި، އެ ފައިސާއަށްވާ މުސްޙަފްތައް މިހާރު ހުރީ ޗާޕްކޮށް ރާއްޖެއަށް ފޮނުވުމަށް ސްރީލަންކާއަށް ފޮނުވާފައިކަން ޖަމިއްޔަތުލް ރިޔާޔަތުލް މުސްޙަފުއް ޝަރީފުން 06 ނޮވެމްބަރ 2016 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ފޮނުވާފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވޭތީއާއި، “މުސްޙަފް މާލްދީފް” ގެ ދަށުން 100,000 މުސްހަފް ދުބާއީއިން ޗާޕުކޮށްގެން މިހާރު ހުރީ ސްރީލަންކާއަށް ފޮނުވާފައިކަމާއި، ވީހާވެސް އަވަހަކަށް އެ މުސްޙަފަތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންކަމަށް ތަޙްޤީޤަށް އެނގޭތީ،

3. “މުސްޙަފް މާލްދީފް” ޕްރޮޖެކްޓަކީ މިހާރުވެސް ހިނގަމުންދާ ޕްރޮޖެކްޓަކަށްވެފައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މުސްޙަފް ޗާޕްކުރުމަށް ދައްކާފައިވާ 2,175,520.35 (ދެ މިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ފަސްސަތޭކަ ވިހި ރުފިޔާ ތިރީސް ފަސްލާރި) ރުފިޔާ އަށް ޗާޕްކުރެވޭ މުސްޙަފްގެ ޢަދަދަށްވުރެ އިތުރަށް ބަހްރެއިންގެ ޤުރުއާނަށް ޚިދުމަތްކުރާ ޖަމިއްޔާއަކުން ފޮނުވާފައިވާ މުސްޙަފްތަކަކީ އެ ޕްރޮޖެކްޓްގެދަށުން ރާއްޖެއަށް ފޮނުވަންޖެހޭ 300,000 މުސްޙަފް ހަމަކުރުމުގެގޮތުން ފޮނުވާފައިވާ މުސްޙަފްތަކެއްކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، މި މައްސަލައިގައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން މިނިސްޓްރި އޮފް އިސްލާމިކް އެފެއަރޒުން މަސައްކަތްކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިނުވާތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×