އެންޓި-ކޮރަޕްޝަން އެޑްވޮކަސީ ޕްރޮގްރާމްގެ ފުރަތަމަ ވޯކްޝޮޕް ބާއްވައިފި

01 Mar 2017

އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) މި އަހަރު އަލަށް ތަޢާރަފުކުރި އެންޓި-ކޮރަޕްޝަން އެޑްވޮކަސީ ޕްރޮގްރާމްގެ ފުރަތަމަ ވޯރކްޝޮޕް ބާއްވައިފިއެވެ. މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކުރެވުނު މި ވޯކްޝޮޕް މިފަހަރު ހިންގާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ނޫސްވެރިންނަށާއި ޕްރޮގްރާމް ޕްރޮޑިއުސަރުންނަށެވެ.
މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތާއި، ކޮރަޕްޝަންގެ ޢަމަލުތައް ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ނޫސްވެރިންގެ ދައުރާއި މީޑިއާއިން ކުރެވިދާނެ ކަންތައްތަކަށްވެސް އަލިއަޅުވާލިއެވެ.
އެންޓި-ކޮރަޕްޝަން އެޑްވޮކަސީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ވަކި ދާއިރާތަކަކަށް އަމާޒްކޮށްގެން ސިލްސިލާ ވޯކްޝޮޕްތަކެއްގެ ގޮތުގައެވެ. މުޅި އަހަރަށް ބަހާލައިގެން މަދުވެގެން މަހަކު 1 ވޯކްޝޮޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށާއި އެކި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ޚާއްޞަކުރުމަށްވަނީ ހަމަޖެހިފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި ކުރިޔަށް ގެންދެވުނު 3 ގަޑިއިރުގެ މި ވޯރކްޝޮޕްގައި ޕީއެސްއެމްގެ 12 މުވައްޒަފުން ބައިވެރިވިއެވެ. ވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×