ބޭސް ޑީލް

11 Apr 2017

ޞިއްޙީ ދާއިރާގެ ކޮންޓްރެކްޓްތަކުގައި އެތައް މިލިއަން ޑޮލަރުގެ އަގު ހުންނާތީވެ، އެ ކޮންޓްރެކްޓްތައް ވެގެންދަނީ އެ ކާމިޔާބުކުރާ ފަރާތްތަކަށް ވަރަށް ބޮޑު މާލީ ފައިދާއަކަށެވެ. ނަތީޖާއެއްގެ ގޮތުން، ބޮޑުވާއަގާއެކު، ކޮރަޕްޝަންގެ ހިރާސްވެސް ބޮޑެވެގެންދެއެވެ. އަކި ވަކިން ޚާއްޞަކޮށް، އެފަދަ މަޝްރޫޢުތައް ހިންގާކަން އާންމުންނަށް ނޭނގޭ ޙާލަތުގައެވެ.
އިންތިޤާލީ ޙާލަތެއްގައި އޮތް ކޮސޯވޯގައި މިފަދަ ހިރާސްތައް އަދި ވަކިން ބޮޑެވެ. ލިބެންހުރި ވަޞީލަތްތަކުގެ މަދުކަމާއެކު އެންމެ އެކަށީގެންވާ ގޮތެއްގައި ފައިސާ ޚަރަދުކުރުމަކީ މިފަދަ ޤައުމަކަށް މުހިންމުކަމެކެވެ. އެހެންކަމުން ދައުލަތުން ގަންނަ ތަކެތީގެ ލިސްޓަށް ބޭހެއް އިތުރުކޮށްފިނަމަ އޭގެ ސަބަބުން އެހެން ބޭހެއް އުނިކުރަންޖެހޭނެއެވެ. ކަންތައްތައް މިހެން ވިޔަ ނުދިނުމަށްޓަކައި ކޮސޯވޯގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މަރުކަޒުން މިފަދަ އާ ކޮންޓްރެކްޓްތައް ރަނގަޅަށް ބަލަމުން ގެންދެއެވެ. އަދި ތަޖުރިބާކާރުންގެ އެހީގައި މިބިޑްތައް ލިބެނީ އެންމެ އެކަށީގެންވާ ބަޔަކަށް އެންމެ ރަނގަޅު އަގުގައިތޯ ބެލުމަށް އެމީހުން މަސައްކަތްކުރެއެވެ.
ޓީއައި އިން މިކަންތައް ބަލަމުންދިޔަ ފަރާތްތަކަށް، 2012 ވަނަ އަހަރުގެ ފަހުކޮޅުގައި، އެއް އައިޓަމަކުން މައްސަލައެއް ފާހަގަކުރެވުނެވެ. ” ދައުލަތުގެ ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ލިސްޓުގައި ހުރި ބޭސްތައް އަހަރުމެން ބެލިއިރު ފާހަގަވީ، ކެންސަރަށް ފަރުވާކުރާ ބޭހެއްގެ ގޮތުގައި މޭނުބައިކުރާތީ ދޭ ބޭހެއް ލިޔެފައިވާކަން.” އެމަރުކަޒުގެ ޕްރޮޖެކްޓް މެނޭޖަރ އަދި އެކޮންޓްރެކްޓްތައް މޮނިޓަރކޮށް ބެލުމުގެ މަސައްކަތް ބެލެހެއްޓި ފަރާތްކަމުގައިވާ މެރިޓާ ބުންޏެވެ. ހަމައެކަނި އެބޭސް ނުބައި ލިސްޓެއްގައި ލިޔެފައިވުން އެކަންޏެއް ނޫނެވެ. އެބޭހަށް އަގުދިފައިވަނީވެސް ނުބައިކޮށްކަން އެބޭފުޅުންނަށް ފާހަގަކުރެވުނެވެ.
“އޭގެ ދެއަހަރު ކުރިން ދައުލަތުންވަނީ ދެ ބާވަތެއްގެ ހޮޑުލެވޭތީ ދޭ ބޭހެއް އެންމެ -/7920 ޔޫރޯ އަށް ގަނެފަ.” މެރިޓާ ކިޔައިދިނެވެ. “އެހެން ނަމަވެސް މިހާރު އެދެބޭސް ކެންސަލުކޮށް އާ ވައްތަރެއްގެ ބޭހަކަށް ބަދަލުކޮށްފައިވާ އިރު އެބޭހުގެ ޖުމްލަ އަގު 1.2 މިލިއަން ޔޫރޯއަށް އަރާ.” އެހެން ގޮތަކަށް ބުނާނަމަ، ބިލުގެ ޖުމްލަވަނީ 15000 އިންސައްތަ އިތުރުވެފައެވެ. އަދި އެބޭހުގެ އަގު 60 އިންސައްތަ އިތުރުވަނީ އެކަންޏެއް ނޫނެވެ. އެބޭސް އޯޑަރުކުރާ އަދަދުވެސް ކުރިޔަށްވުރެ ދެގުނަ އިތުރުކޮށްފައިވެއެވެ.
މިބޭސްތައް ގަންނަ ސަޕްލަޔަރު ބަދަލުކުރުމަށް އެއްވެސް ސަބަބެއް އޮތްތޯ ބަލަން ޓީއައި އިންވަނީ ފަރމަސޫޓިކަލް ތަޖުރިބާކާރުންނާ މަޝްވަރާކޮށްފައެވެ. އެހެން ނަމަވެސް ޤަބޫލުކުރެވޭ އެއްވެސް ކަހަލަ ޞިއްޙީ ފައިދާއެއް އެބޭފުޅުންނަށް ފާހަގައެއް ނުކުރެވުނެވެ. މީގެ އިތުރުންވެސް ޓީއައި އިންވަނީ އެސަރަޙައްދުގެ އެހެނިހެން ޤައުމުތަކުން ބޭނުންކުރާ ޕްރޮކިއުމަންޓް ގޮތްތައްވެސް ދިރާސާކޮށް އެފަރާތްތަކުން އެބޭހަށް ބަރޯސާވޭތޯ ބަލާފައެވެ. އެހެންނަމަވެސް އެހެން ޤައުމަކުން އެބޭސް ގަނެފައެއް ނުވެއެވެ.
ޓީއައި އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެމީހުންގެ މި ހޯދުންތައް ޢާއްމުކުރުމުން، މިވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. އަދި ނަތީޖާއެއްގެ ގޮތުން އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު މިމައްސަލަ ބެލުމަށް ކޮމިޓީއެއް ކަނޑައެޅިއެވެ. މިފަދަ އަގުބޮޑު ކޮންޓްރެކްޓަތަކުގައި ސޮއިކުރާ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އެ ކޮންޓްރެކްޓް ދޫކޮށްލުމުގެ ބާރު ޞިއްޙަތާ ބެހޭ ވަޒީރަށް ލިބިގެންވެއެވެ. ކޮމިޓީއާއެކު މަޝްވަރާކުރުމަށްފަހު، ވަޒީރު ޓީއައިގެ ދިރާސާ ޤަބޫލުކޮށް ކޮންޓްރެކްޓްގައި ސޮއިކުރަން އިންކާރުކުރިއެވެ. އަދި އެބޭސް ކޮންމެހެން ބޭނުންވާ ލިސްޓުން އުނިކުރެވި މޭނުބައިކުރާތީ ދޭ ބޭހެއްގެ ގޮތުގައި ބަދަލުކުރެވުނެވެ.
ދައުލަތުގެ ޕްރޮސެކިއުޓަރުންނާއި އިޤްތިޞާދީ ފުލުހުން ގުޅިގެން މިމައްސަލަ ދިމާވާން މެދުވެރިވި ސަބަބު ހޯދުމަށް ތަޙްޤީޤްދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ރަސްމީ ނަތީޖާއެއް ލިބިފައި ނުވިނަމަވެސް، ސާފުވާ އެއްކަމެއް އެބައޮތްކަން މެރިޓާ ފާހަގަކުރެއެވެ. “ޞިއްޙީ ދާއިރާގެ ޕްރޮކިއުމަންޓްގެ ކަންކަމަކީ މީހުންނަށް ނޭނގޭނެހެން ފޮރުވިފައި ބެހެއްޓޭ ވަރަށް ވުރެން މާ މުހިންމު ކަންތައްތަކެއް. އަހަރުމެންގެ ބަޖެޓާއި ރައްކާތެރިކަމަށްޓަކައިވެސް، މިކަމުގައި ކަން ހިނގާ ގޮތް ޢާއްމުންނަށް އެނގެންޖެހޭ.”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ޑްރަގް ޑީލް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/drug_deal



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×