ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް އޭސީސީން ފާހަގަކޮށްފި

20 Apr 2017

2017 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޖަލްސާއެއް 20 އެޕްރީލް 2017 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮންފަރެންސް ހޯލުގައި ބާއްވައިފިއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ހަސަން ޒިޔަތެވެ. ކޮންމެ އަހަރެއްގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޭޕްރީލްމަހުގެ 21 ވަނަ ދުވަހެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނު އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔަތު ވަނީ ނުޙައްޤުން ލިބިގަންނަ ނާޖާއިޒު މުއްސަނދިކަމާގުޅޭ މައްސަލަތައް ބެލުމުގެ ބާރުވެރިކަން އޭސީސީއަށް ލިބޭގޮތަށް ކަމާބެހޭ ޤާނޫނުތަކާ ގަވާއިދުތަކަށް ބަދަލުގެންނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް އޮޑިޓަރ ޖެނެރަލް ގޮވާލެއްވިއެވެ. އަދި ޤައުމުތަކުގައި ކޮރަޕްޝަނާ ފަސާދަ ޢާއްމުވެގެންދަނީ ނުބައިމީހުން ގެ ސަބަބުން އެކަނި ނޫންކަމަށާއި ޤައުމުތައް ފަސާދަވެދަނީ ތަންދޮރުދަންނަ ރަގަޅު މީހުންނަށް ކޮންމެގޮތެއް ވަރިހަމަވެ އެފަރާތްތަކުގެ ދައުރު އަދާ ނުކުރުމުންކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ދެއްކެވި ވާހަކަފުޅުގައި އޭސީސީގެ އިންވެސްޓިގޭޓަރުންނަކީ ހުރިހާ ނުފޫޒަކުން އެއްކިބާވެ މިނިވަންކަމާ މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ ހީވާގި ބައެއްކަމަށާއި އޭސީސީގެ މުވައްޒަފުންގެ ފަރާތުން ފެންނަ އެންމެ ރަނގަޅު ސިފަޔަކީ ނަޒާހަތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގެ ޢަޒުމްގައި ސާބިތުކަމާއެކު މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

މި ޖަލްސާގައި އޭ.ސީ.ސީގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތާއި، ކޮމިޝަނުން މުޅިން އަލަށް ނެރޭ ހުދު ކަރުދާސް ސީރީޒް ގެ ފުރަތަމަ ކަރުދާސް “އިންތިޚާބާ ގުޅިގެން ހިންގާ ކޮރަޕްޝަން – ޤާނޫނާ ޚިލާފަށް ހޯދާ ކެމްޕޭން ފައިސާ” ވަނީ ޢާއްމުކޮށްފައެވެ. އަދި ކޮމިޝަނުން ކޮންމެ ކުއަރޓަރ އަކު ނެރޭ “ބިތުފަންގި” ބުލެޓިން ގެ 5 ވަނަ ޢަދަދުވެސް ނެރެދެއްވާފައިވެއެވެ. މީގެ އިތުރުން ކޮމިޝަނުގެ ވެބްސައިޓްގައި ކޮންމެ ހަފްތާއަކު އެއް ފަހަރު ޝާއިޢުކުރަމުންދާ ވާހަކަތައް އެއްކޮށް ތެދުވާހަކަ ފޮތެއްގެ ސިފައިގައި ޢާންމުކޮށްފައިވެއެވެ. ހަމައެއާއެކު މިޙަފްލާގައި ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ހާޟިރީއިން އެންމެ މަތިން މަރކްސް ހޯދި ފަރާތްތަކަށާއި އެޕްރައިޒަލްއިން 90 އިން މަތި ހޯދި ފަރާތްތަކަށް ހަނދާނީލިޔުން ވަނީ ދީފައެވެ. މިފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލްކޮށްދެއްވީ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔަތެވެ.

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ކުޑަ ކުދިންގެ ހަވީރެއް އިންތިޒާމްކުރުމުގެ އިތުރަށް ގިނަ ކުޅިވަރު ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކުރުމަށްވެސް ހަމަޖެހިފައިވެއެވެ. 2016 ވަނަ އަހަރުގެ އޭސީޑޭގެ ރަސްމީ ހަރަކާތްތައް ފަހުގެ ތާރީޚެއްގައި ދ.ކުޑަހުވަދޫގައި ކުރިއަށް ގެންދިއުމަށް އޭސީސީންވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×